ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލުން ގުޅިވަޑައިގަތުުމުން، އެ ާޕާޓީގެ އެޑްވައިޒަރުކަމުގެ މަގާމު އަރުވައިފިއެވެ.
ރައީސް ޔާމީންގެ ނައިބް ރައީސަކަށް ހުންނަވަނިކޮށް، ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ވަކި ކުރި ޑރ. ޖަމީލް ޕީޕީއެމްއާއި ގުޅިވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. ޖަމީލް ޕީޕީއެމާއި ގުޅިވަޑައިގެންނެވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ ގޮތުގައެވެ.
މިދިޔަ މަޖިލީސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވި ޑރ. ޖަމީލް އަކީ ނައިބް ރައީސް ކަމުމް ވަކި ކުރުމާއި އެކު ރައީސް ޔާމީނަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވާ ޖަލްސާތަކުގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ. އަދި މި ސަރުކާރު ގެނައުމަށް މަސައްކަތްކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރުގައި އަރުވާލެވިގެން ހުންނެވި ދުވަސްވަރު އެމަނިކުފާނާއި އެކު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ޑރ. ޖަމީލް ވަނީ މީގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ވެސް ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މަޖިލީސް އިންތިހާބުގެ ނާކާމިޔާބީއަށްފަހު ޑރ. ޖަމީލް ދިޔައީ މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ. އެއަށްފަހު ރައީސް ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ތުހުމަތާއި އަދި އޭގެ ކުރިން ވެސް ރައީސް ޔާމީންނަށް ތައުރީފްކޮށް ވާހަކަ ދެއްކެވިއެވެ.
ޑރ. ޖަމީލްއަކީ މިހާރު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މިވަގުތު ހައިކޯޓުގައި ކުރިޔަށްދާ ރައީސް ޔާމީންގެ މަނީ ލޯންޑްރިން ކުށުގެ ފަސް އަހަރުގެ ހުކުމްގެ އިސްތިއުނާފީ މަރުހަލާގެ އެންމެ އިސް ވަކީލެއްގެ ގޮތުގައި ވެސް ހުންނެވީ ޑރ. ޖަމީލެވެ.
މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާފައުވާ ބޭފުޅަކު ޖަލުގައި ދުވަސްތައް ހޭދަ ކުރުން އެއީ ރައްޔިތުންނަށް ބަލައިގަނެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށާއި، މީގެ ކުރިން ރާއްޖެ ނުދެކޭފަދަ އެތައް ބޮޑު ތަރައްގީއެއް ގެނެސްދެއްވި ވެރިއެއް ޖަލުގައި ލުމަކީ ވެސް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ އޭނާއަށް މިރޭ ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ ބަގީޗާއާއި ގުޅެން އިތުރު ފުރުސަތު ލިބުން ކަމަށެވެ.

