ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ހަސަން އިސްމާއިލް އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: ސީޕީ

ރައީސް އޮފީހުގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް، ހަސަން އިސްމާއިލް އަދި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް، ހަސަން އިސްމާއިލް އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

”މިހާރު“ ނޫހުގެ ދަށުން ހިންގާ، އިނގިރޭސި އެޑިޝަންއެއް ކަމަށްވާ ”ދި އެޑިޝަން“ ގައި މަސައްކަތް ކުރަމުން އަންނަ އެޑިޓަރު ރާއީ މުނައްވަރުއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މައްސަލައާއި ގުޅޭގޮތުން ރާއީ ވަނީ ޓްވީޓުތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ރައީސް އޮފީހަށް ހުށަހަޅާ، އެކަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހަށް ހުށަހަޅާފައިވާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ރާއީ ވަނީ ޓްވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޓެގު ކުރައްވާ، މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅެންވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

https://twitter.com/MunavvarRae/status/1280926910764081152

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި އަލީ ވަހީދުގެ މައްޗަށް ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް އެކަން ހުށަހެޅުމާއި އެކު ރައީސް ސޯލިހް ވަނީ އަލީ ވަހީދު ވަޒީޒުކަމުން ވަކި ކުރައްވާފައެވެ. ޖިންސީ ފުރައްސާރައާއި، ރޭޕްގެ އެތައް ކޭސްތަކެއް ފުލުފުލުގައި ފެންމަތިވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް އެޅުއްވި އެ ފިޔަވަޅާއި އެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި މިއީ ސަރުކާރުން ޖިންސީ ފުރައްސާރައަށް ގެންގުޅޭ ”ޒީރޯ ޓޮލަރެންސް“ ގެ ސިޔާސަތުކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރާއި ގުޅޭގޮތުން މި ވާހަކަތައް ދެކެވުނެވެ. އެހެން ނަމަވެސް، އިދާރާތަކުގެ މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ރާއީގެ ޓްވީޓަށް ރައްދު ދެއްވާ ހަމީދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއާއި އެކު ވާހަކަ ދެކެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ދާ ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވަނީ ވީހާވެސް އަވަހަށް މައްސަލަ ކުރިޔަށް ގެންގޮސްދެއްވުމަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

https://twitter.com/M_Hameedh/status/1281488798350630917

ރާއީ ވަނީ މައްސަލައިގެ ތަހުގީގު އެއްވެސް ފުށުއެރުމެއް ނެތި، އަދި ފަސް ޖެހުމެއް ވެސް ނެތި ކުރިޔަށްދާނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެފައެވެ. ހަސަން އިސްމާއިލް އަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގެ ބޭބެއެވެ. 

 

ރައީސް އޮފީހުގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް، ހަސަން އިސްމާއިލް

ދާދިފަހުން ފުލުހުންގެ މުވައްސަސާއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، އެ މައްސަލަތަކަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިފަދަ އިޖްތިމާއީ ކަންކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭއިރު ފުލުހުންނަކީ ގާނޫނުތައް ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާ ކުރާ އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާއަށްވާން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މައްސަލަތައް ހައްލު ކުރުމުގައި ފުލުހުންގެ ދައުރު ހަގީގަތުގައި ވަރަށް ބޮޑުކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ އިންސާފާއި ހަމައަށް ވަސިލްވެވޭނެ ދޮރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މުވައްސަސާއާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، މުޖްތަމައުގެ ތެރޭގައި އިތުރުވަމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކުގެ މައްސަލަތައް ވީހާވެސް އަވަސް ސްޕީޑެއްގައި ތަހުގީގުކޮށް،ޝަރީއަތްތައް ކުރިޔަށް ގެންދެވި އިންސާފު ގާއިމް ކުރެވެން ޖެހޭ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި ފުލުހުންނަށް އޮންނަ ނުފޫޒުތަކުގެ ވާހަކައިގެ އަޑުތައް ވަނީ ގަދަވެފައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އެކި މައްސަލަތައް އިތުރުވަމުން އަންނައިރު، މީގެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިން ވެސް ރިޕޯޓު ކުރުމުން އެއްވެސް ފިޔަވަޅެއް ނޭޅި ހުރި މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: