ކޮވިޑާއި ގުޅިގެން، ބަދަލުވީ ހާލަތާއި އެކު ކޮންމެ ދިހަ މީހަކުން އެކެއްގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓުނު ކަމަށް ކޮވިޑާއި ގުޅިގެން ކުރި ފުރަތަމަ ސާވޭއިން ދައްކައިފި އެވެ.
މިދިޔަ އޭޕްރިލްގައި މާލެއިން ކޮވިޑު ފެނުމުގެ ކުރިން ވެސް ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް، އެލަވެންސްތައް ކަނޑާލުމާއި އަދި މަޖުބޫރުން ނޯޕޭ ލީވްއަކަށް ފޮނުވުން ހިމެނެއެވެ. މާލެއިން ފުރަތަމަ ފަހަރަށް ފެނުނު ކޭސްއާއި އެކު މުޅި މާލެ އެއްކޮށް ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރުމާއި އެކު ވިޔަފާރިތަކާއި އަދި އެކި ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުއްޓުމެއް އައެވެ.
ރާއްޖޭގެ އިގްތިސޯދަށް ހީވެސް ނުކުރާހާ ބޮޑު ގެއްލުމެއް ވަމުންދާއިރު، އާމްދަނީ ވަންނަ ގިނަ ވަސީލަތްތައް ވަނީ ބަންދުވެފައެވެ. ފަތުރުވެރިކަން އެއްކޮށް ހުއްޓާލުމާއި އެކު، ރާއްޖެއިން މުދާތައް ބޭރު ކުރުމުގައި ވެސް ދަތިތަކެއް ވެގެން ދިޔައެވެ.
ކޮވިޑާއި ގުޅިގެން މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ”އެމްޕްލޯއިމެންޓް“ ރޭޓަށެވެ. އެގޮތުން ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެތައް މިލިއަން ބައެއްގެ ވަޒީފާތައް ގެއްލި، ކުރިޔަށް އޮތް ތަނުގައި ވެސް އެ އަސަރުތައް ކުރަމުންދާނެކަމަށް ދިރާސާ ރިޕޯޓުން ދައްކައެވެ.
ރާއްޖޭގައި ކޮވިޑުގެ ސަބަބުން ވިޔަފާރީގެ ގޮތުންނާއި، އަދި އިގްތިސޯދީގޮތުން އައި ބަދަލުތަކުގެ މައްޗަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ގުޅިގެން ވަނީ ހާއްސަ ސާވޭ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ގެއްލުނުކަމަށް އާއްމުކޮށްފައިވާ އިންފޯގްރެފިކްސް ރިޕޯޓުން ދައްކައެވެ. އަދި ކުރިޔަށް އޮތް މަހުގެ ތެރޭގައި އެކަނިވެސް ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ވަޒީފާ އަދާ ކުރަމުންދާ މީހުންގެ ތެރެއިން، ކޮންމެ 10 މީހަކުން 03 މީހެއްގެ އެލަވަންސްތައް ކަނޑާލާ މުސާރަ ވަނީ ކުޑަކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ވަޒީފާތަކަށް ބަލާއިރު، ވަޒީފާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޮތީ ކޮންމެ 10 މީހެއްގެ ތެރެއިން 05 މީހަކަށް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި ވަޒީފާގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ރާއްޖޭގެ މަދު ރިސޯޓެއް ފިޔަވާ އެހެން ރިސޯޓުތަކުން މުވައްޒަފުންނަށް ހަމަ މުސާރަ ދީފައިނުވާއިރު ރޯދަ މަހުގެ އެލަވަންސް ވެސް ދީފައެއް ނުވެއެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ދޭންޖެހޭ ސާވިސް ޗާޖާއި، އަދި އެ ނޫންވެސް އެލަވަންސްތައް ކަނޑާލާ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ގިނަ މުވައްޒަފުން އެނބުރި ރަށަށް ފޮނުވާލާފައިވަނީ ނޯޕޭ ލީވް ޑޮކިއުމެންޓެއްގައި މަޖުބޫރުން ސޮއި ކުރުވުމަށްފަހުއެވެ.

