”ސްޓެލްކޯ ރަށްފެހި“ ޕްރޮގްރާމްގެ ދަށުން އިންދި ގަސްތަކުން މޭވާތައް ލިބިފައިވާކަމަށާއި، ލޮކްޑައުންގެ ތެރޭގައި ވެސް ތިލަފުށީގައި ޕްރޮގްރާމް ކުރިޔަށް ގެންދިޔަކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރާއްޖޭގެ ރަށްތައް ފެހި ކުރުމަށް ޓަކައި ސަރުކާރުން އިސްނަގައިގެން ފެށި، ”ރަށްފެހި ޕްރޮގްރާމް“ ގެ މެދުކެނޑުމެއް ނެތި ސްޓެލްކޯއިން ކުރިޔަށް ގެންދެއެވެ. މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުގެ ދަށުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމެވެ. އަދި ރާއްޖޭގައި ނެތެމުންދާ ކަމަށް ފާހަގަކުރެވޭ ގަސްތައް އިތުރުކުރުމެވެ.
ސަރުކާރުން މި ޕްރޮގްރާމް ފެށިފަހުން، ސްޓެލްކޯއިން ޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދެއެވެ. އަދި ސްޓެލްކޯއަކީ ގަވައިދުން މި ޕްރޮގްރާމް ކުރިޔަށް ގެންދާ ހަމައެކަނި ކުންފުނިމެއެވެ.
ލޮކްޑައުންގެ ތެރޭގައި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން މީޑިއާތަކަށް ބުނެފައިވަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން މިދިޔަ 2019 ވަނަ އަހަރާއި މި އަހަރުވެސް ”ސްޓެލްކޯ ރަށްފެހި“ ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގި ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އިންދާފައިވާ ބައެއް ގަސްތަކުން ތިމާވެއްޓަށް ފައިދާ ލިބުމުގެ އިތުރުން، މިހާރު ވަނީ މޭވާ ލިބެންފަށާފައިވާ ކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.
އެގޮތުން މިލޮކްޑައުންގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ބައެއް ގަސްތަކުން ވަނީ މޭވާ ލިބިފައިވާއިރު އޭގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރުގެ ހިމެނެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ މިދިޔަ ރަމަޟާން މަހާއި ލޮކްޑައުން ދިމާވުމުން މީގެ ތެއިން ބައެއް ބާވަތްތަށް ތިލަފުށީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަދިޔާ ކުރި ކަމަށެވެ.
މީގެ އިތުރުން މިއަހަރު ތެރޭ އއ. ފެރިދޫ އިންޖީނުގޭގައި ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުން ވެސް ވަނީ މޭވާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ދަނޑި އަލުވި، ކުންނާރު، މިރުހުގެ އިތުރުން ކަރަޔާއި މުރަނގަ ތޮޅިވެސް ވަނި ލިބިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން އދ. މަހިބަދޫއިން ކޮޕީ ފަތާއި، ޖަނބުރޯލު އަދި އަނބުގެ އިތުރުން، އިތުރު ބާވަތްތަކެއްވެސް ލިބިފައިވާކަމަށް ކުންފުނިން ބުންޏެވެ.
”ސްޓެލްކޯ ރަށްފެހި“ ޕްރޮގްރާމްގެ ދަށުން މިކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އަދި މިއަހަރު 3000 ގަސް ވަނި އިންދާފައި ވެއެވެ.
”އަޅުގަނޑުގެ އަމާޒަކީ ރައީސް ސޯލިހު ފައްޓަވާދެއްވި ”ރަށްފެހި“ ޕްރޮގްރާމަކީ ސްޓްލެކޯގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ޕްރޮގްރާމަކަށް ހެދުން. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރުވެސް ލިބެމުން މިދާފަދައިން ތިމާވެއްޓަށާއި އަޅުގަނޑުމެންނަށް ފައިދާތަކެއް ލިބި، މި ޕްރޮގްރާމްގެ ފޯރި ކުރިޔަށް އޮތްތަނުގައި އިތުރުވުން“ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ


