މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ޑިއުޓީއަށް އެރި ފައިސާ 16 މިލިއަނަށްވުރެ ގިނަ ރުފިޔާ މާފުކޮށްދީފައިވާކަމަށް މޯލްޑިވްސް ކަސްޓަމްއިން ބުނެފިއެވެ.
ކަސްޓަމްސް އިން ޢާންމުކުރި ތަފާސްހިސާބުތަކުގައިވާގޮތުން، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ މާފުކޮށްދެއްވުމަށް ރައީސް ޞާލިޙް ނިންމަވާފައިވާތީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ ޑިއުޓީން 16.2 މިލިއަން ރުފިޔާ މާފުކޮދީފައިވާކަމަށެވެ.
މި ގޮތުން ޑިއުޓީ މާފުކުރި ތަކެތީގެތެރޭގައި، ސިއްހީ ކަންކަމަށް ބޭނުންކުރާ ގޮގުލްސް އާއި، ޕްރޮޓެކްޓިވް ގައުންސް އާއި، ކަވަރއޯލްއާއި، ހަޒްމަޓްސޫޓްސްއާއި، ސަރޖަންސް ކެޕްސްގެ އިތުރުން ޝޫކަވަރު ފަދަ ތަކެތި ހިމެނެއެވެ. އޭގެ އިތުރުން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ މާސްކާއި، އަންގިއާއި، ފޭޝް ޝީލްޑްއާއި، ހޭންޑް ވޮޝް އަދި ސެނިޓައިޒަރ ފަދަ ބާވަތްތައް ވެސް ހިމެނެއެވެ.

