ކޮވިޑް-19 އާއި ގުޅިގެން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި، ޢަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީން( އެޗްޕީއޭ) ޢާންމުކޮށްފިއެވެ.
އެޗްޕީއޭއިން ޢާންމުކުރި މި އުސޫލަކީ، ނިއުނޯމަލްއަކަށް ރުޖޫޢަވުމަށް އަޅާ ފިޔަވަޅުތަކުގެތެރެއިން، ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި ކޮވިޑް-19 އިން ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި ކަންތައްތައް ކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުސޫލެއްކަމަށް އެ އެޖެންސީން ބުނެއެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިމް އަދި ފިޓްނަސް ސެންޓަރުތަކަށް އެއް ވަގުތެއްގައި ދާމީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލް އެކުލަވައިލަން ޖެހެއެވެ. މީގެ އިތުރުން، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމާއި، ފިޓްނަސް ސެންޓަރު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެޕޮއިންޓްމަންޓް ދިނުމުގައި، ކޮވިޑް-19 އިގެ އެއްވެސް އަލާމާތެއް ހުރިތޯ ސުވާލުކުރުމަށާއި، އަދި އެއްވެސް އަލާމާތެއް ހުރިކަމަށްވާނަމަ، އެ ތަންތަނަށް ނާންނަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޚިދުމަތް ހޯދަން އެ ފަދަ ތަންތަނަށްދާ މީހުން ހަރަކާތްތެރިވެ އުޅޭއިރު މަދުވެގެން 03 ފޫޓުގެ ފިޒިކަލް ޑިސްޓެންސިން ނުވަތަ ގައިދުރުކަން ކަށަވަރު ކުރެވިފައިހުންނަންވާނެކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ 05 މިނެޓު ކުރިން ދިއުމާއި، ސެޝަންތައް ފަށާގަޑީގައާއި، ނިމޭގަޑިތަކުގައި މީހުންނަށް ބައްދަލުވުނުވެ އުޅެވޭފަދަ ގޮތަކަށް، އެއް ތަނަކަށް ގިނަ މީހުން ޖަމާނުވާގޮތަށް ގަޑިތަކުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް، އުސޫލުގައިވެއެވެ. އަދި ޖިމަށް ވަންނަ ވަގުތުގައާއި، ނުކުންނަ ވަގުތުގައި ވެސް، ފިޒިކަލް ޑިސްޓެންސިން ނުވަތަ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ދެ މީހުންގެ ދެމެދުގައި މަދުވެގެން 03 ފޫޓު ގެ ދުރުމިނެއް ހުންނަގޮތަށް ކިޔުއެއްގައި ތިބެގެން، ވަދެ ނުކުމެވޭނެގޮތް ހަމަޖައްސަންވާނެކަމަށް ބަޔާންކޮސްފައިވެއެވެ.
އޭގެ އިތުރުން ޖިމާއި، ފިޓްނަސް ސެންޓަރުތަކުގައި ބޭނުންކުރަން ގެންގުޅޭ އާލާތްތައް ސާފުކުރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކަމަށް ކަނޑައަޅާފައިވާ މުވައްޒަފަކު ހުރުމާއި ނުވަތަ އެ ކަން ކަށަވަރުކުރެވޭނެ އިންތިޒާމެއް ތަނުގައި ހަމަޖައްސަންޖެހޭނެކަމަށާއި، ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި، އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދުތައް ޢިމާރާތުގެ ދޮރުކައިރީގައްޔާއި، އެތެރޭގައި ވެސް ފެންނާނެފަދަ ގޮތަކަށް ބަހައްޓަންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ. ހަމައެހެންމެ، ސައިބޯނި ލައިގެން އަތް ދޮވެވޭނެ ނުވަތަ ސެނަޓައިޒަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށާއި، މަދުވެގެން ތިން ފޫޓަށްވުރެ ޑިސްޓެންސިންއެއް ނުބެހެއްޓޭނަމަ ގުރޫޕް ކްލާސްތައް ކުރިއަށް ނުގެންދަން އަންގާފައިވެއެވެ. މީގެ އިތުރުން، އެ ފަދަ ތަންތަން ސާފުކޮށް، ޑިސްއިންފެކްޓްކުރަންވާނެކަމަށް ވެސް އަންގާފައިވެއެވެ.
ޖިމްގައި ކުރަން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ކާބޯތަކެތި ވިއްކާފަދަ ތަންތަން ޖިމްތެރޭގައި ހުރެގެންނުވާނެކަމަށާއި، ސްޓީމް ރޫމްފަދަ ތަންތަން މި ވަގުތު ބޭނުންކުރުމަކީ އެދެވިގެންވާކަމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޚިދުމަތް ލިބިގަތުމަށްދާ ފަރާތުން ގެންދާ ފެންފުޅި ރިލީފްކުރެވޭނެ ގޮތަށް މެޝިނެއް ބެހެއްޓުން އެންމެ ރަނގަޅުކަމަށާއި، ފެން ބުއިމަށް ވަކިން ބޭނުންކޮށް އެއްލާލެވޭ ޑިސްޕޯސަބަލް ތަށި ވެސް ބޭނުން ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި، ޢަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން ހާމަކޮށްފައިވީ ނަމަވެސް، މި ފަދަ ތަންތަން ހުޅުވައިލުމުގެ ހުއްދައެއް އަދި ދީފައެއްނުވެއެވެ. ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި، ޢަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން އެކުލަވާލާފައިވާއިރު، ކޮވިޑް-19 ޕެންޑަމިކްގައި ސިއްހީ ކުއްލި ހާލަތުގައި، ވައިގެ މަގުންނާއި، ކަނޑުގެ މަގުން ބަލިމީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލާއި، ޕާކު ތަކާއި މައިޒާން ފަދަ ތަންތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލު ވެސް ވަނީ މިއަދު ޢާންމުކޮށްފައެވެ.

