ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، ރަށުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
ފާއިތުވީ ހަތަރު މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ، ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ވަނީ މުޒާހަރާކޮށް އިހުތިޖާޖުތަކެކޮށްފައެވެ. އަދި އެ މީހުން ޑިމާންޑަކީ މުސާރައާއި މެދު ވަކި ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު އެ ހަމަނުޖެހުން އެންމެ ފުރަތަމަ ވެސް ބިދޭސީން ފަށާފައިވަނީ ރަށުގައި ތިބި ދިވެހި މަސައްކަތްތެރީން ރަހީނުކޮށްގެންނެވެ.
ބިދޭސީންގެ އަތް ދަށުގައި 15 ދިވެއްސަކު ތިބިއިރު، ރަށުގައި އޭރު ތިބީ 200 ބިދޭސީންނެވެ. އެތައް ގަޑިއިރެއްގެ މަސައްކަތްތަކަށްފަހު އެންމެ ފަހުން، މާލެއިން އެސްއޯ ފުލުހުންގެ ޓީމެއް ރަށަށް ދާން ޖެހުނުއިރު، މީގެ ކުރިން ބ އަތޮޅުގެ ޑިވިޒަން ފުލުހުން ރަށަށް އަރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ފުލުހުންނަށް އަމާޒުކޮށް ގާތަކައި، ދަގަނޑު ނަޓުތައް، އަދި ތޫނުކޮށްފައި ހުރި ދަގަނޑުތައް ދޯންޏަށް އަމާޒުކޮށް އުކަން ފެށުމުންނެވެ.
އެއްވެސް ގެއްލުމެއް ނުލިބި، ރަހީނު ކުރި ދިވެހިންތައް ސަލާމަތް ކުރެވިފައި ވަނީ، އިއްޔެގެ ހެނދުނު އިރު އެރިފަހުން ނެވެ.

