ލޮކްޑައުންއަށް ދިން ލުއިތަކާއި ގުޅިގެން ނިކުމެފައިވާ ނަތީޖާތަކަށް ރިޢާޔަތްކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ކުރިއަށްގެންދިއުމަށް ގޮތްނިންމުމަށްޓަކައި ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ.
ބުރާސްފަތިދުވަހު ހަވީރު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެންއީއޯސީ) އުވާލުމަށްފަހު ކޮވިޑް-19 އިގެ ހާލަތު ބަދަލުވަމުންދާ ގޮތް ވީހާވެސް ގާތުން ބެލުމަށްޓަކައި ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ގޮތުން ބުރާސްފަތިދުވަހުގެ ބައްދަލުވުމުގައި ކަމާބެހޭ ފަރާތްތަކުންވަނީ ޢާންމު ދިރިއުޅުމުގެ ކަންކަން ބަހައްޓަންޖެހޭ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއި މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ސިއްހީ ދާއިރާއިން ވަމުންއަންނަ ތައްޔާރީތަކާއި، މި ކަމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުން ރައީސްވަނީ ބައިވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.
ބުރާސްފަތިދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސް އޮފީހުގެ ބައެއް އިސް ވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން
ސިއްހީ ދާއިރާގެ މާހިރުންނާއި ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އިސް ވެރިންގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

