ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ: ގައުމީ ސަލާމަތަށް ނުރައްކާވާތީ ކުއްލި މައްސަލައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސައްޙަ ލިޔެކިޔުންނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، ބިލެއްދޫ ދާއިރާގެ އަހުމަދު ހަލީމް( ދޮންބިލެތް) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައަކާއި ހަލީމް ހުށަހެޅުއްވި މައްސަލައެވެ.

މިއީ 19 ވަނަ މަޖިލީހުގައި މި ގޮތަށް ދެ މައްސަލައެއް ހުށަހެޅި ދެވަނަ ފަހަރެވެ. ގުރުއަތުން ހޮވުނީ ހަލީމްގެ މައްސަލަ އަށް ބަހުސް ކުރުމަށެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ގުރުއަތުލާންޖެހެއެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ.

ހަލީމްގެ މައްސަލައިގައި ވަނީ ސައްޙަ ލިޔެކިޔުންނެތި ޤަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލައި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލުން ކުއްވެރިކުރާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

މީގެ އިތުރުން މީހުންގެ މުދަލަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްދުން ނައްޓައިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން އިމިގްރޭޝަން ޑިޕާޓްމަންޓުގައި ހުންނަ ޕައިސިސް ސިސްޓަމަށް އެކްސެސް ވުމުގެ ހުއްދަ 60 މީހަކަށް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

”އިމިގްރޭޝަންގެ ޑިޕާޓްމަންޓްގައި ހުންނަ ޕައިސިސް ސިސްޓަމަށް އެކްސަސްވުމުގެ ހުއްދަ އޮންނަނީ ގަވައިދުން އެންމެ ދެ ބޭފުޅުންނަށް، އެހެން ނަމަވެސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެ ސިސްޓަމަށް އެކްސަސްވެވޭ 60 މީހަކަށް ހުއްދަ ދެވިފައި އޮތް، އެ 60 މީހުންގެ ތެރޭގައި ބަގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނޭ“ ހަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ އިންސާނުންގެ ވަގު ވިޔަފާރިކުރާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނަން އެމެރިކާ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކު ދެ ފަހަރަށް ނިންމި ކަމަށެވެ.

ހަލީމް ވިދާޅުވީ މުސާރަ އާއި ކާނެ ގޮތެއް ނެތި ގިނަ ބިދޭސީންތަކަކަށް ގޮތް ހުސްވެފައިވާ ކަމަށެވެ. މާލޭގެ ބައެއް ފިހާރަތަކުން އުކާލަން ނެރޭ ބައެއް ތަކެތި ކައިގެން އުޅޭ ބިދޭސީން ވެސް ގިނަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލުމުގެ ކުރިން، މި މައްސަލައަކީ ބިދޭސީންނާ ގުޅޭ މައްސަލައަކަށްވެފައި މެންބަރުން ބަހުސް ކުރައްވާއިރު އެއްވެސް ނަސްލެއް، އަދި އެއްވެސް އަވައްޓެރި ގައުމެއްގެ މީހަކާ ގުޅޭގޮތުން ބޭއަދަބީކޮށް ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތެވެ.

ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ވާހަކަ ދައްކަވާއިރު ގައުމުތަކުގެ ހަމަހަމަކަމާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކާއި އަދި ދިވެހީންގެ ގަދަރު ވެރިކަމާއި ހެޔޮކަމާއި އޯގާތެރިކަމަށް ބައްލަވައިގެން ވާހަކަ ދެއްކެވުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: