ބުރާސްފަތިދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހދ.ނޮޅިވަރަމްގެ މީހާގެ ކޭސްއާއި ގުޅިގެން، ކޮންޓެކްޓްސްގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ 05 މީހުންކަމަށާއި، އެ އެންމެން ވެސް ކަރަންޓީނުކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ބުރާސްފަތިދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި ހދ. ނޮޅިވަރަމް މީހާއަކީ، މާލެއަށް ސިއްހީ ފަރުވާއަށްގެނެވި މިދިޔަ ޖޫންމަހުގެ 23 ވަނަ ދުވަހުގައި ސާޖަރީއެއް ހަދާފައިވާ ފަރާތެއްކަމަށެވެ. އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ، ޖޫންމަހުގެ 26 ވަނަ ދުވަހުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެެވެ.
ޑރ.ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވި ނޮޅިވަރަމް މީހާއަކީ، މާލޭގައި ތިބޭ އަތޮޅުތަކުގެ މީހުން ދަތުރުކުރަން އޮންނަ އުސޫލުގެތެރެއިން،ދަތުރުކުރުމުގެ ހުއްދަ ލިބުމުން އަމިއްލައަށް ގޮސް މަގުމަތިން ރެންޑަމް ސާމްޕަލް ނަގާފައިވާ ފަރާތެއްކަމަށެވެ. މި ގޮތުން އޭނާގެ ސާމްޕަލް ނަގާފައިވަނީ މި ހިނގާ ޖުލައި މަހުގެ 03 ވަނަ ދުވަހުކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ ބުރާސްފަތިދުވަހުކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ގޮތުން މި ކޭހާއި ގުޅުންހުރި ފަސް މީހަކު މިހާތަނަށް ކަރަންޓީނުކޮށްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.
”ހދ.ނޮޅިވަރަމްގަ ކޮވިޑް ޕޮޒިޓިވްވީ ފަރާތެއްގެ ވާހަކަ އަޅުގަނޑުމެންވަނީ ހާމަކޮށްފަ. މި ފަރާތަކީ މާލެއަށް ސިއްހީ ފަރުވާއަށްގެނެވި އައިޖީއެމްއެޗުގަ 23 ޖޫންގަ ސާޖަރީއެއް ހަދާފަ އަދި 26 ޖޫންގަ ޑިސްޗާރޖުކުރެވިފަވާ ފަރާތެއް، މި ފަރާތް ”ހާލުބެލުން“ މެދުވެރިކޮށް ހަމަ އަތޮޅުތެރެއަށް އަނބުރާ މާލޭގަ ތިބި މީހުން ދަތުރުކުރަން އޮންނަ އުސޫލުން އެޕްލައިކުރުމަށްފަހު އެ ފަރާތަށް ހުއްދަ ލިބުމަށްފަހު، ދަތުރުކުރުމުގެ ހުއްދަ ލިބުމަށްފަހު އަދި އޭގެ ފަހުން އަމިއްލަފުޅަށް ވަޑައިގެން ހަމަ ރެންޑަމް ސާމްޕްލިންގ މަގުމަތިން ރެންޑަމްކޮށް ނަގާ ސާމްޕްލިންގެ ތެރެއިން ސާމްޕަލް ނަގާ ނަގާފަވަނީ ތިންވަނަ ދުވަހު ޖުލައިމަހުގެ. ދެން އެނގިވަޑައިގަންނަވާނެ މިދޭތެރެއިން އައިޖީއެމްއެޗާއި އަޅުގަނޑުމެންގެ މުޅި ޓެސްޓިން ސިސްޓަމްގަ ބެކްލޮގެއް ކޮންމެވެސްވަރަކަށް އުޅުނު. ޓެސްޓު ރިޒަލްޓް އަޅުގަނޑުމެންނަށް މިއަދު މިވަނީ ލިބިފަ. މި ކޭސްއާއި ގުޅިގެން ފަސް ފަރާތެއް، ކޮންޓެކްޓްސްގެ ގޮތުގަ މިހާރު ކަރަންޓީނުކުރެވިފަ ވަނީ.“ ޑރ.ނަޒްލާ
ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 2553 މީހުން ޕޮޒިޓިވްވެފައިވާއިރު ފަހަކަށް އައިސް ގިނަ ޢަދަދަކަށް އިންޑިޕެންޑެންޓް ކޭސްތައްދަނީ ފެންމަތިވަމުންނެވެ. މި ބައްޔަށް ޕޮޒިޓިވްވާ ޢަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ސިއްހީ މާހިރުން ވަނީ މިފަދަ ރެންޑަމް ކޭސްތައް ޕޮޒިޓިވްވާނަމަ ނުރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވެސް ވިދާޅުވެފައެވެ.

