ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ އެކު މަސައްކަތް ކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ގޮވާލަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ގޮވާލައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙް ވިދާޅުވީ ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސިޔާސީ ފަރާތްކުގެ ޚިޔާލާއި މަޝްވަރާއަށް އެމަނިކުފާނު އަބަދުވެސް މަރުޙަބާ ވިދާޅުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން“ ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށާއި ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީވެސް ޞުލްޙައިގެ މަތީގައި ކަމަށެވެ.

ދިވެހިންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި ވަނީ، މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ޤައުމު އާރާސްތުކުރުމަށް ކަމަށާއި ދިވެހިންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިނުވާ އެއްވެސް ޤައުމެއް މިހާރަކު ނެތް ކަމަށެވެ. އަދި މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނީ، ހުރިހާ ޤައުމުތައް އެކުގައި، މިހާރަށްވުރެ ބޮޑަށް ޞުލްޙައަށް މަސައްކަތް ކޮށްގެން ކަމަށާއި ދިވެހިން ތިބީ، މިހުރިހާ ކަމެއްގައިވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންގެ ފަޚުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ، އާރާސްތުކޮށްދިން ތަނބުތަކަކީ، ދިވެހިންގެ ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ ތާރީޚާއި ސަގާފަތާ މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖުތަމަޢުން، މިސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: