ދިވެހިރާއްޖެއަށް މިކިޔާ ޑިމޮކްރެސީއެއް އައިފަހުން ފަލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ވާހަކައަކީ ރައްޔިތުންގެ ތެރޭގައި އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން ޖެހޭ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. މިދެންނެވި ކަންކަން އިސްލާހު ކުރުމުގެ ބޭނުމުގައި ކަމަމަށް ބުނެ ފުލުހުންނާއި ބެހޭ އައު ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް މިހާރު މި އޮތް 19 ވަނަ މަޖިލީހުން ވަނީ ފަށާފައެވެ. އެހެން ކަމުން އަޅުގަނޑުގެ ހިޔާލުގައި މިއީ ފުލުހުންގެ ވާހަކަ ދައްކަން ވަރަށް މުނާސަބް ދުވަސްވަރެކެވެ.
ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އަމާންކަން ދަމަހައްޓައި، ދިމާވާ ނުރައްކާތެރި އެކި ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ތިބޭ ބައެކެވެ. މިދެންނެވި ކަންކަމުގައި އެންމެ އިސްކޮށް، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއްބަޔަކީ ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނެވެ.
އެއްވެސް ހާދިސާއެއް ހިނގައިފިނަމަ މަދު މިނިޓްކޮޅެއްގެ ތެރޭގައި އެތަނަކަށް ގޮސް، އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ބަޔަކީވެސް ފުލުހުންނެވެ. އެއީ ހަމަ ތެދުވާހަކައެކެވެ. ފުލުހުން ގައުމަށާއި ރައްޔިތުންނަށް ކޮށްދީފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ހިދުމަތާއި ވަމުންދާ ގުރުބާނީއަކީ ތާރީހީ ފޮތްތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަން ހުރި ހެކިތކެވެ.
ފުލުހުންގެ މައި އިދާރާއަށް ހަމައެކަނި ބަލާލިކަމުގިވިޔަސް ދީފައިވާ ނަމަކީވެސް މި ގައުމުގެ އިސްތިގްލާލާއި މިނިވަންކަމަށްޓަކައި ޝަހީދު ވެގެންދިޔަ ދިވެހި ދަރިއެއްގެ ނަމުން ނަންދީފައިވާ ތަނެކެވެ. އެއީ ރައްޔިތުންވެސް ވަރަށް އިހުތިރާމްކޮށް ފަހުރުވެރުވި ތަނެކެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައި ވިޔަސް އެ ގަައުމެއްގެ ސަލާމަތީ ބާރުތަކުގައި މަސަތްކަތައް ކުރައްވާ މީހުންނަކީ ގައުމުގެ ރައްޔިތުން އެންމެ ބޮޑަށް އިހުތިރާމް ކުރާ މީހުންނެވެ. އެ މީހުން ސިފަކުރަނީ ގައުމަށް އެތަށް ގުރުބާނީއެއް ވެފައިވާ ބަތަލުންގެ ގޮތުގައެވެ. ތެންކް ޔޫ ފޮރ ޔުރ ސަރވިސް އަކީ އޭގެއިން ކޮންމެ މީހަކު ފެނުމުންވެސް ދުލުން އަންނަ ލަފުޒްކަން އަޅުގަނޑއަށް ހަމަ ޔަގީނެވެ. އެއީ އެމީހުނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ރާއްޖޭގައި ސަލާމަތީ ބާރުތަކުގައި އުޅުއްވާ ބޭފުޅުންނަށް އިތުބާރު ނުކުރަނީ ކީއްވެގެންތޯ މިއީ މިއަދު ކޮށްލަން ޖެހޭ ސުވާލެކެވެ.
މިގައި އެބޭފުޅުންގެ އިހުމާލެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މައްސަލައަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ރައްޔިތުންގެ މަސްލަހާތާއި ގައުމީ މަސްލަހަތު އިސްކޮށް އެތައް ވައުދެއްވެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައި ވެރިކަމަށް އަންނަ ސިޔާސީ ލީޑަރުންގެ މައްސަލައެވެ. ޒަމާނުއްސުރެ އެބޭފުޅުންގެ މައްސަލަޔަކީ ވެރިކަމަށް އައުމަށް ފަހު ވެފައިވަ ވައުދުތައް މަތިން ހަނދުމަފުޅު ނުވާ މައްސަލައެވެ. ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރާ ކަމަކީވެސް ފާއިތުވެގެންދިޔަ ދައުރުގައި ވެރިކަން ކުައްވާފައި ތިބި ބޭފުޅުންނަށް ކުޑަ ގޮޅި ދެއްކުމެވެ.