މީގެ އިތުރުން، ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންމަ މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރިއިރު އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތަކެއް ވެސް ހިމެނެއެވެ. އަދި އެފަދަ ބައެއް ކުންފުނިތަކުގެ ވާހަކަ ވަޒީފާއިން ވަކި ކުރުމުން މުވައްޒަފުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކަން މީޑިއާތަކުގެ ވެސް ސަމާލުކަމަށް ގެނެސްފައެވެ.
މި ރިސާޗް ޓީމުގައި ހިމެނި ވަޑައިގަންނަވަނީ ކޮވިޑާއި ގުޅިގެން ސަރުކާރަށް ލަފާ ދިނުމުގައި ޓެގް ޓީމުގައި މަސައްކަތް ކުރައްވަމުން އަންނަ، ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ މުސްތަފާ އާއި، ޑރ. މަރިޔަމް ސުޒާނާއާއި، ޑރ. ފަޒީލް ނަޖީބް، ޑރ. ރަހީމާ އަބްދުއްރަހީމް، އާތިފާ އިބްރާހިމް އަދި ފާތިމަތު ރިޔާޒާއާއި، ސޮފޫރާ ކައުސަރް އުސްމާން ގުޅިގެންނެވެ.
ސާވޭއިން އިތުރަށް ދައްކާގޮތުން ކޮވިޑުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވިއެވެ. އެގޮތުން 10 ކުންފުންޏަކުން ފަސް ކުންފުންޏަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރިކަމަށް ވެއެވެ. އަދި 10 ކުންފުންޏަކުން ހަތަރު ކުންފުންޏަށް އެއްވެސް އާމްދަނީއެއް ނުލިބި ހުއްޓުނުކަމަށް ބުނެފައި ވެއެވެ. އަދި ގެއްލުންތައް ނުވަނީ 10 ކުންފުންޏަކުން އެއް ކުންފުންޏަކަށް ކަމަށް ވެސް ސާވޭގައި ފާހަގަކޮށްފައި ވެއެވެ.
ސާވޭގައި ބައިވެރިވީ މީހުންގެ ޖުމްލަތައް ހިމަނާ ސާވޭގައި ބުނެފައިވަނީ ލޮކްޑައުންއާއި ގުޅިގެން 44 އިންސައްތަ މީހުންގެ އާމްދަނީ ބަންދުވި ކަމަށެވެ. އަދި 37 އިންސައްތަ މީހުން އޮފީހުގެ މަސައްކަތްތައް ގޭގައި ކުރަންޖެހުނުއިރު 11 އިންސައްތަ މީހުން ލޮކްޑައުންގެ ތެރޭގައި ހަފްތާގެ ވަކި ދުވަސްތަކެއްގައި ވަޒީފާއަށް ނިކުމެފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ، މާލީގޮތުން 65 އިންސައްތަ މީހުންނަށް އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވީ ކަމަށެވެ. އަދި 23 އިންސައްތަ ބަޔަކު މާލީ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެޗްޕީއޭއާއި، އެމްއެންޔޫ ގުޅިގެން އިތުރު ދިރާސާތަކެއް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ލޮކްޑައުންގެ ލުއިތަކާއި އެކު، މާލޭގެ މާހައުލަށް އައި ބަދަލުތަކާއި އަދި ބަލި ފެތުރުމުގެ ސާކަލްއަށް އައި ބަދަލުތައް ދެނެގަތުން ހިމެނެއެވެ.
ޓެގް ޓީމުން މިހާރު ނިންމާފައިވަނީ، ލޮކްޑައުންގެ ލުއިތަކުގެ ތެރެއިން ވެސް ކޮންމެ 14 ދުވަހަކުން، 14 ދުވަހަކުން ސާވޭތައް ކުރިޔަށް ގެންދއުމަށެވެ. އޭގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުން ހިމެނެއެވެ. އަދި ވަކި ކެޓަގަރީތަކަކަށް ބަހާލައިގެން ރެންޑަމް ސާމްޕަލްތައް ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

