ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދެއް ކަމަށްވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދުން ގާނޫނުން ލާޒިމް ކުރުމަށް މެމްބަރުން ބޭންފުޅުވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ތަޢުލީމުގެ ބިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ވިދާޅުވީ ތައުލީމްގެ ބިލް ފަރުވާ ކުރެވިގެން ގާނޫނަކަށް ވެގެން އަންނައިރު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުން ގާނޫނުން ލާޒިމް ކުރުމަސް މެމްބަރުން ބޭނުންވާ ކަމަށެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުން ގާނޫނުން ލާޒިމް ނުކޮށްފިނަމަ ސަރުކާރު ބަދަލުވެ އައު ސަރުކާރެއްގެ ސިޔާސަތުތަކަސް އަންނަ ބަދަލުތަކާއިއެކު އެތައް ކުދިންނެއް މަގުމަތިވެގެންދާނެ ކަމަށެވެ. އެހެން ކަމުން ފުރަތަމަ ޑިގްރީއަސް ކިވަިައިދިނުމަކީ ގާނޫނުން ލާޒިމް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މެމްބަރުން ދެކޭ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައި ދިނުމަށް ގާނޫނަކުން މަޖުބޫރުކުރާއިރު އެކަމަށް ޗަރުތުތަކެއް ކަނޑައެޅިފައި އޮތުން މުހުންމު ކަމަށެވެ. އެގޮތުން ޑިގްރީ ނިންމުމަށް ފަހު ސަރުކާރަށް ހިދުމަތް ކުރުމާއި އަދި އެންމެ ބޭނުންވާ ދާއިރާތަކުން ކިޔަވައިދުނުން މުހިންމު ކަމަށް މިނިސްޓްރީގެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ކުދި ތަންތަނުގައި ތަންރީން ނެތް ޓީޗަރުން ޕްރީ ސްކޫލްތައް ހިންގާ ހިންގުން ނިމުމަކަށް ގެންނަން ޖެހޭކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ވަނީ އެކަމާއި ބެހޭ ގޮތުން ވެސް ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.
މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީޕްރީ ސްކޫލްތަކާއި ޕްރައިމަރީ ސްކޫލްތަކުގެ ގޮތުގައި ކިޔަވައިދޭ ތަނެއް ރަޖިސްޓްރީ ކުރާއިރު ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ. މި ބިލު ޤާނޫނަކަށްވެ ފާސްކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ކިޔަވައިދޭ ތަންތަން އަލުން ރެޖިސްޓްރީ ކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ދިނުމަށް ކޮމިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ސުކޫލްތައް ފިޔަވައި ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ތައުލީމުގެ ބިލުގައި ވަނީ ބުނެފައެވެ. ތަޢުލީމާ ބެހޭ ބިލުގައި ވަނީ އެތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ އުސޫލު ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހަދާ ޤަވާއިދެއްގެ ދަށުން ކަމަށެވެ. އަދި އެ ޤާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ހިންގާ ތަންތަންވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

