ނިއުނޯމަލްގެތެރެއިން، އަންނަ ޖުލައި މަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން، ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓުއަރިޒަމް ގައިޑްލައިނަށް ބަދަލުތަކެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް ޞާލިހް މި ގޮތަށް ނިންމަވާފައިވަނީ، މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ”ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ“ ގެ ދެވަނަ ބައްދަލުވުމުގައި، ޓާސްކްފޯހުގެ މެންބަރުންނާއި ކުރެއްވި މަޝްވަރާގައިކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. މި ގޮތުން ރާއްޖޭގެ ބޯޑަރުތައް ޖުލައިމަހުގައި ހުޅުވަން ނިންމާފައިވާއިރު، އެކަމުގައި ސަރުކާރުގެ ވިސްނުންހުރި ގޮތް ޓާސްކްފޯހުގެ މެންބަރުންނާއި ހިއްސާކުރައްވާފައިވެއެވެ. ނަމަވެސް، ސޭފް ޓުއަރިޒަމް ގައިޑްލައިނަށް ގެންނަވަން ރައީސް ނިންމަވާފައިވަނީ ކޮން ބަދަލުތަކެއްކަމެއް ރައީސް އޮފީހުން ހާމައެއްނުކުރެއެވެ.
މި ބައްދަލުވުމުގައި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ޢަމަލުކުރަން ނިންމާފައިވާ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ކޮވިޑް-19 އަށް ފަތުރުވެރިންގެ ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބައެއް މާއްދާތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައިހުރި ކަންކަމާ ބެހޭގޮތުންނާއި، ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި، ފަތުރުވެރިންނާއި، ރާއްޖޭގައި އުޅޭ އެހެނިހެން ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ“ ގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު، އިއްޔެވަނީ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކަކީ، ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު، މިހާރު ބައްޔާއިގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކޮށް، އިޤުތިޞާދީ ދުވެލި އާރާސްތުކުރުމަށް މަޝްވަރާކޮށް ކުރާނެ ކަންކަން އިންތިޒާމުކޮށް، އެފަދަ ކަންކަންކުރަން ފައިސާހޯދަންކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

