ރައްޔިތުންގެ ހައްގުގައި އިހުތިޖާޖުކުރުމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރުވަމުންދާކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެމ
ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށްް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޖޫން 14 ގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިހުތިޖާޖުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ބައްދަލުވުންތައް އަތޮޅުތެރެއަށް ފުޅާކޮށް އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހއ އަތޮޅަށް ނިސްބަތްވާ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މެމްބަރުންގެ މެދުގައެވެ.
ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެއަތޮޅުގެ ރަށްރަށުގައި ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތަކުގައި އިސްކޮސް މަސައްކަތްކުރައްވާ މަންދޫބުންނާއި އެކީގައެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕިޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކޯލިޝަންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމާއި، ސިޠާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުންވެސް ވަނި މަޝްވަރާކޮސްފައެވެ. މީގެ އިތުރަށް އަތޮޅުތަކުގެ މަންދޫބުން ވަނީ އެރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިދިކޮޅު ލީޑަރޝިޕާއި ހިއްސާކޮށްފައިވާކަމަށް އިދކޮޅު ކޯލިޝަނުން މައުލޫމާތު ދެއެވެ. މީގެ އިތުރަށް، ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ރައްޔިތުންގެ އުދާސްތައް ހުރިކަން ފާހަގަކޮށް، ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުކުރުމަށް ހުށައަޅުއްވާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދކޮޅު ކޯލިޝަނުން އިހުތިޖާޖުތައް ފެށުމަށް ނިންމާފައިވާއިރު އެކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައްވެސް ބޯއީކޮޓްކޮށްފައެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް އިދިކޮޅު މެމްބަރުންނަށް އުނދަގޫކޮށް ޖެއްސުންކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

