ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ.ޢަލީ ޝަމީމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޝަމީމް އިސްތިއުފާ ދެއްވާފައިވާ އިރު، ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ރިޕޯޓުން ޝަމީމްގެ ނަން އުނިވާނެކަމަށެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނީ ކޮމިޝަންގެ މެންބަރު ފާތިމަތު އާމިރާ ފިޔަވައި ދެން މެންބަރުންގެ ގޮތުގައި ތިއްބެވި ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ ހުސައިން އަދި މެންބަރު އިބްރާހިމް ޝަހީގް ކޮމިޝަން މެންބަރު ކަމުން ވަކިކުރާށެވެ.
އާމިރާއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ސީއެސްސީގެ މެމްބަރުކަމަށް ޝަމީމް އައްޔަން ކުރެއްވީ އޯގަސްޓް 18، 2015 ގަ އެވެ. އެ ކޮމިޝަންގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުން އޭނާ ކަނޑައެޅީ އޯގަސްޓް 24، 2015 ގަ އެވެ.

