ޑަބްލިއު.ޒެޑް.އާރު ކުންފުންޏާއި ހަވާލުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން މިކަން ހާމަކޮށް ބަޔާނެއް ނެރެފައިމިވަނީ މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއަށް ހަތް ދުވަސްތެރޭ 22.8 މިލިއަން ޑޮލަރު ދެއްކުމަށް އެޗްޑީސީގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ)އިން އަމުރުކޮށްފައި ވަނިކޮށެވެ.
އެޗްޑީސީއިން ބުނީ ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ނިންމާ އެކަމުގެ މަޝްވަރާތައް މަޝްރޫއުގެ ކޮންޓްރެކްޓަރ ކަމަށްވާ ޑަބްލިއު.ޒެޑް.އާރު ކުންފުންޏާއިއެކު ކުރަމުންދާ ކަމަށެވެ. މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެޗްޑީސީއިން ނިންމީ އެމަޝްރޫއު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެކުންފުންޏަށް ނުފެންނާތީ ކަމަށާއި އެމަޝްރޫއު ހުއްޓާލައިފިނަމަ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކުންފުންޏަށާއި ސަރުކާރަށް ލިބިދާނެ ކަމަށް އެޗްޑީސީއަށް ފެންނާތީ ކަމަށެވެ.
މާލޭގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތެއް އެޅުމަށް އެމިނިސްޓްރީއާއި ޑަބްލިއު.ޒެޑް.އާރު ކުންފުންޏާއެކު އެއްބަސްވީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު މަޝްރޫއުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 122.7 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން އޭރުގެ ސަރުކާރުން ފަހުން އެމަޝްރޫއު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކޮށްފައިވާއިރު އެކަމާއި ގުޅިގެން އެމަޝްރޫއުގެ އަގު 155 މިލިއަން އެމެރިކާ ޑޮަލަރަށް ވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް، މަޝްރޫއުގެ އެއްވެސް ފައިސާއެއް އެޗްޑީސީއާއި ހަވާލުކޮށްފައިނުވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އަދި އެއްބަސްވުން ނޮވޭޓް ކުރުމަށްފަހު، ކޮށްފައިވާ މަސައްކަތަށް 30 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެޗްޑީސީއަށް ބިލްކޮށްފައި ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް، މިއަގަކީ ކޮށްފައިވާ އަގާއި ނުބައްދަލު އަގަކަށްވާތީ އެކޯޕަރޭޝަނާއި ކުންފުންނާއި ދެމެދު ވާހަކަތައް ދެކެވި 25 މިލިއަން އެމެރިކާ ޑޮލަރަށް އަގު ކުޑަ ކުރެވުނު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެހެންނަމަވެސް، މިއަގަކީވެސް އެކަށީގެންވާ އަގެއްކަމަށް އެކޯޕަރޭޝާނަށް ނުފެންނާތީ އެމައްސަލަ އާބިޓްރޭޝަންގެ ކުރީގެ މަރުހަލާގައި މައްސަލަ ކުރިއަށް ގެންގޮސް ކުންފުނިން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ އަގަކީ 22.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ކަނޑައަޅާފައިވާ ކަމަށް އެކޯޕަރޭޝަނުން އާނމުކުރި ބަޔާނުގައިވެއެވެ.
ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅިއިރު ކުންފުނިން އެހާތަނަށް ކޮށްފައިވާ މަސައްކަތަށް ސަރުކާރުން ފައިސާ ދީފައިނުވާކަމަށް މައުލޫމާތުލިބެއެވެ. އަދި އޭރު އެމަޝްރޫއު ކުރިއަށް ނުގެންދަން ރައީސް އިބްރާހިމް މުހައްމަދުގެ ސާލިހުގެ ސަރުކާރުންވެސް ވަނީ ނިންމާފައެވެ.
މީޑިއާތަކުން މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ސާލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ޕްރޮޖެކްޓް ހުއްޓިފައިވާއިރު ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ކުންފުންޏާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
މީގެއިތުރުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް މެލޭޝިޔާގެ މީޑިއާތަކުގައި އޭރު ވަނީ ރިޕޯޓްކޮށްފައެވެ.

