ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބަޔަކަށް ރާއްޖެ ހެދުމަށް ކުރިންސުރެ މަސައްކަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅިގެން ރައީސް ނަޝީދު ދެއްވި ޚިތޯބުގައި ވިދާޅުވީ އައިއެސްގެ ބަޔަކަށް ރާއްޖެ ހެދުމަށް ބަޔަކު މަސައްކަތްކުރި ނަމަވެސް އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ތަފާތު ފިކުރުތައް އުފެދިގެން ދާ ކަމަށާއި ދައުލަތެއްގެ ގޮތުގައި އަރަބި ޤައުމުތައް ބޭއްވުމުގެ ވިސްނުމުގައި މަސައްކަތް ކުރާ މީހުން ރާއްޖެ ވެސް އޭގެ ތެރެއަށް ލުމަށް މަސައްކަތް ކުރާ ކަމަށެވެ.
އައިއެސް ޖަމާއަތުން ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖެއަކީ އެ މީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖޭގައި އެ މީހުންގެ ނެޓްވޯކް ހިންގާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށް ރާއްޖޭގެ ރައްޔިތުންނާއި ސިފައިން ބޭނުމެއް ނުވާނެކަން ޔަގީން ކަށަވަރު ކަމަށެވެ.
”ޝާމް އާއި އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖެއަކީ އެ މީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މި ތަނުގައި އެ މީހުންގެ ނެޓްވޯކް ހިންގާ. އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް“ ރައީސް ނަޝީދު
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށާއި ދިވެހިންގެ ”މިނިވަންކަން ގުޑުވާލެވޭނެ“ އިތުރު ބާރެއް އަދި އިތުރުގޮތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ދިވެހިންނާއި ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަން އޮންނާނީ މުޅި މި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަމުގެ މައްޗަށް ކަމަށާއި ޒަމާނުންސުރެ ދިވެހިން އައީ އިންޑިއާ ކަނޑުގައި މަސައްކަތްކޮށް ދަތުރު ކުރަމުން ކަމަށެވެ.
އިންޑިއާ ކަނޑުގެ މައްޗަށް ބާރު ފޯރުވަން އުޅުނު ކޮންމެ ބަޔަކަށް ވެސް އެކަން ކުރެވިފައި އޮތީ ދިވެހިންނާ އެއްބަސްވުންތަކެއް ވެގެން ކަމަށާއި ދިވެހިންނާއި އެއްބަސްނުވެ އެކަން ކުރެވިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ އައްސޭރިން ބޭރުން އެ ކަނޑުގެ ތެރެއަށް ބަޔަކު އަތްގަދަ ކުރަން އުޅުމުން ވެފައިވާ ގޮތް ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ. އަދި ކުރީގައި އިންޑިއާގެ ކަންނަންނޫރުގެ ވެރިންނާއި ރާއްޖޭގެ ރަދުންނާ ގާތްގުޅެއް އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އަށް ހިމާޔަތް ދިނުމަށް ދިވެހި ދައުލަތާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެވުމަކަށް އައީ 1888 ވަނަ އަހަރު އެވެ. އެ އެއްބަސްވުން ބަދަލުކޮށް ދިވެހިންނަށް ހާރިޖީ ގުޅުން ބޭނުންބަޔަކާ އެކު ބޭއްވުމުގެ ފުރުސަތު ލިބުނީ 1965 ވަނަ އަހަރުގެ ހެދި އެއްބަސްވުމާ އެކު އެވެ.
ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

