ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެހި ޤާނޫނު އަސާސީގައި ފެހިޖަހާ ބޯވެފައި!

ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަނޑައަޅާފައިވާ ކަންތައްތައް އިޚުލާސްތެރިކަމާއެކު ތަންފީޒުކޮށް، ދަޢުލަތުގެ މުއައްސަސާތަކުންނާއި، ރައްޔިތުން ޤާނޫނުއަސާސީ އާއި، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށްބާރުއަޅައި، ޤާނޫނީ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ހ އަދި (ނ) އިން އިން ރައީސުލްޖުމްހޫރިއްޔާކަމަށް ހުންނަވާ ބޭފުޅަކާ މަތިކޮށްފައިވާ ޒިންމާއެއްކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ދަޢުލަތުގެ އެންމެހައި ބާރުތައް، ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ އެންމެ އަސާސީ ސިފައެވެ.

އެ ބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ، ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. ނަމަވެސް ޤާނޫނުތަކުން ކަނޑައަޅާ ކަންތައްތައް އިޚުލާސްތެރިކަމާއެކު ތަންފީޒުކޮށް، ޤާނޫނީ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިޙަށް ރައްކާތެރިކުރެވޭކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ޤައުމު އަޑިގަނޑަކަށް ވެއްޓެމުން މިދަނީ ކީއްވެގެންތޯ ގިނަ ބަޔަކުދަނީ ސުވާލުތައް އުފައްދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީއާއި، އިދާރީ މުވައްޒަފުން ޖަލްސާއެއްގައި. ފައިލް ފޮޓޯ

އެހެންވަނީ ސަބަބުތަކެއް ވެސް ނެތިއެއްނޫނެވެ. ސަބަބުތައް ވަރަށް ވެސް ބައިވަރެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ވެސް ކަމަކީ ބާރާއި ނުފޫޒުގެ ބޭނުންކުރުމެވެ. ރައްޔިތުން މަޖިލީހުގައި ހަރުދަނާކަމެއް ނެތުމުގެ ސަބަބުންނެވެ. ހިތުހުރިހައި ގޮތަކަށް، ކުޅޭ އެއްޗަކަށް ހަދައިގެން ދެއިރު ދެދަޅައަށް ޤާނޫނުއަސާސީ ބަދަލުކޮށްކޮށްތިބުމެވެ. އިސްލާމުދީނުގެ ކަރާމާތަށް ހުތުރުއަރުވައި ޤާނޫނުތައް އުފައްދަމުންދިއުމެވެ. ކަމާއި އެކަށީގެންވާ ބޭފުޅުން މަޤާމުތަކަށް ޢައްޔަންކުރެއްވުމުގެ ސަބަބުންނެވެ. އެއްވެސް މަޝްވަރާއެއްނެތި އަމިއްލައެދުންތައް އިސްކުރެއްވުމުގެ ސަބަބުންނެވެ.

ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ނަމުގައި ޖަރީމާ ހިންގަމުންދިއުމުގެ ސަބަބުންނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ޤާވާއިދުގެ 93 ވަނަ މާއްދާއާއި، 94 ވަނަ މާއްދާގައި ވާގޮތުން މަޖިލީހުން އިސްލާހުކުރެވޭނީ ނުވަތަ އުނިއިތުރެއް ގެނެވޭނީ އެ ވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އިސްލާހަކަށް އެކަންޏެވެ. އަދި ކީއްތަ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ހިތުހުރިހައި ގޮތަކަށް، ހެނދުނެއް، މެންދުރެއް، ހަވީރެއް، އިރާދަމެއް، މެންދަމެއް، ފަތިހަކަށް ބައްލަވާލުމެއްނެތި، ޤާނޫނުތައް ބައްޓަންކުރެއްވުމުގެ ބާރެއް އެއްވެސް ޤާނޫނަކުން ލިބިދީފައެއް ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު: ފައިލް ފޮޓޯ

ޤާނޫނު އަސާސީގެ ވާހަކަ ދައްކަމުންދާއިރު، ޤާނޫނު އަސާސީއެއްގެ ބޭނުމަކީ ކޮބައިތޯ ވެސް ބަލައިލަންޖެހެއެވެ. އާދެ، ޤާނޫނު އަސާސީއެއްގައި، ޤައުމެއްގެ ވެރިކަން އިންތިޒާމުކޮށް ހިންގަންޖެހޭގޮތުގެ އަސާސްތަކާއި އުސޫލުތަކާއި އިންތަށް ބަޔާންކުރެވިފައި ހުންނަންޖެހެއެވެ.

ޤައުމެއްގެ ތަސައްވަރުތަކާއި، ޤައުމު ދަތުރުކުރާނީ ކޮން މިސްރާބަކަށްތޯއާއި، މަޤުސަދުތަކާއި، ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިކަން ބަޔާންކޮށްފައި ހުންނަން ޖެހެއެވެ. ރައްޔިތުންނާއި އެ ދަޢުލަތެއްގެ ދެމެދުގައި އޮންނަ ގުޅުމަކީ ކޮބައިކަން ބަޔާންކޮށް، ރައްޔިތުންގެ ޙައްޤުތަކާއި ވާޖިބުތައް އޮޅުންފިލުވައިދޭން ޖެހެއެވެ. ޤާނޫނުތަކާއި، ޤަވާއިދުތައް ތައްޔާރުކުރާނެގޮތުގެ އަސާސްތަކާއި، އުސޫލުތަކާއި ހަމަތަކާއި މަސްދަރުތައް ބަޔާންކޮށްދޭން ޖެހެއެވެ. ވެރިކަްނ ހިންގުމުގައި ރައްޔިތުންގެ ޙައްޤުތަކާއި، ވާޖިބުތައް ދެނެގަތުމުގައި އޮޅުންއެރިޔަނުދީ، ސުލްހަ މަސަލަސްކަމާއި، އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަމާއި،މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކަމާއެކީ ދަމަހައްޓަންޖެހެއެވެ. ޤައުމެއްގެ ޝަޙުޞިއްޔަތަކީ ކޮބައިކަން އަންގައިދީ، އަމިއްލަ ކަންކަމުގައްޔާއި، ޢާއިލީ ކަންކަމުގައްޔާއި، ޤައުމީކަންކަމުގައި ދާންވީ މިސްރާބަކީ ކޮބައިކަން އަންގައިދޭންޖެހެއެވެ.

