ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތިއްޔާ މިނިވަންކަމަށް ނުރައްކާވާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތިއްޔާ އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ނުރައްކާތައް ކުރިމަތިވަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޅި ދުނިޔެ މިއަދު މިވަނީ، ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައި ކަމަށެވެ.

މި ބަލީގެ ހިޔަނި ނޭޅޭ އެންމެ ޢާއިލާއެއް ރާއްޖޭގައިވެސް ނެތް ކަމަށާއި މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މި ބަލީގެ ޖަރާސީމު ޙަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި ކަމަށެވެ. އަދި  ދިވެހިންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި ކަމަށާއި ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ކޯވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި، ކޯވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި ނަމަވެސް އިޤްތިޞާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، ދިވެހިންގެ އުންމީދު ޙާޞިލެއް ނުވާނެ ކަމަށެވެ. އަދި އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޙާލަތަށް ޤައުމު ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު، ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ޤުރްބާނީގެ މަތިވެރިކަން ހަނދާން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޞިނާޢަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވަގުތަކީ ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ކަމަށާއި އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތަކީވެސް މިއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: