ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަތްކަނޑާ“ މިސްކިތާއި، ”ގަސްދޮށު“ މިސްކިތުގެ މައްޗަށް ނަޒަރެއް

އިހުގެ މިސްކިތެއްކަމަށްވާ ޢީދު މިސްކިތް. ފޮޓޯ: ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިސްލާމްވި ފަހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރެވުނު މިސްކިތްތަކަކީ، އަޅުގަނޑުމެންގެ ތާރީޚުގެ މައްޗަށް އަލިކޮށްދޭ ވޮށްތަކެކޭ ދެންނެވުމަކީ، އަޅުގަނޑު ހިތުން ތިޔައިގެތެރެއިން އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއްނޫނެވެ. އެހެނީ ޤަދީމީ ޒަމާނުން ފެށިގެން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކުރެވިފައިވާ މިސްކިތްތަކަކީ، ދިވެހިންގެ ސަޤާފަތާއި، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ހާމަކޮށްދޭ އެންމެ ވަރުގަދަ އެއް ދަލީލެވެ. ނަމަވެސް އެ އުފަލާއެކުވެސް، ލިބިގެންދާ ހިތާމައަކީ އޭގެތެރެއިން ގިނަ މިސްކިތްތައް، ހަނދާނުގެ ވާދީއެއްގެތެރެއަށް ގޮސް ވަޅުޖެހިފައިވާކަމެވެ. އެ މިސްކިތްތަކުގެ ވާހަކަތައް ހަނދާނުގެ އުދަރެހަށް ގޮަސް އޮބާލާފައިވާކަމެވެ. އެ މިސްކިތްތަކުގެ ވާހަކަތައް، ފުންކަނޑެއްގެތެރެއަށް ގެނބިގެން ގޮސްފައިވާކަމެވެ. އޭގެތެރެއިން ގިނަ މިސްކިތްތަކުގެ ވާހަކަތަކަކީ، މަތާރަންފިލާ މަތީގައި ބެހެއްޓިފައިވާ ފަތްފުށްތަކެއްކަމަށް ވެފައިވާކަމެވެ. އަދި ކީއްތަ، އޭގެތެރެއިން ގިނަ މިސްކިތްތައް މިހާރު ވުޖޫދުގައި ނެތް ތަނަކަށްވެފައިވާކަމެވެ.

ނަމަވެސް، އެ ހިތާމައާއެކުވެސް މިއަދު އަޅުގަނޑުގެ ތަޙްލީލީ ދުރުމީ މި އަމާޒުކޮށްލަނީ، ކޮންމެވެސް ޒަމާނެއްގައި މާލޭގައި ހުރި ދެ މިސްކިތެއްގެ ވާހަކަތަކާއި ހިސާބަށެވެ. މި ގޮތުން މިއަދު ބަލައިލާނީ، ތާރީޚީ ގިނަ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ”އަތްކަނޑާ މިސްކިތު“ ގެ މައްޗަށެވެ. މި މިސްކިތަކީ މާލޭގައި ބިނާކުރެވިފައިވާ މިސްކިތެއްކަމަށް ބުނެވެއެވެ. ދިވެހިރާއްޖެ ދުށް މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ޙަސަން އަޙްމަދު މަނިކު، މީލާދީން 1979 ވަނަ އަހަރު ބަޔާންކުރެއްވި ގޮތުގައި، ޒަމާން އެނބުރެމުން ސެނބުރެމުން މި ޒަމާނާއި ހިސާބަށް އައިއިރު ”އަތްކަނޑާ މިސްކިތުގެ ވާހަކައިގެ މުޢުތަބަރު މަޢުލޫމާތެއް ލިބިފައިވާ މީހަކުނެތެވެ. ނަމަވެސް މީލާދީ ސަނަތުން 1408 އިން ފެށިގެން، 1411 އަށް ރަސްކަންކުރެއްވި ސުލްޠާން ނާޞިރުއްދީނުގެ ޒަމާނުގައި ”އަތްކަނޑާ“ މިސްކިތް ހުންނަކަމަށް މަޝަހޫރު ބުރާރު މުޙައްމަދުފުޅުގެ ވާހަކައިގައި ކިޔައެވެ. މީގެ އިތުރުން، މީލާދީން 1701 އިން ފެށިގެން، 1705 އަށް ރަސްކަންކުރެއްވި، އައްސުލްޠާން އިބްރާހިމް މުޡުހިރުއްދީންގެ ރަސްކަމުގެ ދައުރުގައި، ”އަތްކަނޑާ“ މިސްކިތް އައުކުރެއްވިކަމަށް، ދިވެހި ތާރީޚީ ޢިލްމުވެރިޔާ އަލްޤާޟީ ޙަސަން ތާޖުއްދީނު، އެ މަނިކުފާނުގެ ތާރީޚުގައި ލިޔުއްވަވާފައިވެއެވެ. މި މިސްކިތް ހުރި ހިސާބާއި ބެހޭގޮތުން ތާރީޚީ ޢިލްމުވެރިޔާ ޙަސަން އަޙްމަދު މަނިކު ވިދާޅުވިގޮތުގައި، ސުލްޠާން ނާޞިރުއްދީންގެ ޒިޔާރަތް ހުރި ހިސާބުގެ ކައިރީގައެވެ. އެއީ އަމީރު އަޙްމަދު މަގުގައި ކުރިން ހުރި ބަނޑޭރިގޭ ކުރިމަތިން ކުޑަތަންކޮޅެއް އިރުންކަމަށް ވެސް ޙަސަން އަޙްމަދު މަނިކު ބަޔާންކުރައްވާފައިވެއެވެ.

އަޅުގަނޑު ދެން އެނބުރިލާނީ، މީލާދީން 1306 އިން ފެށިގެން، 1335 އަށް ރަސްކަން ކުރެއްވި، އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރު ބިނާކުރެއްވި ”ގަސްދޮށު“ މިސްކިތުގެ މައްޗަށް ފަނޑުނަމަވެސް އަލިކަމެއް އަޅުވައިލުމުގެ އުންމީދުގައެވެ. އިހުޒަމާނުގައި ފެންވަރައި ސާފުތާހިރުވުމަށްޓަކައި ބޭނުންކުރާ އައްކަން ވެވެއް ވެސް، މި މިސްކިތް ކައިރީގައި އޮންނަކަމުގައި ބުނެވެއެވެ. އަދި މި ވެވަކީ ސުލްޠާން ޖަލާލުއްދީންގެ ޒަަމާނުގައި، އެ ރަދުންގެ އަމުރުފުޅަށް ބޭއްވެވި ވެވެއްކަމަށް ވެސް ބުނެވެއެވެ. ތާރީޚީ ޢިލްމުވެރިޔާ ޙަސަން އަޙްމަދު މަނިކު ބަޔާންކުރައްވާފައިވާ ގޮތުގައި، މި މިސްކިތް ހުންނަ ތަނުގެ ގޮތުން، މި މިސްކިތްވެފައިވަނީ ވަރަށް ވެސް މުހިންމު މިސްކިތަށެވެ. މި ގޮތުން ބާޒާރުމަތީގައި އުޅޭ މީހުންނާއި، އޮޑިފަހަރުގެ މީހުން ވެސް ބޮޑަށް ބޭނުންކޮށް އުޅުނީ ”ގަސްދޮށު“ މިސްކިތެވެ. މީގެ އިތުރުން ”ސޯޅިޔާ“ އިންގެ ވިޔަފާރިވެރިން ކޮންމެ އަހަރެއްގެ ރަޖަބުމަހު 27 ވިލޭރޭ މަޢުލޫދު ކިޔަމުންއައީ ވެސް މި މިސްކިތުގައެވެ. މީގެ އިތުރުން ކޮންމެ ހުކުރުވިލޭރެއަކު އެ މީހުން ބާއްވާ ޖަލާލީ ރާތީބު ވެސް ބާއްވައިފައިވަނީ މި މިސްކިތުގައެވެ. މި މިސްކިތުގެ ޤަބުރުސްތާނަކީ މާގިން މަހާނަތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤަބުރުސްތާނެއްނޫނެވެ. ނަމަވެސް އެ ޤަބުރުސްތާނުން ފާހަގަކޮށްލެވޭކަމަކީ ޙާޖީ އެދުރުކަލޭގެފާނުގެ މަހާނަ އެ ތަނުގައިވުމެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު، އައްޝައިޚުލްޙާއްޖަ އަޙްމަދު ބިން މުޙައްމަދެވެ. ތާރީޚު ބުނާގޮތުގައި ޙާޖީ އެދުރުކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 1160 ވަނަ އަހަރުގައެވެ.

އާދޭހެވެ. އިސްވެ އަޅުގަނޑު ބަޔާންކުރި ދެ މިސްކިތަކީ ވެސް ތާރީޚީ އެތަކެއް ވާހަކަތަކެއް ކިޔައިދޭ ދެ މިސްކިތެވެ. ނަމަވެސް އެފަދަ ތަންތަން މާޒީގެތެރެއަށް ގޮަސް ފަސްއެޅިފައިވުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ހިތާމައެއްކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. ވީމާ މި ޒަމާނަށް އައިއިރު، އާދެ އަޅުގަނޑުމެންނާއި ހިސާބަށްއައިއިރު، މި ދިވެހި ފަސްގަނޑުން ފެންނަންހުރި މިފަދަ މިސްކިތްތަކަކީ ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފައިވާ ތަންތަނަށް ހަދަންޖެހެއެވެ. އެހެންނޫންނަމަ އަޅުގަނޑުމެންގެ ކާބަފައިންގެ ވާހަކަތައް، އަންނަން އޮތް ޖީލުތަކަށް ފޯރާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ހަމަ އެ ފަދައިން، އިހުގެ މިސްކިތްތައް ނެތްނަމަ، ތާރީޚާއި ބެހޭގޮތުން އިތުރު އަލިކަމެއް ލިބުމަކީ ވެސް ނާދިރުކަމެކެވެ. އަދި ކީއްތަ، އެ ފަދަ ތަންތަން ފަނާވުމުން، އެ ގެއްލިގެންދަނީ ވަރަށް ވެސް އަގުބޮޑު ތަރިކައެކެވެ. ދިވެހިންގެ ޝަރަފެކެވެ. ދިވެހިންގެ ފަޚުރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: