ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު ”މިއަދަކީ ވަރަށް ހިތާމަވެރި މިނިވަން ދުވަހެއް“ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން، ރާއްޖޭގެ މިނިވަން ކަން އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލައި، ދައުލަތެއްގެ ގޮތުގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ދިފާއު ކުރުމަށް ދިވެހިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިއީ ޑރ. މުނައްވަރު ސިޔާސީ ކަންކަމާއި ދުރުގައި އުޅުއްވާތާ ދުވަސްތަކެއް ފަހުން، ސަރުކާރަށް މިހާ ބޮޑަށް ފާޑު ވިދާޅުވި ފުރަމަ ފަހަރެވެ.
ޑރ. މުނައްވަރަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މުނައްވަރު ވަނީ ޖޫން 2007 އިން 13 އޮގަސްޓު 2008 އާއި ހަމައަށް އެމްޑީޕީގެ ރައީސްކަމުގެ މަގާމު އަދާ ކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް ކަން ކުރެއްވި ޑރ. މުނައްވަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ކެންޑިޑޭޓު ކަނޑައަޅަން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ވާދަކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން ޑރ. މުނައްވަރު ސިޔާސީ ކަންކަމުގައި އެހާ ބޮޑަކަށް ނޫޅުއްވައެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ބަންޑާރަ ނައިބްކަން ޑރ. މުނައްވަރު ވަނީ 10 އަހަރުވަންދެން ކުރައްވާފައެވެ.

