ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވަމުންދާއިރު، އެކަށީގެންވާ ފިޔަވަޅުތަކާއި އަދަބު ނުދެވޭ ކަމަށް ބުނެ ސަރުކާރަށް ކުރަމުންދާ ޕްރެޝަރުވެސް އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް މިދުވަސްވަރު ފެންމަތިވަމުންމިދާ މައްސަލަތަކުގައި، ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތަކުގައި ސަރުކާރުގެ އިސްވެރިންނަށް ތުހުމަތުތައް ކުރެވުމަކީ ޒީރޯ ޓޮލަރެންސްގެ ވައުދާއެކު ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ.
މިފަދަ މައްސަލަތަކަކާއެކު ޓުއަރިޒްމް މިނިސްޓްރީގެ މުވައްޒަފުން ސީދާ ރައީސް ސޯލިހުގެ އަރިހަށް ދިޔުމާއެކު، ރައީސް ވަނީ އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެހެންނަމަވެސް، ވަގުތުން ވަގުތަށް މަގާމުން ވަކިކުރެއްވުމުގެ ބަދަލުގައި އިސްތިއުފާ ދޭން އެންގެވުމަކީވެސް ގިނަ ބަޔަކަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް މީގެކުރިންވެސް ފެންމަތިވެގެން ގޮސްފައިވުމަކީ، ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މިފަދަ ފިޔަވަޅެއް އެޅި ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ފުލުހުންވެސް މިހާރު މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން އަލީ ވަހީދު ދެން ޖެހޭނީ ސިޔާސީ ހަޔާތަށް އަލްވަދާއު ކިޔާށެވެ.
އެހެންނަމަވެސް، މިއާއެކު ގިނަ ބަޔަކު އުފައްދާ އެހެން ސުވާލުތަކެއްވެސް އެބަހުއްޓެވެ. އަލީ ވަހީދު ނޫނަސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނަށް މިފަދަ ތުހުމަތުތައް ކުރެވޭއިރު، މީގެ ކުރިން ހުށައެޅުނު އެފަދަ މައްސަލައަކަށް އަޅާލުން ނުދެވެނީ ކީއްވެތޯ އާންމުން ސުވާލު އުފައްދައެވެ. މިއަހަރުގެ ކުރީކޮޅު ފެންމަތިވި ސަރުކާރުގެ އިސްވެރިއެއްގެ މިފަދަ މައްސަލައެއް މިހާރު ބަލަން ފަށާފައިވާއިރު، މިއީ އަނެއްކާވެސް މިފަދަ މައްސަލަތަކުގައި ކުށްވެރިންނަށް އަދަބު ދޭނެ ކަމުގެ ފެހި ސިގްނަލެއްކަމަށް އާންމުން ދެކެއެވެ.

