ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ނަމުގައި އެ ދެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެ ދެ މުއައްސަސާ އިސްލާހު ކުރުމުގެ ބޭނުގައި ދައްކާ ވާހަކައެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުންހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިޙް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވެސް އަދި ސިފައިމްގެ ތެރޭގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި ގޯސްކޮށް ހިނގާ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. ނަމަވެސް ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން، މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ މުއައްސަސާގައިވެސް އިޞްލާޙްކޮށް ބަދަލުގެންނަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށާއި އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ސާލީހް ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ، ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި، މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުއައްސަސާ ކަމަށާއި ކޯވިޑްގެ ބަލިމަޑުކަމުގައި ވެސް ސިފައިންނާއި ފުލުހުން ވަރަށް ބުރަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ފިލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ފުލުހުންގެ މުވައްސަސާގެ އަގުވެއްޓޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖްލްސާގައި މެމްބަރުން ވާހަކަ ދައްކަވާފައިވަނިކޮށެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ.
ފުލުހުންނަކީ އެއްވެސް ތައުލީމެއް ނެތި، ނުވަތަ ގްރޭޑު 10 ގެ ވެސް ފެންވަރު ނެތް މީހުންގެ ގޮތުގައި ސިފަކޮށް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ އެއީ އަބަދުވެސް ރައްޔިތުންނަށް އަނިޔާ ކުރާ މީހުން ތިބި މުވައްސަސާއެއް ކަމަށެވެ. އަދި ޖަލުގެ ތެރޭގައި މީހުންނަށް އަނިޔާކޮށް ބައެއް މީހުން ގެއްލުވާލާފައިވާކަމުގައި ވިދާޅުވިއެވެ. ޖުޑީޝަރީ އިސްލާހުވުމުގެ ކުރިން، ފުލުހުން އިސްލާހު ކުރަން ނުވަތަ ޕޮލިސް ރީފޯމްއެއް ގެންނަން ޖެހޭކަމަށް ވިދާޅުވީ އޭނާ ވަނީ އެސްއޯ ފުލުހުން ވެސް އުފައްދައިގެން އުޅެނީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
މުހައްމަދު ރަޝީދު ވަނީ ފުލުހުން މަގުތަކަށް ނެރެންވީ ހުތުރު ސިފައެއްގައި ކަމަށް ވިދާޅުވެފައެވެ. އެއީ ސޯޓު ލައްވާ ދަނޑިބުރިއެއް ދީފައި ކަމަށާއި، އެއީ ”ސްމާޓް ޔުނިފޯމު ލައްވާފައި ތިބެން ޖެހޭ ބައެއް ނޫން“ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުތަކަށް ނެރެންޖެހެނީ ވެސް ސަރުދާރުންގެ ގޮތުގައިކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

