އަމުރެއް ކުރުމާއި ކަންކަން އޮޅުންފިލުވުމާއި ތަފާތު ކަމަށާއި ފުލުހުންގެ ހިދުމަތުގައި ތިބި އެހެން ފަރާތްތަކާއި ސުވާލު ކުރުމުގެ ފުރުސަތު މިނިސްޓަރަށް ހަނިކުރެވިގެން ނުވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ރާއްޖަގައި ލާމަރުކަޒުކުރުން ގާނޫން އަދިވެސް ފެންނަން އޮތީ އަތޮޅުތަކެއްގެ ވާހަކަ ކަމަށެވެ. އަދި އިދާރީ ދާއިރާތައް ބަހާލެވިފައިވާ ގޮތުގެ ވާހަކަތައްކަމަށެވެ.
ނަޒީރު ވިދާޅުވީ ފުލުހުންގެ މުވައްސަސާގެ ރީފޯމްގެ ވާހަކަ އަންނަވާނީ، ރީޖަނަލް ޑެވެލޮޕްމެންޓުގެ ވާހަކަތަކާއި އެލައިންވެގެން ކަމަށެވެ. އެހެން ނޫނީ ފުށުއެރުންތަކެއް އަންނާނެ ކަމަށާއި މިހާރު ވެސް ދިމާވާ ގޮތަށް، ރަށުގައި ފުލުސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތައް އަންނާނެ ކަމަށެވެ. ނަޒީރު ވިދާޅުވީ މިހާރުގެ ގާނޫނުގެ ތެރޭގައި ރީޖަނަލް ކޮމިޝަނާއެއްގެ ވާހަކަ ނޯންނާނެ ކަމަށެވެ. އެހެން ކަމުން އެ ބަދަލު ގެންނަން ޖެހޭނީ، އިތުރު އިންތިޒާމުތަކަކާއި އެކީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ބޭފުޅުންތަކުގެ ވާހަކައިން ތަފާތު ޕޮލިސް ފޯސްތަކެއް އުފެދިގެން އުޅޭފަދަ ގޮތެއް ދޭހަވާ ކަމަށް ނަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މަހްފޫމް ނާންނާނެ ގޮތެއްގެ މަތީން މަސައްކަތް ކުރިޔަށް ގެންދިއުމާއި މިހާރު ހުށަހެޅިފައި ހުރި ވަކި ސަރަހައްދެއްގައި ހުންނަ ފުލުސް އޮފީސްތަކުގައި ތިބޭނެ މީހުން ކަނޑައެޅިފައި އޮތީ ވަރަށް ބޮޑަށް ފުލުހުންނާއި މަޝްވަރާ ކުރެވިގެން. ފުލުހުންގެ ރައުޔުއަށް ބިނާކޮށް އެ ފަރާތްތަކަށް ފަސޭހަވާނެހެން ހިންގޭނެ ގޮތަކަށް ކަމަށެވެ.
ނަޒީރު ވިދާޅުވީ ރީޖަނަލް ކޮމިޝަނެއް ކަނޑައަޅާ އޭނާއަކީ ޕޮލިސް ކޮމިޝަނަރަށް ޖަވާބުދާރީ ވާ މީހަކަށް ހެދުން ނުވަތަ ކޮމިޓީން ވިދާޅުވި ބައެއް ބަދަލުތައް ގެންނަނަމަ އެއީ މަޝްވަރާ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވީ، އާއްމު އުސޫލެއްގެ ގޮތުން މިނިސްޓަރު ފުލުހުންނަށް އަންގާ އެންގުންތައް އަންގަން ޖެހޭނީ ލިޔުމުން ޕޮލިސީ ޑައިރެކްޓިވްސްގެ ގޮތުގައި އެ ކަނޑައަޅާ ސިޔާސަތުތަކާއި އަދި ވަކި ހާލަތެއް މެދުވެރިވެގެން ވިޔަސް އެކަމާއި ގުޅޭގޮތުން އެންގުންތައް އަންގަނީ ކޮމިޝަނަރަށް ކަމަށެވެ. ނަމަވެސް އެގޮތަށް ކޮމިޝަނަށް އެކަނި މުވާމަލާތް ކުރުން ލިމިޓު ކުރުމުން ދިމާވާ މައްސަލަތެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާއްމު އުސޫލުން ބައެއް ކަންކަން ހިނގިކަމުގައި ވިޔަސް އެކްސެޕްޝަނަލީ އެކަން ކުރުމުގެ ފުރުސަތު މިނިސްޓަރަށް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އަންގާއިރު ކަންކަން މިހާރު އަމަލު ކުރެވެމުންދާ ގާނޫނުގައި އޮންނަ ގޮތަށް އެންމެ ޖޫނިއާ ރޭންކުގެ ފުލުހުންނަށް އަމުރު ކުރެވޭ ގޮތަށް އޮވެގެން ނުވާނެ ކަމަށް ނަޒީރު ވިދާޅިވިއެވެ. އަދި އެ އަމުރު ކުރެވެން ޖެހެނީ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންނަށް ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި އެއަށްވުރެ ދަށަށް އަމުރު ހިފައިގެން މިނިސްޓަރެއް ހުށަހަޅައިގެން ނުވާނެ ކަމަށް ނަޒީރު ފާހަގަކުރެއްވިއެވެ.
ނަޒީރު ވިދާޅުވީ ބައެއް ހާލަތަކީ އެއީ އަމުރު ކުރާ ހާލަތާއި އަދި ކަންކަން އޮޅުންފިލުވާ ހާލަތް ކަމަށެވެ. އެހެން ކަމުން އެހެން ފުލުސް އޮފިސަރުންނާއި، ފުލުހުންގެ ހިދުމަތުގައި ތިބި އެހެން ފަރާތްތަކާއި ސުވާލު ކުރުމުގެ ފުރުސަތު މިނިސްޓަރަށް ހަނިކުރެވިގެން ނުވާނެ ކަމަށެވެ. އެގޮތުން މިސާލެއް ނަންގަވާ ނަޒީރު ވިދާޅުވީ މިނިސްޓަރު ރަށަކަށް ދާއިރު އެތަނެއްގެ ފުލުސް ސްޓޭޝަން ހިންގުމަށް ހާވާލުވެގެން ހުންނަ މީހަކާއި ކަންކަން ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތާއި ސުވާލު ކުރެވެން ވާނެ ކަމަށެވެ. ނަޒީރު ވިދާޅުވީ އާއްމުގޮތެއްގައި އެފަދަ ސްޓޭޝަނަކާއި ހަވާލުވެ ހުންނާނީ ސަބް އިންސްޕެކްޓަރެއް ކަމަށާއި އޭނާއަށް ވަކި ކަމެއް ކުރުމަށް އަންގާ މިނިސްޓަރަށް އަމުރުކުރެވިގެން ނުވާނެ ކަމަށެވެ.