ހިތާމަޔަކީ ވޯޓު ލިބޭ މަގާމަށް އައްޔަނުކުރެވޭ ހިސާބުން ރައްޔިތުންގެ ފައިބުޑަށް ވެއްޓި ތިމާ އަށް ވޯޓުދޭން އާދޭސް ކުރެވުނު ކަމެއް ހަނދުމަފުޅުނެތުން .އެންމެ ފުރަތަމަ ކުރައްވާކަމަކީވެސް މުއައްސަސާތަކުގެ އިސްވެރިންގެ އިތުބާރު ނެތްކަމަށް ބުނެ އެ މަގާމުތަކަށް ގާތް ތިމާގެ ނުވަތަ އަރިސް ބޭފުޅުން އައްޔަނުކޮށް އެ ބާރުތައް މުށު ތެރެއަށް ލުމަށް މަސަތްކަތް ކުރުމެވެ.
ސިޔާސީ ކޮންމެ ލީޑަރެއް ހާވާ ހަޑިއެއްގައި ބާރު ދޭން ތިބޭ އެއްބަޔަކީ ނޫ ކުލައިގެ ޔުނީފޯމް ތުރުުކުރައްވައިގެން ތިބި ބޭފުޅުންނެވެ. އެއީ ގާނޫނުއަސާސީއާއި ހިލާފަށް ކުރަންޖެހުނު ކަމެއްގައި ވިޔަސް ދީނާއި ރައްޔިތުންނަށްޓަކައި ކޮށްގެން ތިބި ހުވާގެ މަތިން ހަނދާން ނެތި ކުރާ ހުރިހާ ކަމެއްގައި ޝާމީލު ވުން އެއީ މާޒީން ދައްކުވައިދޭ ހަގީގަތެެކެވެ.
ގައުމުގެ ވެރިޔާއާއި ދެކޮޅަށް މުޒާހަރާކޮށް ބައެއް ސިޔަސީ ލީޑަރުންގެ ބަހަށް ހެއްލި ބަޢާވާތުގައިވެސް ހަމަ މި ނޫކުލައިގެ ޔުނިފޯރމް ތުރު ކުރައްވައިގެންތިބި ބޭފުޅުން ޝާމިލުވެފައި އެބަތިއްބެވިއެވެ. އެއް ބައެއްގެ ސަބަބުން މުޅި މުއައްސަސާގެ ނަން ހުތުރު ވުމަކީވެސް ލަދު ގަންނަން ޖެހޭކަމެކެވެ.
ކުރީގެ ރައިސް ޔާމީންގެ ސަރުކާރުގައި ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަސް ، ނޫސްވެރިންނަށް އަނިޔާކުރިޔަސް އަދި އާންމުންނަށް އަނިޔާކުރިޔަސް އެކަންވެސް މާޒީވެގެންގޮސްފިއެވެ. ރައިސް އިބްރާހީމް މުހައްމދު ސޯލިހުގެ ސަރުކާރަު ވުޖޫދަށް އައުމާއެކު އެ ކަންތައް ހަމަޔަކަށް އެޅޭނެކަމުގެ ކޮޅު މަތި ފުރަަތަމަ ދުވަހުން ފެށިގެންވެސް ފެނިގެންދިޔައެވެ. ނޫސްވެރިކަމުގެ ބިރުވެރިކަމެއް އަދި މުޒާހަރާއެއް ކުރިޔަސް ފުލުހުންނެއް ރައްޔިތު މީހާއަށް އަނިޔާ ކުރި މަންޒަރެއް ފެނިގެން ނުދެއެވެ.
އާއިލީ ބޭފުޅެއް ކޮމިޝަނަރަކަށް ލި ކަމުގައި ވިޔަސް އެތަނުގައި ވެސް މައްސަލައެެއް ނުޖެހި މިހާތަނަށް އައީ ހިނގަމުންނެވެ. ނަމެވެސް އަހުލާގެއް ނެތް ބައެއް ބޭފުޅުންގެ އަނެއްކާވެސް ގާނޫނާށް ވުރެ މަތިވާން އުޅެ މުއައްސަސާގެ ގެއްލިފައި އޮތް އިތުބާރު އެޔަށް ވުރެ ބޮޑަށްވެސް ރައްޔިތުންގެ މެދުގައި ވެއްޓިއެއްޖެއެވެ.
ނޫކުލައިގެ ޔުނިފޯމަކީ އަނިޔާކުރުމަށް ލިބޭ ފްރީ ޕާހެއް ކަމަށް ހީކޮށް އިންސާނިއްޔަތުކާމާއި ހިލާފު އަމަލު ހިންގާ ވީޑިއޯވެސް އާންމުވެގެންދިޔައެވެ. ކޯޓު އަމުރަކީ އަނިޔާ ކުރުމަށް ލިބޭ ހުއްދައެއް ނޫންކަން ފުލުހުން ގަބޫލު ކުރަން ޖެހޭނެއެވެ. މިއީ ރައްޔިތުންގެ ސަރުކާރެއްކަން މިހާތަނަށް ހިނގާފައި ހުރި ހުރިހާ ކަމަކުންވެސް ސާބިތުވެފައިވާއިރު ފުލުހުންގެ މުއައްސަސާއަށް ވެސް ހެޔޮ ބަދަލެއް އައުމަކީ އެންމެންގެ ވެސް އުންމީދެކެވެ.

