މުސާރައެއް ނުދީ، ނުވަތަ ކުރި މައްސައްކަތެއްގެ ހައްގު އުޖޫރައެއް ނުލިބުން އެއީ މައުސޫމް ބައެއް ތަނެއްގައި ބަންދުކޮށް ތަކެއްޗަށް ގެއްލުންދީ ބިރުވެރިކަން އުފެއްދުން ނޫން ކަމަށް ބުނެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަނެއްކާވެސް އެކަމަނާ ދެއްކެވި ވާހަކައިގެ ފަޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.
މުސާރައިގެ މައްސަލައިގައި، ބިދޭސީންތަކެއް ދިވެހިން ރަހީނު ކުރުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އެތައް ދުވަހެއް ވަންދެން، މުސާރައިގައި މައްސަލަޖެހި އެކަމަށް ހައްލެއް ނުލިބުމުން ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އައި ބިދޭސީންތައް ވަނީ އެ ތަށުގައި ތިބި ދިވެހިންތައް ރަހީނުކޮށްފައެވެ.
އެ އަމަލާއި ގުޅިގެން ބ އަތޮޅު ހިމެނޭ ރީޖަންގެ ފުލުހުން ދެ ފަހަރެއްގެ މަތީން ރަށަށް އެރުމަށް މަސައްކަތް ކުރުމުން ވެސް ވަނީ، ބިދޭސީން ގެންގުޅުނު ތޫނު ހަތިޔާރުތަކުގެ ދަބަބުން ރަށަށް ނޭރިފައެވެ. ބޮޑެތި ދަގަނޑުތަކާއި، ގާތައް، އަދި ހިމަ ދަގަނޑުކޮޅު އެ މީހުން ވަނީ އުޅަނދަށް އަމާޒުކޮށް އުކާފައެވެ. އަދި އޭގެ ސަބަބުން ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެސް ވިއެވެ. މަޝްރަހު ހޫނުވެ، އެންމެ ފަހުން މާލެއިން އެސްއޯގެ ޓީމަކާއި ފުލުހުންގެ ޓީމެށް ތުޅާދޫއަށް ފުރިއެވެ. ރަށަށް އެރޭ ގޮތް ވީ ހެނދުނުގެގެ 06:00 ހާއިރުއެވެ. އަދި އޭރު ދިޔައީ ބަންގްލަދޭޝް އެމްބަސީގެ އޮފިޝަލުންނާއި ޓްރާންސްލޭޓާރ އަކާއި އެކުއެވެ. އަދި މަޝްވަރާތައް ކުރުމަށްފަހު ބިދޭސީންތައް އެންމެފަހުން އަމާންދިނެވެ.
މިއީ ބިރުވެރި އަދި ކުރިޔަށް އޮތް ތަނުގައި ވެސް ތަކުރާރު ވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މި މައުޟޫއަށް ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވޭއިރު ބައެއް މީހުން ވަނީ ބިދޭސީންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އަދި 07 މަސް ދުވަސް ވަންދެން އެހެން މުސާރައެއް ނުލިބި ފަޅު ރަށެއްގައި ތިބެންޖެހުމުން ކޮންމެ މީހަކަށް ވެސް އެހެން ވާނެކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
މާރިޔާގެ ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ބިދޭސީންގެ ހައްގުތައް ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ ގާނޫނީ އިންތިޒާމުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އެ އިދާރާތްތައް މެދުވެރިކޮށް ބިދޭސީންނަށް އެހީތެރިކަން ހޯދޭންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން ކުރުން ”އޯކޭ“ ކަމެއް ކަމަށް ދެކުމަކީ އޭނާގެ ނަޒަރުގައި ގައުމަށް ގައްދާރުވުން ކަމަށް ވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.
https://twitter.com/MariyaDidi/status/1278966002651262976
މާރިޔާގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ. އަދި ސޯޝަލް މީޑިއާގައި ޓްވީޓަށް ރައްދު ދިން މީހުން ވަނީ އެއީ މުސާރަ ނުދީ މަސައްކަތް ކުރުވުމަށް ހިއްވަރު ދިނުންގެ ގޮތުގައި ސިފަކޮށްފައެވެ. ކަން ހިނގައިދިޔައީ އެންމެ ރަނގަޅަށް ނޫން ނަމަވެސް އެ ހާލަތަށް ދާން ޖެހުނީ އެތައް މަސް ދުވަހެއް ވަންދެން މުސާރައެއް ނުދީ ފަޅުރަށެއްގައި ބައިތިއްބާ މަސައްކަތް ކުރުވުމުގެ ސަބަބުން ކަމަށް ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އާދަކާދަތައް ހުންނަ ގޮތުން ގިނަ މީހުންނަކީ، ބިދޭސީންނަށް ދޭން ބޭނުންވާ މުސާރަ ނުދިނުމާއި އަދި އިންސާނުން އުޅެން ހެޔޮ ނުވާ ވަރުގެ ތަންތަނުގައި ބައިތިއްބާ ލާއިންސާނީ އަމަލުތައް ހިންގާކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މަރިޔާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އިތުރު ޓްވީޓެއް ކުރައްވާ ވިދާޅުވީ، އޭނާގެ ވިސްނުން ބަދަލެއް ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ގޮތެއްގައި މުސާރަ ނުދީ ބޭތިއްބުން ”އޯކޭ“ ވެގެން ތިބުމަށް ހިއްވަރު ދިނުމެއް ނޫން ކަމަށެވެ، މާރިޔާ ވިދާޅުވީ މުސާރައެއް ނުލިބި ނުވަތަ ކުރި މަސައްކަތެއްގެ ހައްގު އުޖޫރަ ނުލިބުމަކީ އެތައް މައުސޫމް ބައެއް ތަނެއްގައި ބަންދުކޮށް، ތަންތަނަށް ގެއްލުން ދިނުމެއް ނޫން ކަމަށެވެ. އަދި އެއީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ދެކުމަކީ ވެސް ގޯސް ކަމެއްގެ ގޮތުގައި މާރިޔާ ވިދާޅުވިއެވެ.
https://twitter.com/MariyaDidi/status/1279223191659966464
މާރިޔާގެ މި ޓްވީޓަށް ވެސް އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ހައްގަކީ ވަކި ބައެއްގެ އެއްޗެއްތޯ އާއި މީގައި ގޯސްވަނީ މުސާރަ ނުދިން މީހުން ކަމަށް ވަނީ ބުނެފައެވެ.
އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންގެ ތެރެއިން 19 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހުންނާއި މެދު އަމަލު ކުރަންޖެހިފައިވާ އުސޫލެއް އަދި ހާމައެއް ނުކުރެއެވެ. މިވަގުތު ތުޅާދޫ އާއި ބޮޑު ފިނޮޅުގައި ބިދޭސީންގެ ވަކީލުންގެ ގޮތުގައި ދިޔަ ޕީއެލްސީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އާއި ސީލް ކުންފުނި އަދި ރިޒް ކުންފުނީގެ ވަކީލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

