ފެބްރުއަރީ މަހު އިއުލާންކުރި ސްކޮލަޝިޕްތަކުގެ ނަތީޖާ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން އާންމުކުރަން ފަށައިިފިއެވެ.
މިކަން ހާމަކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯން ސްކީމްތަކަށް ކުދިން ނެގުމުގައި މީގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުތަކަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، ލޯނު ދިނުމުގައި ވުޒާރާތަކުން މީހުން ތަމްރީންކުރުމަށް އެކުލަވާލާފައިވާ ސްޓެރެޓެޖިކް އެކްޝަން ޕްލޭންތަކަށް ޚާއްސަ އަހަންމިއްޔަތެއް ދީފައިވާނެ ކަމަށާއި ލޯން ދޫކުރުމުގައި މާލީ ގޮތުން ދަތި ދަރިވަރުންނަށްވެސް އިސްކަން ދީފައިވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ލައިސަންސް ކެޓަގަރީތަކުން ސްކޮލަޝިޕް ދޫކުރުމުގައިވެސް މީގެ ކުރިން ހުޅުވާނުލާ ދާއިރާތަކުން ދަރިވަރުން ނަގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއިސްލާހުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ބައެއް ދާއިރާތަކުން ކިޔަަވައިގެން ތިބި ދިވެހިން ހޯދުމަށް ސަރުކާރުންނާއި ވުޒާާރާތަކުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ބައެއް ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން އެމްބީބީއެސް ހެދުމަސް 15 ދަރިވަރުންނަށް، ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 22 ދަރިވަރުންނަށް އަދި ކެޓަގަރީއެކަކުން ޕީއެޗްޑީ ހެދުމަށް 21 ދަރިވަރަކަށް ފުރުސަތު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް މާލީ ގޮތުން ދަތި ދަރިވަރުންނަށް އިސްކަން ދިނުމުގެ ގޮތުން ޒަކާތުގެ ލިސްޓަށް ބަލާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ލައިސެންސް ކެޓަގަރީއިން މީގެ ކުރިން ހަމައެކަނި ޕައިލެޓްކަން ކިޔެވުމަށް ލޯނާއި ސްކޮލަޝިޕް ދޫކުރިކަމުގައިވިޔަސް، މިފަހަރު އިތުރު ދާއިރާތަކުންވެސް ލައިސެންސް ކެޓަގަރީއިން ކިޔަވަން ދިޔުމަށް ހުޅުވާލާފައިވާ ކަަމަށް ވިދާޅުވިއެވެ. އެދާއިރާތަކަކީ އެއަރ ޓްރެފިކް ކޮންޓްރޯލް، އެއާ ކްރާފްޓް އިންޖިނިއަރިންގ އަދި މެރިން އިންޖިނިއަރިން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އޮންގޮއިންގް ކެޓަގަރީ ސްކީމްގައި ކޯހުގެ ނުނިމޭ މުއްދަތު އެންމެ ކުރު ދަރިވަރުންނަށް އިސްކަންދީފައިވާނެ ކަމަށެވެ. އަދި ކުރިން ފައިސާގެ އެހީ ލިބި، އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ކޯސް ފުރިހަމަކުރެވިފައިނުވާ ދަރިވަރުންނަށް މިފަހަރު އިސްކަން ދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
ފެބްރުއަރީ މަހު ހުޅުވާލެވުނު ލޯން ސްކީމްގެ ފުރުސަތުތަކުން 514 ދަރިވަރުންނަށް ފުރުސަތު ދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލައިސެންސް ޕްރޮގްރާމްތަކަށް 15 ދަރިވަރުން، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް 48 ދަރިވަރުން، ފުރަތަމަ ޑިގްރީގެ ކޯސްތަކަށް 264 ދަރިވަރުން، މާސްޓަރސް ހެދުމަށް 160 ދަރިވަރުން އަދި ޕީއެޗްޑީ ހެދުމަށް 27 ދަރިވަރުންނަށް ފުރުސަތު ދީފައިވާކަމަށް ވިދާޅުވިއެވެ.
ލޯން ލިބިފައިވާ ދަރިވަރުންގެ ތަފްސީލް ވެބްސައިޓަށް އަޕްލޯޑްކޮށް ޕޯޓަލް މެދުވެރިކޮށް ލޯނު ލިބުނު ދަރިވަރުންނަށް އެކަން އެންގުމުގެ މަސައްކަތް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ވަގުތު ކުރިއަށްދާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ހާލަތާއެކުވެސް މަތީ ތައުލީމްގެ ދާއިރާގެ ފުރުސަތުތަކަށް މަޑުޖެހުމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