ނަމަވެސް ޤާނޫނު އަސާސީއަކީ މި ދެންނެވި ފަދަ އެއްޗެއްކަމަށް ވާން ޖެހުނަސް، ރާއްޖޭގައި އެކުލަވާލެވިފައިވާ ފެހި ޤާނޫނު އަސާސީގައި މިއަދު ވަނީ ފެހިޖަހާފައެވެ. މަސްއޮޑިއެއްގައި ފެހިބަރުކެއުމުގެ ސަބަބުން، އެ އޮޑިއެއް މަހާއި ނުވާހެން، ރާއްޖޭގެ ޤާނޫނު އަސާސީގައި ފެހިޖެހިޖެހީނުން، އެ ފެހިތައް ބޯވެ ޤައުމަށް މިވަނީ ދާންވީ މިސްރާބު އޮޅުންބޮޅުންވެ ހުއްޓިފައެވެ. އޭގެ ސަބަބުން، ޤައުމުގެ ޢުމްރާނީ، އިޖުތިމާޢީ، އިޤުތިޞާދީ ފޭރާން ވީދި މިވަނީ ބާ ފޮތިގަނޑަކަށްވެފައެވެ. ސަރުކާރުން އެ ބުނާ ”ނޫ އިޤުތިޞާދު“ ވަނީ ނޫފައިގެން ގޮސްފައެވެ. ފަސޭހަވުމެއްނެތް، އެކިދިމަދިމާއިން ކުނިމެހި އަޅާފައި އޮތް ފާރުގަނޑެކޭ އެއްފަދައެވެ. އެތައް މިލިއަން ރުފިޔާއެއް އިސްރާފުވެއްޖެއެވެ. ފައިދާއެއްނުވި ތަނުގައި ވީ އެއްވެސް ކަމެއްނެތެވެ. ލިބުނުހައި ވެސް އެއްޗަކީ އަދާކުރަންޖެެހޭ ދަރަނީގެ އެތައް ބައިވަރު ފަތްފުށްތަކެކެވެ. އާދެ، އެކި ޤައުމުތަކުގެ ވެރިންގެ އަރިހުން ސަލާންޖެހުން ނޫންގޮތެއް ނެތެވެ.

ޤާނޫނު އަސާސީއަާއި ޚިލާފަށް ކަންކަން ހިނގާތީ ބަޔަކު ނިކުމެކުރި އިހުތިޖާޖެއްގެތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

އަޅުގަނޑު އިސްވެ މި ދަންނަވައިލީ ޤާނޫނުގެ ސޯބުތައް އޭގެ ފުރިހަމަގޮތުގައި، އޭގައި ހުންނަންޖެހޭ ހަލުވިކަމާއެކު ނުހިނގުމުގެ ސަބަބުން ވެފައިހުރި ބައެއް ކަންތައްތަކެވެ. އަދި ކީއްތަ، ޤާނޫނު އަސާސީއާއި ޚިލާފު ކަންތައްތައް ދައްކާކަމަށްވަންޏާ އަޅުގަނޑު ހިތުން އެ ވާހަކަ ހުހެއްނުވާނެއެވެ. އާދޭހެވެ. އަޅުގަނޑުމެންގެ މި ޤައުމު ސީދާ މިސްރާބަކަށް ގެންދަން ބޭނުންނަމަ ބައެއްކަންތައްތައް އެބަ ބަދަލުކުރަންޖެހެއެވެ. ކަންތައްތައް އިސްލާހުކުރަން އެބަޖެހެއެވެ. ކަތުރުފަނި އަޅާފައިވާ ރައްޔިތުންގެ މަޖިލީހުގައި އެހެރަ ގެންގުޅުއްވާ ސަގާފަތް ބަދަލުކުރަން އެބަޖެހެއެވެ. މަޖިލީހުގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ޤާނޫނު އަސާސީ ”ރޭޕް“ ކުރުވިޔަދީގެންނުވާނެއެވެ.

ނިންމައިލަމުން ވެސް ކުޑަ އެއްޗެއް ދަންނަވައިލާހިތްވެއެވެ. ހިތިކަދޫވެލެއްގެ ބުޑަށް މާމުއި އެޅިޔަސް އޭގައި އަޅާ އެއްޗެއް ފޮނިނުވާނެކަން އެނގެއެވެ. އެހެންނަމަވެސް އާދެ، ދަންނަވައިނުލާ ފަރުޖެހެން ހަމަ ނެތީ އިނގޭތޯއެވެ. ފުރަތަމަ އިސްލާހުކުރަންވީ ޤާނޫނު އަސާސީއެއްނޫނެވެ. އޭގެ ކުރިން އިސްލާހުވެވަޑައިގަންނަވަންވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. އެ ބޭފުޅާގެ އަޚުލާގުގެ ފޮތުގައިހުރި ބާބުތަކާއި މާއްދާތަކެވެ. އެއަށްފަހު އެ މަނިކުފާނުގެ އައުވާނުން އިނގޭތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: