ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި މުޅި ދިވެހިރާއްޖެ ދެކެއެވެ. އެއީ މަރުގެ އަދަބު ދޭންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރާ މީހުން ރާއްޖޭގައި ވަރަށް ގިނައެވެ.
އާންމުގޮތެއްގައި މިފަދަ މައްސަލަތަކުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޖެހެނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ. ހެކި ހުރެ ކުށް ކުރި މީހާ ދޫކޮށްލަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިނގަމުންދާއިރު 15 ދުވަހަށްވުރެ ގިނަ ދުވަހު މީހަކު ބަންދުގައި ބެހެއްޓޭނީ އެކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ވާނަމައެވެ. އެހެންނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އަދިވެސް ގާނޫނު އަސާސީ ބުނާ ގޮތުންނަމަ ”ބޮޑު ކުށެއް“ ނޫނެވެ.
ދިވެހިރައްޖޭގެ ގާނޫނުލް އުގޫބާތުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ
މީހުން މެރުމުގެ ކުށް، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް، ޓެރަރިޒަމްގެ ކުށް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، މީހުން ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ވައްކަން، ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް، ކޮރަޕްޝަންގެ ކުށް، ގޭންގު ކުށް، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން އަދި ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުމެވެ. އެއްވެސް ހާލެއްގައި ކުޑަކުދިންނަށް ކުރާ އެއްވެސް ކަހަލަ ގޯނާއަކީ ބޮޑު ކުށެއްގެ ގޮތުގައި ފާހަގަކޮށްފައެއް ނުވެއެވެ.
ކަންމިހެން ހުރުމާއިއެކު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައިވެސް، ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށަކަށް ނުވާތީ މީހަކު މިވަނީ ޝަރީއަތް ހިނގަމުންދަނިކޮށް ބަންދުން ދޫކޮށްލާފައެވެ. މެއި މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި މީހަކު އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމުގައިވިޔަސް، އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލި މީހާގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ޖަހާފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޖޫން މަހުގެ 12 ވަނަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިޔުމުން، އިތުރު 10 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. މިދެފަހަރުވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށްފައެވެ.
ތިންވަނަ ފަހަރަށް މުއްދަތު ޖަހަން ގެންގޮސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފަނަރަ ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓެން ނެތުމާއި ހައި ކޯޓުން ކޮށްފައިވާ އަމުރަށް ރިއާޔަތްކޮށް އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ގޮތެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް، ޖިނާއީ އިޖުރާއަަތުގެ ގާނޫނުގެ ދަށުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރެވެން ނެތްކަމުގައިވިޔަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ޚާއްސަ އުސޫލަކުން އަމަލުކުރުމާއި ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓޭނެކަމަށް ކޯޓު އަމުރުގައިވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ގާނޫނުގެ 30 ވަނަ މާއްދާގައި އެބުނާ ކަންކަން ފުރިހަމަކޮށްފައި ނުވުމާއި ގުޅިގެން އެކަން ކުރެވެން ނެތްކަމަށް ވަނީ ބުނެފައެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ގޮތްވެސް ހުއްޓެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ޚާއްސަ އުސޫލަކުން އަމަލުކުރުމާއި ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެފި ހާލަތެއްގައި ޕީޖީއިން އެފަދަ އަމުރަކަށް އެދި ކޯޓުގައި އެދިއްޖެނަމަ އެމީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިދާނެއެވެ.
ކަން މިހެން އޮތްއިރު، އެމީހާ ދޫކޮށްލީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. ކޯޓު އަމުރުގައިވާ ގޮތުން، މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރ ވިދާޅުވެފައިވަނީ ބަންދުގެ މުއްދަތު ފުރަތަމަ ޖެހި ދެފަހަރުވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތު ޖެހުމަށްފަހު ތިންވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ޚާއްސަ އުސޫލަކުން އަމަލުކުރުމާއި ބެހޭ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތު ޖެހުމަކީ ”ހަމަޖެހޭ ކަމަކަށް ނުވާނެ“ ކަމަށް ވިދާޅުވެފައެވެ. ”ހަމަޖެހޭ“ ނުވަތަ ”ހަމަނުޖެހޭ“ތޯ ބެލުމުގެ ބަދަލުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވިނަމަ، ގާނޫނުން އެކަމަށް ތަންދޭއިރު އެކަން އެގޮތަށް ނުކުރީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށް ފުލުހުންނާއި ކޯޓުތަކުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ބުނަމުންދާއިރު، މިފަދަ މައްސަލައެއްގައި މީހަކު ދޫވެގެން ދިޔުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި މިއީ އަދިވެސް ކަމުގެ ސީރިއަސްކަން ދައުލަތުގެ އިދާރާތަކަށް ނުވިސްނޭކަމުގެ ހެއްކެކެވެ. ނުވަތަ ދައުލަތަށް މިފަދަ މައްސަލަތައް ބޮޑުކަމަކަށް ނުވާ ކަމުގެ ހެއްކެކެވެ!

