އައިޖީއެމްއެޗުން ފެނުނު ކްލަސްޓާރއާއި ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ބުރާސްފަތިދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
އައިޖީއެމްއެޗުން ކޮވިޑް-19 އިގެ ކޭހެއް ފުރަތަމަ ފެނިފައިވަނީ، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދެމުންދިޔަ އިންޑޮނޭޝިއާގެ ރައްޔިތަކު ޖުލައި މަހުގެ 02 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެން ހެދި ޓެސްޓުގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވި ހިސާބުން ފެށިގެންނެވެ. މި ކްލަސްޓަރއާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި، އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެކެވެ.
މި ގޮތުން މި މީހާއާއެކު، އައިޖީއެމްއެޗުގެ ކްލަސްޓަރއާއި ގުޅުންހުރި ޖުމްލަ 17 ކޭސް މިހާތަނަށް ފެނިފައިވެއެވެ. އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހުންގެތެރޭގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން، އެޑްމިޓްކޮށްފައިވާ ބަލި މީހުންނާއި، އެ މީހުންގެ އެހީތެރީން ހިމެނެއެވެ.
މި ކޭސްތަކާއި ގުޅިގެން އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދެއްކުން ލިމިޓްކޮށްފައިވާއިރު، އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ އެންމެން ވެސް ކޮވިޑަށް ޓެސްޓުކުރާގޮތަށް ވަނީ ނިންމާފައެވެ.

