2019 ވަނަ އަހަރު ފުލުހުން ބެލުމުގެދަށަށް ގެންދެވިފައިވާ މަސްތުވާތަކެތީގެ ޢަދަދު 4 ގުނަ އިތުރުވެފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އިން ބުނެފިއެވެ.
ދުނިޔޭގެ މިއަދު ފާހަގަކުރަމުންދާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެންބީއެސް ޢާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން2019ވަނަ އަހަރު 408.03 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަަދަދެކެވެ.
އެންބީއެސްއިން ވަނީ 2014 އަހަރުން ފެށިގެން 2019ވަނަ އަހަރާއި ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާ މަސްތުވާތަކެތީގެ މިންވަރާއި ހައްޔަރުކުރެވިފައިވާ މީހުންގެ ތަފާސްހިސާބު ޢާންމުކޮށްފައެވެ.
މި ގޮތުން 2018ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 104.7 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާކަމަށާއި އޭގެތެރެއިން އެންމެ ގިނައީ ކެނަބިސް ކަމަށް އެންބީއެސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު 2188 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި އަދަދަކީ 2018ވަނަ އަހަރާއި އަޅާބަލާއިރު %1.9ދަށް ޢަދަދެއްކަމަށާއި 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅފައިވަނީ މަސްތުވާތަކެތީގެ 2230 މައްސަލަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި 2019 ވަނަ އަހަރު 1490 މީހުން ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން %88 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން %11 މީހުންނަކީ ބިދޭސީންކަމަށް ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ. މި ގޮތުން ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދުގެތެރެއިން %3 އަކީ އަންހެނުންކަމަށާއި ފިރިހެނުންގެ ނިސްބަތަކީ %97 ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެންބީއެސް އިން ބުނެފައިވާގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 2019 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ ތެރެއިން %69 މީހުންނަކީ ޢުމުރުން 18 އަހާރާއި 34 އަހަރާއި ދެމެދުގެ މީހުންނެވެ.
އަދި 2019ވަނަ އަހަރު ހައްޔަރުކުރި މީހުންގެ ތެރެއިން %45 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައިކަމަށާއި %29 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައިކަމަށް ވެސް އެންބީއެސްގެ ތަފާސް ހިސާބުތަކުގައިވެއެވެ. އޭގެތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ %15 މީހުންގެ އިތުރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައި %9 މީހުން ހައްޔަރުކޮށްފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި 2019 ވަނަ އަހަރު ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން %54 މީހުންނަކީ ޢުމުރުން 25 އަހަރާއި 39 އަަހަރާ ދެމެދު މީހުންކަމަށާއި %30 މީހުންނަކީ ޢުމުރުން 24 އަހަރާއި 16 އަހަރާ ދެމެދުގެ މީހުންކަމަށް އެންބީއެސްގެ ތަފާސް ހިސާބުތަކުގައި ވެއެވެ. މީގެ އިތުރުން %15 މީހުންނަކީ 40 އަހަރުގެ މީހުން ކަމަށާއިި %1 މީހުންނަކީ 16 އަހަރުން ދަށުގެ ކުޑަކުދިންކަމަށް ވެސް އެންބީއެސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