ދެން އޮތީ ސޯޝަލް މީޑިޔާގައި އަޑުގަދަވެގެން ނުދާ ނުވަތަ ރައީސްއާ ހަމައަށް ނުދާ މިފަދަ ކޭސްތަކުގެ ވާހަކައެވެ. މިފަދަ ކޭސްތަކުގައި އަނިޔާ ލިބިފައިވަނީ ނުވަތަ އަނިޔާ ތަހައްމަލު ކުރަމުންދަނީ ކިތައް ކުދިންތޯ ނުވަތަ މީހުންތޯ ނޭނގެއެވެ. ލަފާ ކޮށްލާފައިވިޔަސް އަދަދެއް ބުނަން ނޭނގެއެވެ. މިކަމާއި ގުޅިގެން ދިރާސާއެއް ހެދިފައިނުވާއިރު، އަނިޔާ ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތް ނޭގި އިންސާފު ލިބޭނެ ގޮތެއް އޮންނާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
ކަމުގެ ހައްލު ލިބެން އޮތް ގޮތަކީ، ކަމެއް ފަޅާ އެރުމުން މަގުމައްޗަށް ނުކުތުންތޯ ނުވަތަ އެފަދަ އަނިޔާވެރި މީހަކު އުޅެމުންދާ ގޭ ދޮށަށް އެއްވެ މުޒާހަރާ ކުރުންތޯ މިއީ އުފެދޭ ސުވާލެކެވެ. ނުވަތަ އިންސާފަކީ ކޮންމެވެސް ގޮތަކުން ސޯޝަލް މީޑިޔާގައި އެމީހަކު ބަދުނާމުކޮށްލުންތޯ މިއީވެސް އުފެދޭ ސުވާލެކެވެ. މިހާ ހިސާބަށް މިކަން ދިޔައީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. މައްސަލަތައް ބެލުމަށް އިދާރާތަކާއި، މުއައްސަސާތައް ހެދިފައި ހުންނައިރު، އެއިން ތަނަކަށް ދިޔުމުގެ ބަދަލުގައި މިފަދަ ”އަލްޓަނޭޓިވް“ ގޮތްތަކަށް ދާންޖެހޭނީ ސަބަބުތަކެއް ހުރުމުންނެވެ. އާންމުން ދެކޭ ގޮތުގައި މިހާލަތަށް ދާން ޖެހުނީ އިދާރާތަކުން އިންސާފު ނުލިބޭތީއެވެ. ނުފޫޒު ގަދަ މީހެއްގެ މައްސަލައަކަށް ވާތީ ކޮންމެވެސް ގޮތަކުން މައްސަލަ އޮއްބާލާތީއެވެ.
ރައްޔިތުންގެ އިތުބާރު ތަހުގީގުކުރާ އިދާރާތަކަށާއި، ޝަރުޢީ ދާއިރާއަށް ވަނީ ގެއްލިފައެވެ. ޖެންޑަރ މިނިސްޓްރީއިން ނުވަތަ ފުލުހުން ބަލަންވާނީ ސޯޝަލް މީޑިޔާގައި ފެންމަތިވާ ނުވަތަ އެނޫންވެސް ބޮޑެތި ކޭސްތައް އެކަންޏެއް ނޫނެވެ. ޖުމްލަ ގޮތެއްގައި އަނިޔާ ލިބެމުންދާ އެންމެނަށްވެސް އިންސާފު ހޯދަައިދޭން ޖެހޭނެއެވެ. ތަހުގީގީ އިދާރާތަކަށް ނުވަތަ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުބެލި ލަސްވުމަކީ އިންސާފް ނުލިބުމެވެ. އިނގިރޭސި ހަރުބަހެއްގައި އޮވެއެވެ. ”ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް“ އެވެ. އިންސާފު ލިބުން ކަމަށް ވަނީ އަނިޔާ ލިބުނު މީހާއަށް އެކަން އިހުސާސް ކުރެވުމުނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕް ކުރުމުގެ މައްސަލަތަކާއި މި ނޫން ވެސް ޖިންސީ ގޯނާގެ މައްސަލަތައް ދެނެގަތުމުގައި މިއަށްވުރެ ހަރުދަނާ ގޮތެއް ރައްޔިތުން ބޭނުންވެއެވެ. ކުށް ސާބިތުކުރުމުގައި ހެކި ހޯދޭނެ ގޮތްތައް ބޭނުންވެއެވެ. ކުށްކުރާ މީހުންނަށް، ހައްގު އަދަބު ދޭން ޖެހޭނެއެވެ. ރައްޔިތުން ބޭނުންވަނީ މިފަދަ ހުރިހާ މައްސަލަތަކަށްވެސް ހަމަހަމަކަމާއެކު އިންސާފް ލިބުމަށެވެ. އިންސާފު، ވަކި ބައެއްގެ އެއްޗެއް ކަމަށްވެއްޖެނަމަ އެއަށް އިންސާފެކޭ ނުކިޔޭނެއެވެ. އެއީ ބޭއިންސާފެވެ.

