ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުވާ ފަސް ފުލުހެއްގެ މައްސަލަ ބަލަނީ!

ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުވާ ފަސް ފުލުހެއްގެ މައްސަލަތައް ބަލަން ފެށުން/ ފޮޓޯ: އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ފަސް ފުލުހެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާ ކަމަށް ފުުލުހުން ހާމަކޮށްފިއެވެ.

މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ވަރަކުން މީޑީއާތަކާއި މައުލޫމާތުތައް ހިއްސާކުރާނެކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ، ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއް މަގާމުން ވަކިކޮށްފައިވާކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، ގާތް ގުޅުން އޮންނަ ފުލުހުންތަކެއް މި މައްސަަލައިގެ ތެރޭގައި ހިމެނޭކަމުގެ އަޑުތައް މީގެ ކުރިން ވެސް ގަދަވިއެވެ.

ހިޔާނާތުގެ މައްސަލަތައް ކުރިޔަށް ނުދާތީ އެކަމާއި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ދާދިފަހުން އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ވަރަށް އަވަހަށް ދައުވާކޮށް ކޯޓަށް މައްސަލަތައް ހުށަހަޅާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ ގޮތުން ހިޔާނާތުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަަކުގެ ގިނަ ބަޔަކު ޝާމިލްވެއެވެ.

ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ސީދާ އަދަދު އަދިވެސް ވަނީ ހޯދޭގޮތް ނުވެފައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ދޮޅު އަހަރުވެސް ނުވަނީސް ފެންމަތިވެގެން އައި މައްސަލައެކެވެ. އެގްރީމެންޓެއް ނެތި، އެތައް ބަޔަކަށް އެއް ރަށެއް ދޫކޮށްފައިވާއިރު އެ ފައިސާތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވެއެެވެ. އޭގެ އިތުރުން ވެސް، ނަގުދު ފައިސާގެ ގޮތުގައި ހިޔާނާތުގެ ފައިސާ ގެންގުޅެފައިވާކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގުތަކުން ވަނީ އެނގިފައެވެ.

މި މައްސަލަތައް ބަލާ ތަހުގީގު ކުރަން ފެށީވެސް ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން އެ އަމަލުގައި ޝާމިލްވެ ކަމާއި ބެހޭ އިދާރާތްތަކުން ހިޔާނާތް ފޮރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި އެކު، ހިޔާނާތުގައި ފައިސާގެ ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތް ހަވާލު ކުރީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންއާއި އެވެ.

މައްސަލައިގައި ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވެފައިވަނީ ފުލުހުންގެ މުވައްސަސާއާއި ދިވެހި ރާއްޖޭގެ ދިފާއި ބާރަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަށް ފައިސާ ދީފައިވަނީ ”ސްޕޮންސާޝިޕް“ ގެ ނަމުގައި ކަމަށެވެ. އަދި އެ ދެ މުވައްސަސާގެ ބައެއް އިވެންޓުތަކަށް ވަކި ވަކި މީހުންނަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މަޖިލީސް އިންތިހާބާއި ދިމާކޮށް ޕާޓީތަކުން ބާއްވާފައިވާ ޕްރައިމެރީތަކާއި، ޕްރައިމެރީތައް ކާމިޔާބު ކުރުމަށްފަހު މަޖިލީސް އިންތިހާބަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާކަމަށް ތުހުމަތުވާއިރު މެމްބަރުން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން އައި މަޖިލީސް ރައީސަކު ހޮވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމަށް ވެސް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް ފައިސާ ދީފައިވާކަމަށް ރިޔާޒް ވިދާޅުވެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރާއި ކުރީ ސަރުކާރުގެ އިސްވެރިން ހިމެނޭކަމުގެ ވާހަކަތައް ދެކެވެއެވެ. އަަދި މަޖިލީހުގެ މެމްބަރުން ވެސް ހިޔާނާތުގައި ބައިވެރިވީ ކަމުގެ ތުހުމަތާއި އެ ފައިސާ ލިބުނުކަމަށް ވާހަކަ ދެކެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: