ޒުވާން ޑިވެލޮޕަރުންނަށް ކޮންމެ ތަނެއްގައި ތިބެގެންވެސް، ސަރުކާރުގެ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ސަޕޯޓު ފޯރުކޮށްދެވޭގޮތަށް މަސައްކަތް ފަށާފައިވަކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކޮނޮލޮޖީން ބުނެފިއެވެ.
ބުރާސްފަތި ދުވަހު، އެ މިނިސްޓްރީން ނެރުނު ބަޔާނެެއްގައި ބުނީ، އެންސީއައިޓީން ޑިވެލޮޕްކޮށް ބަލަހައްޓަމުންދާ ދައުލަތުގެ ސިސްޓަމްތަކުގެ ކޯޑް ބޭސް ކުންފުނިތަކާއި ހަވާލުކޮށްގެން ޑިވެލޮޕްކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. މި ގޮތުން މިކަމާއި ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކޮނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، މިއަދަކީ ތާރީޚީ ދުވަހެއްކަމަށާއި، ސަބަބަކީ ފުރަތަމަ ފަހަރަށް އެންސީއައިޓީގެ ޑިވެލޮޕްމަންޓް އެންޑް ޓްރޭނިންގް އެންވަޔަރަމަންޓްގައި ހުރި ސަރުކާރުގެ އޮފީހެއްގެ ސިސްޓަމެއް އިތުރަށް ތަރައްޤީކުރުމަށްޓަކައި، އެެ ފަރާތުގެ އެދިލެއްވުމަކަށް ދިވެހި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކުންފުންޏަކަށް އެ ސިސްޓަމްގެ ސޯސްކޯޑަށް އެކްސެސް ކުރެވޭނެ އިންތިޒާމުތައް ކުރެގިންދިއުންކަމަށެވެ.
މަލީޙް ވިދާޅުވީ، މީގެ ސަބަބުން އެންސީއައިޓީޏް ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރަަށް ބޭނުންވާ ކޮމްޕޯނަންޓްތައް އެ އޮފީހަކުން ޑިވެލޮޕްމަންޓް ކުންފުނިތަކާއި ހަވާލުކޮށްގެން، އެއް ޑިވެލޮޕްމަންޓް އެންވަޔަރަމަންޓްގައި ތަރައްޤީ ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.
މަލީހް ވިދާޅުވީ، އެންސީއައިޓީގެ ސިޔާސަތަށް ގެނެވުނު މި ބަދަލަކީ، ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޒުވާނުންނަށާއި، ވިޔަފާރިތަކަށް ހުޅުވިގެންދިޔަ ފަހި ފުރުސަތެއްކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ގިނަ ފަރާތްތަކަށް އަމިއްލަ ރަށުގައި ތިބެގެން މާލީ ފައިދާހޯދޭނެކަމަށް ވެސް މަލީޙް ވިދާޅުވިއެވެ.
މަލީޙް ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ އިތުރުން، އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ވެސް، މި ގޮތަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހަދަންޖެހޭ ސިޔާސަތުތައް ހެދުމުގެ މަސައްކަތްތައް އެއ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
މަލީޙް ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ދަށުން ފުރަތަމަފަހަރަށް ޑިވެލޮޕްމަންޓް އެންވަޔަރަމަންޓް އެކްސެސް ދީފައިވަނީ، މިނިސްޓްރީގެ އޮފް ޑިފެންސްގެ މަކުޑި ސިސްޓަމްގެ އޮންލައިން ޕޯޓަލް ޑިވެލޮޕްކޮށްދީފައިވާ ޓެރަބައިޒް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ހަދަމުންދާ ކޮމްޕޯނަންޓެއްގެ ގޮތުގައި ވެސް މަލީޙް ވިދާޅުވިއެވެ. އަދި ކެމިކަލް އެތެރެކުރުމާށް ހުއްދަދިނުމާއިގުޅޭ، އިދާރީ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް މަކުޑި ސިސްޓަމްގެ ބެކްއެންޑް ފުރަތަމަ ހަދާފައިވަނީ އެންއައިސީޓީންކަމަށް މަލީޙް ވަނީ ވިދާޅުވެފައެވެ.

