އިންސާނީ ޙައްޤުތަކާބެހޭ މުހިންމު ދެ މުޢާހަދާއެއް ތަޞްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް ޞާލީހް މި ގޮތަށް ނިންމަވާފައި މިވަނީ، ބުދަ ދުވަހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓްރީން ހުށަހެޅުއްވި 2 ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ދެއްވި ލަފާފުޅާއި ގުޅިގެންނެވެ.
މި ގޮތުން ރައީސް ޞާލިޙު ތަޞްދީޤުކުރެއްވުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްކަމަށްވާ ”އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)“ އާއި، ”އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)“ އާއި ބެހޭ މުޢާހަދާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އޯޕީއައިސީއީއެސްސީއާރް އަކީ، އައިސީއީއެސްސީއާރް އިޤްތިސާދީ ޙައްޤުތަކާއި، އިޖްތިމާޢީ ޙައްޤުތަކުގެ އިތުރުން ސަގާފީ ޙައްޤުތަކާއި ގުޅޭގޮތުން ފަރުދުންނަށާއި ޖަމާޢަތްތަކަށް، އައިސީއީއެސްސީއާރްގެ ކޮމިޓީއަށް ޝަކުވާހުށަހެޅުމުގެ ފުރުސަތުލިބިދޭ މުޢާޙަދާއެކެވެ. މި މުޢާޙަދާއަކީ، އދ ގެ ޢާންމު މަޖިލީހުން 2008 ވަނަ އަހަރު ޑިސެމްބަރު 10 ގައި ފާސްކުރި މުޢާޙަދާއެކެވެ. މި މުޢާޙަދާ ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލާފައިވަނީ، 2009 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުގައެވެ. މި ގޮތުން ދިވެހިރާއްޖެއިން މިމުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް، މުޢާޙަދާ ތަޞްދީޤުކޮށްފައިނުވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި، މެންބަރުން ވިދާޅުވި ގޮތުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމަށެވެ. މި ގޮތުން އެންމެ ފުރިހަމަ މާނައިގައި އައިސީއީއެސްސީއާރު އަށް ޢަމަލުކުރުމަށްޓަކައި، އޯޕީއައިސީއީއެސްސީއާރް މުޢާހަދާ ތަޞްދީޤުކުރުމަކީ މުހިންމު ކަމެއްކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
2006 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ގައި އެޑޮޕްޓްކޮށްފައިވާ ސީއީޑީ މުޢާހަދާއަށް 23 ޑިސެންބަރު 2010 ގައި ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވާއިރު، ރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ 2007 ވަނަ އަހަރުގެ ފެބުރުއަރީ 6 ގައެވެ. ސީއީޑީ މުޢާހަދާ ތަޞްދީޤުކުރުމުން، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިންދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެގެންދާނެކަމަށާއި، ރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ހައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާބެހޭ މި ފަދަ މުޢާހަދާތަކުގައި ބައިވެރިވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް ފޮރިން މިނިސްޓްރީގެ ހުށަހެޅުމުގައި ފާހަގަކުރެއްވިއެވެ.

