ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް އެ ދާއިރާގައި މަސައްކަތް ކުރައްވާ އަދި ތަޖުރިބާކާރުންގެ ފަރާތުން މުހިއްމު ޚިޔާލުތަކެއް ހުށަހަޅުއްވައިފިއެވެ.
ތައުލީމުގެ ބިލަށް ޚިޔާލު ހޯދުމަށް އާދިއްތަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ފޯރަމްގައި އެދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އަދި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެކަމަނާ ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ތައުލީމުގެ ބިލާއިމެދު ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ކުދިން ސްކޫލަށް ވެއްދުމަށް އެދުމުން ކްލާހުގައި ޖާގަ ނެތްކަމަށް ބުނާކަމަށާއި އެހެންކަމުން ކްލާހެއްގައި ތިބޭނޭ ކުދިންގެ އަދަދު ނުވަތަ ޓީޗަރަކަށް އެންމެ ގިނައިން ބެލޭނޭ ކުދިންގެ އަދަދު އިނގޭނޭ ގޮތަށް ރޭޝިއޯއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ފަޒްނާގެ ޙިޔާލުފުޅަށް ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ބޭފުޅުން ތާއީދު ކުރެއްވިއެވެ.
ތައުލީމުގެ ބިލަށް ދެން ޚިޔާލު ހުށަހެޅުއްވީ ތައުލީމީ ދާއިރާގައި ސަރުކާރުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދި މިހާރު މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ)އެވެ.
އިބްރާ ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުން މާ ބޮޑަށް އިތުރުވުމުން ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ. އަދި ޓީޗަރުންނާއެކު ސްކޫލެއްގައި ގިނަވެގެން ކިޔެވޭނެ ދަރިވަރުންގެ އަދަދެއް ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓީޗަރުން ތަމްރީން ކުރެވޭނެ ނިޒާމެއް އަންނަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ދަރިވަރުންގެ ފެންވަރު ދަށްވާނެ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
މިހާރު ބަޖެޓުން ތައުލީމީ ދާއިރާ ކުރިއަރުވަން ޚަރަދު ކުރަނީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށާއި އެކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ވަކި ޕަސެންޓެއް ތައުލީމަށް ޚަރަދު ކުރަންޖެހޭ ގޮތަށް ތައުލީމުގެ ބިލުގައި ހިމަނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ އިސްލާމް ދީނުގައި ހިލާފު އުފެދޭ މައްސަލަތަކުގެ ވާހަކަތައް ސުކޫލުތަކުގެ ތެރެއަށް ވައްދަން ނުޖެހޭ ކަމަށެވެ. އަދި ބޮޑަށް ކިޔަވައިދެންވީ އިސްލާމީ އުސޫލުތަކަށް އުޅުމާއި އަގީދާ ވަރުގަދަ ކުރުމާއި ވާޖިބުތައް އަދާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިބްރާ ވިދާޅުވީ ކުޑަކުދިންނާ ބެހުމުގެ ތުހުމަތުކުރެވޭ މީހުނަށް ޓީޗަރުންނަށް ނުވެވޭނެކަމަށް ތައުލީމްގެ ބިލުގައި ކަނޑައަޅަންޖެހޭ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދޭން އެ ބިލުގެ ދަށުން ފެށުމުން ޓީޗަރުންގެ ފެންވަރު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި ބިލް އޮތްގޮތުން އޯ ލެވެލް ނިންމުމަށް ފަހު އޭލެވެލް އަށް ޝަރުތު ހަމަނުވާ ކުދިންނަށް ކިޔަވައިދޭނެ އެހެން ނިޒާމެއް ސަރުކާރުން ގާއިމް ކުރަންޖެހެއެވެ.

