ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓެއް ނަގައިފިނަމަ ރަްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް އިތުބާރު ނެތްކަން ޔަގީން ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ސައީދު ކުރެއްވި ޓުވުޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައީސް ނަޝީދު ކަމަށް އެމަނިކުފާން އަމިއްލަފުޅަސް ދެކެވަދައިގަތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހަކީ ރައީސް ނަޝީދު ކަމަށް އެމަނިކުފާން އަމިއްލަފުޅަސް ދެކެވަދައިގަންނަވާތީ އެމްޑީޕީގެ މެމްބަރުން ވެސް ނުރުހުންފާޅު ކުރައްވާ ޝަކުވާ ކުއައްވާ ކަމަށެވެ. އެހެން ކަމުން ސިއްރު ވޯޓެއް ނަގައިފިނަމަ މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވަން ނުފެންނަ ކަމަށް ފާސްވާނެކަން ޔަގީންވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މަޖިލީހަކީ ރައީސް ނަޝީދު ކަމަށް އެމަނިކުފާން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ސައީދު ޓުވީޓް ކުރެއްވީ ބައެއް ބޭފުޅުންގެ ވާހަކަތައް ހުންނެވީ އެ ބޭފުޅަކީ ސީދާ ފުލުހުންގެ މުއައްސަސާ ކަމަށް ހީވާ ފަދަ ގޮތަކަށް ކަމަށާއި އެ ގޮތަށް ދެކިގެން ހިޔާލު ފާޅު ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވެފައިވާތީއެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ބައެއް ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ވާތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން އިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ހުންނެވީ ފުލުހުންގެ އަގު ވެއްޓިގެންދާނެ ގޮތަކަށް ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާފައިވެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ދައްކާފައިވާ ވާހަކަތަކަށް މިހާރުގެ ފުލުހުންގެ އިސް ބޭފުޅުން ވެސް ރައްދު ދެއްވައިފަ އެވެ.

