ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ކޭސް: ވިކްޓިމްގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ، ކޮމިޓީއަށް ގެނެސް އޭނާގެ ބަހެއް ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ ކޮމިޓީން އޭނާގެ ބަހެއް ހޯދުމަށާއި މައްސަލައިގައި އެތަނަށް ހާޒިރުވީ އޮފިސަރުންގެ ފަރާތުން މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ ”މަތީން އައި ފޯނު ކޯލެއް“ ގެ ސަބަބުން ކަމަށް ވާހަކަތައް ފެތުރޭއިރު އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާކަމަށް ވާހަކަތައް ދެކެވެއެވެ.

މައްސަލައައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއިރު މެމްބަރުންގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވީ ނޫސްވެރިންނާއި މީޑިއާތަކަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، މައްސަލައިގައި ވަރަށް ގިނަކަންކަން ސާފު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުން އިއްތިފާގުވީ ސީންއަށް ހާޒިރުވީ ފުލުހުންނާއި ސުވާލުކުރުމަށެވެ. އަދި ވިކްޓިމް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމުގައި އެއްވެސް އިއުތިރާޒެއް އަދި މައްސަލައެއް ނެތް ނަމަ އޭނާ ވެސް ކޮމިޓީއަށް ގެނަންށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމިޓީއަށް ހާޒިރުވާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ވިކްޓިމް ކަމަށެވެ. އަދި ކޮމިޓީން އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި، އޭނާ ބޭނުންވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދިއުމަށްނަމަ އަމަލު ކުރާނީ ވެސް އެގޮތަށް ކަމަށެވެ.

ކޮމިޓީއަށް ރޮޒެއިނާ ހުށަހެޅުއްވީ މާދަމާގެ ވަގުތެއްގައި ފުލުހުންނާއި ބައްދަލު ކުރުމަށެވެ. އަދި އެރޭ ކަންތައް ހިނގައިދިޔަ ގޮތް ސާފު ކުރުމަށެވެ. އެގޮތުން ހުޅުމާލޭގައި އެރޭ ފަތިހު ސްޓޭޝަން އިންޗާޖަކަށް ހުރި އޮފިސަރާއި އަދި ތަހުގީގުގައި އިސްކޮށް އުޅޭ މީހުންނާއި ބައްދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ޖޭންޑާރ މިނިސްޓްރީއިން ވިކްޓިމްގެ ސަޕޯޓުގައި ކުރަމުންދާ މަސައްކަތްތަކާއި އެކު، މައްސަލަ ކުރިޔަށް ގެންދިއުމުގައި ޕީޖީން އަމަލު ކުރަމުންދާ ގޮތް ބެލުމަށް ވެސް ކޮމިޓީން ފާސްކުރިއެވެ.

މީގެ އިތުރުން މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް މީޑިއާތަކަށް އަމާޒުވެ، ނޫސްވެރިން ލިޔާ ލިޔުންތަކާއި، އަދި ގެނެސްދޭ ރިޕޯޓުތައް ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި އަދި މީޑިއާ ކައުންސިލްއަށް ހުށަހަޅުމަށް ވަނީ ނިންމާފައެވެ.

މެމްބަރުން ވަނީ މި މައްސަލައިގައި މީޑިއާތަކުން ވިކްޓިމްއަށް ގެއްލުންވާނެހެން މަސައްކަތް ކުރި ކަމަށް ބުނެފައެވެ. ނަމަވެސް މެމްބަރު ރޮޒެއިނާ އަދި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ރިލައިއަބްލް މީޑިއާތަކާއި އަދި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މެއިން ސްޓްރީމް މީޑިއާތަކުން އެ މަންޒަރެއް ނުފެންނަކަން ފާހަގަކޮށްފައެވެ.

މައްސަލައާއި ގުޅިގެން ފާއިތުވީ ދެ ދުވަހުގެ ތެރޭގައި ވެސް ނޫސްވެރިން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލް ގްރޫޕުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މެމްބަރުގެ ފިރިމީހާތޯ ނުވަތަ ނޫން ތޯ ސާފު ކުރުމަށް އެދިފައެވެ. އަދި އޭނާ ހައްޔަރު ނުކުރާނަމަ އެކަން ހާމަކުރުމުން މީޑިއާތަކުން އެކަން ރިޕޯޓު ކުރާނެ ކަމާއި، އެއީ ދޮގެއްނަމަ އެ ކަތިލެވެނީ މީހެއްގެ އަބުރުކަން ވެސް ނޫސްވެރިން ފާހަގަކުރިއެވެ. ނަމަވެސް ފުލުހުން ތަކުރާރުކޮށް ބުނަމުން ދިޔައީ މީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ. ނޫސްވެރިން އެތައް ސުވާލުތަކެއް ގްރޫޕްގައި ކުރިއިރު ވެސް އެއްވެސް ޖަވާބެއް ފުލުހުން ދީފައި ނުވެއެވެ.

މައްސަލައިގައި ދެ ދުވަސް ފާއިތުވީ ފަހުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ ތުހުމަތުތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ މީހުން ދޫކޮށްލީ އެވަގުތަށް ކުރެވެން އޮތް މިންވަރަށް ތަހުގީގު ކުރުމަށްފަހު ކަމަށް ފުލުހުން ވެސް ބުނާ ކަމަށެވެ.

ނޫސްވެރިންގެ މައިގަނޑު ސުވާލަކަށް ވީ، މައްސަލަ ”ފޮރުވަނީ“ ކީއްވެގެން ކަމާއި މެދުއެވެ. އަދި އެހެން ކޭސްތަކުގައި ހައްޔަރު ކުރާ މީހާގެ ވަނަވަރު ހާމަކުރެވޭނަމަ މި ކޭސްގައި ތަފާތު ވާން ވީ ސަބަބަށެވެ. ނަމަވެސް އެ ސުވާލަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން  ރައްދު ދެއްވާ ވިދާޅުވީ މި ކޭސްއާއި އެހެން ކޭސްތަކާއި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: