ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއްޢަތާއި ހިލާފް ކަންކަމަކީ އިންސާނީ ހަްގުތަކެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވީ އަންހެނުންނާ މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާބެހޭ އދ. ގެ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ)ގެ ކޮމެޓީއަށް ދިވެހި ދައުލަތުން ތައްޔާރުކޮށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހަޅާފައިވާ ހަ ވަނަ ޕީރިއޮޑިކް ރިޕޯޓާ ހަވާލާދީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ”އުތެމާ“ އިން ތައްޔާރުކުރި ރިޕޯޓަކާއި ގުޅިގެންނެވެ.
އުތެމާއަކީ ދިވެހި އަންހެނުންގެ ހައްގުގައި އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމަށް 2016 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.
އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.
އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ ”ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް“ އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.
ޑރ ޝަހީމް ކުރެއްވި ޓުވިޓްތަކެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގައި އިންސާނީ ހަްގުތަކުގެ ތެރެއިން އިސްލާމްދީނާއި ހިލާފް ކަންކަން އިންސާނީ ހައްގުތަކުގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އެގޮތުން އިސްމާމީ ޝަރީއްޢަތާއި ހިލާފް ހުރިހައި ހައްގުތަކަކީ ވެސް ރާއްޖޭގައި ގާނޫނުއަސާސީގައި ބުނާ ގޮތުން ހައްގުތަކެއް ނޫން ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމްދީނާއި ހިލާފް ފިކުރާއި ވިސްނުން ރާއްޖޭގައި ފަތުރަން ރުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީއާއި އިސްލާމްދީނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތައް ތަންފީޒް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުކުރުމަށް އެއްވެސް އުޒުރެއް ނުދެއްކޭނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

