07 ފެބްރުއަރީ ރަނގަޅަށް ތަޙުޤީޤުކޮށްފިއްޔާ ހައްޔަރުވާން ޖެހިވަޑައިގަންނަވާނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އޭނަގެ ބައިވެރިންކަމަށް ޕީއެންސީގެ އިންތިޤާލީ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިކަން އިޢުލާނުކުރެއްވުމަށްޓަކައި، ހޯމަދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލައްވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ، 07 ފެބްރުއަރީ އެ ފެންވަރަށް ގެންނެވީ ނުވަތަ އެ ހާލަތު އުފެއްދެވީ ކެނެރީގޭ މުޙައްމަދު ނަޝީދުކަމަށެވެ. އަދި 07 ފެބްރުއަރީ ރަނގަޅަށް ތަޙުޤީޤުކޮށްފިއްޔާ ހައްޔަރުވާން ޖެހިވަޑައިގަންނަވާނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އޭނަގެ ބައިވެރިންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، 07 ފެބްރުއަރީއާއެކީގަ 08 ފެބްރުއަރީ ވެސް ތަޙުޤީޤުކުރަންޖެހޭ ކަމަށާއި ނަމަވެސް އެ ވާހަކައެއް ނުދައްކާކަމަށެވެ. އަދި 07 ފެބްރުއަރީގައި އިސްތިއުފާ ދެއްވާފައި، 08 ފެބްރުއަރީގައި އައުވާނުންނާއެކު ނިކުމެވަޑައިގެން މުޅި މާލޭގަ ހުޅުޖަހައި، ފުލުހުންނާއި މާރާމާރީ ހިންގައި، ރާއްޖޭގެ އެކި ހިސާބުގައިހުރި ޕޮލިސް ސްޓޭޝަންތައް އަންދާލައި، ސަރުކާރުގެ ވެހިކަލްތައް ރޯކޮށްލީ ވެސް ރައީސް ނަޝީދުކަމަށެވެ.
”އެކަމަކު ދިވެހިރާއްޖޭގެ 07 ފެބްރުއަރީ އެ ފެންވަރަށްގެނައީ، ނުވަތަ އެ ހާލަތު އުފެއްދީ، ކެނެރީގޭ މުޙައްމަދު ނަޝީދު، އެހެންވީމަ އަޅުގަނޑު ވަރަށް ކެރިގެން މި ދަންނަވަނީ، 07 ފެބްރުއަރީ ރަނގަޅަށް ތަޙުޤީޤުކޮށްފިއްޔާ ހައްޔަރުވާންޖެހޭނީ ކެނެރީގޭ މުޙައްމަދު ނަޝީދާއި އޭނަގެ ބައިވެރިން. އަދި އަޅުގަނޑު ގޮވާލަން 07 ފެބްރުއަރީއާއެކީގަ 08 ފެބްރުއަރީ ތަޙުޤީޤުކުރަން، އެ ވާހަކައެއް ނުދައްކާ. 07 ފެބްރުއަރީގަ އިސްތިއުފާ ދެއްވާފަ 08 ފެބްރުއަރީގަ އައުވާނުން ގޮވައިގެން ނިކުމެ މުޅި މާލޭގަ ހުޅުޖެހީ ފުލުހުންގައިގަ ތެޅީ. ރާއްޖޭގެ އެތަން މިތާގަހުރި ޕޮލިސް ސްޓޭޝަންތައް އަންދާލީ، ސަރުކާރުގެ ވެހިކަލްތައް ރޯކޮށްލީ، މިހެންގޮސް މި ޤައުމަށްދިން ގެއްލުންވެސް އެބަޖެހެއެއްނޫންތޯ ބަލަން.“ ޢަބްދުއްރަޙީމް
ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ޙަޤީޤަތްކަމަށާއި، ރައީސް ވަޙީދު އަދާކުރެއްވީ ޤާނޫނު އަސާސީން ރައީސް ވަޙީދުގެ މައްޗަށް ލާޒިމުކުރާ މަސްއޫލިއްޔަތެއްކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިވެވަޑައިގެންފިއްޔާ ނޫނީ، އެ މަޤާމު ހުސްވެއްޖިއްޔާ ދެން އެ މަޤާމާއި ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުުޅަކީ، އެ ވަގުތު ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅެއްކަމަށެވެ.
މި ގޮތުން ރައީސް ވަޙީދު ކުށްވެރިވާންޖެހޭ އެއްވެސް ސަބަބެއްނެއްކަމަށާއި، އެ މަނިކުފާނު އަދާކުރެއްވީ ޤާނޫނީ މަސްއޫލިއްޔަތެއްކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
”ރައީސް ވަޙީދު އަދާކުރެއްވީ ޤާނޫނު އަސާސީން ރައީސް ވަޙީދުގެ މައްޗަށް ލާޒިމުކުރާ މަސްއޫލިއްޔަތެއް މީ އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިވެއްޖިއްޔާ ނޫނީ، އެ މަޤާމު ހުސްވެއްޖިއްޔާ ދެން އެ މަޤާމާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުުޅަކީ، އެ ވަގުތު ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅެއް. އެހެންވީމަ އެއީކީ އަދި ރައީސް ވަޙީދު ކުށްވެރިވާންޖެހޭ ސަބަބެއްނޫން. އެ މަނިކުފާނު އަދާކުރެއްވީ ޤާނޫނީ މަސްއޫލިއްޔަތެއް.“ ޢަބްދުއްރަޙީމް
ޢަބްދުއްރަޙީމް ވަނީ، ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށް އޮޅިގެން ނަމަވެސް ނުވަތަ ނުޙައްޤުން ނަމަވެސް އަރާ އިށީނދެވަޑައިގެން މި ރާއްޖޭގަ ހަމަނުޖެހުން އުފައްދަވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް ބައްލަވައެއް ނުގަންނަވާކަމަށް ވިދާޅުވެފައެވެ.

