ހުޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ”މެންދުރު އޮންލައިން“ އިން ފަހުން ނެރުނު ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއް ކަމުން އެ ބަޔާން ނަގައިދިނުދިން މައްސަލަ ފުލުހުންނާއި، މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ ”މަތީން އައި ފޯނު ކޯލެއް“ ގެ ސަބަބުން ކަމަށް ވާހަކަތައް ފެތުރޭއިރު އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާކަމަށް ވާހަކަތައް ދެކެވެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެއެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު އާއްމުން ކުރެއެވެ.
ސަފާރީ ކޭސްއާ ގުޅިގެން ވިކްޓިމްއަށް ވާހަކަތައް ކިޔައިދޭން އުނދަގޫވާ ކަމަށް ބުނެ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިންއަށް ކިޔައި ދިނީ އާޒިމާ ޝުކޫރު ކަމަށް ބުނެ އެ ނޫހުން ފަހުން ބަޔާނެއް ނެރުނެވެ. އާޒިމާ ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށް، އެކަމާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
މައްސަލައިގައި ރިޒާ އެންޑް ކޯއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ”މެންދުރު އޮންލައިން“ ކިޔާ ނޫހެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހު ”ސަފާރީގައި ރޭޕް ކުރި އަންހެން ކުއްޖާގެ ދުލުން އެ ބިރުވެރި ނުބައި އަމަލާއި، އަދި ބޭއިންސާފުގެ ވާހަކަތައް“ ނަމުގައި ލިޔުނު އާޓިކަލްއާއި ބެހޭ ގޮތުން ”މެންދުރު އޮންލައިނުން ނެރޭ ބަޔާން“ ގެ ނަމުގައި ފަހުން ގެނެސްދީފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މެންދުރު އޮންލައިނުން ފުރަތަމަ ގެނެސްދިން ރިޕޯޓަކީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދިމް މައުލޫމާތުކަމަށް ބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
މެންދުރުއިން އާއްމު ކުރި ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް ބަޔާންކޮށް މި މަހުގެ 23 ވަނަ ދުވަހު އެ އޮންލައިނަށް އެންގިނަމަވެސް، އެ ބަޔާން ނަގާފައި ނުވާ ކަމަށެވެ. މައްސަލައިގައި ވީހާވެސް އަވަހަށް ފިޔަވަޅު އަޅައިދިނުމަށް އެދި މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް އެ ލޯފާމުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައި ހޯމީޑިއާ ކައުންސިލްއަށް ވެސް ސިޓިއެއް ހުށަހެޅާފައިވާނެ ކަމަށް ރިޒާ އެންޑް ކޯއިން ވަނީ ބުނެފައެވެ.
ސާފާރީ ކޭސްގެ މައުލޫމާތި ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ސަފާރީގައި ތިބި ދެ މީހުން ފަރާތުން ފުރައްސާރައާއި ކުރިމަތިވާން ފެށުމުން، އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބާއި ގުޅޭގޮތުން މަންނާނު ވިދާޅުވީ ”އަންހެނަކު ސަލާމަތް ވާން ވެގެން، މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެންކަމަށް“ ގަބޫލުކުރާ ކަމަށެވެ. މަންނާނު ވިދާޅުވީ، އެރޭ ސަފާރީގައި ޖިންސީ ގޯނާގެ އިތުރަށް އެހެން ބޮޑު ކަމެއް ވެސް އޭނާއާއި މެދު ހިނގިކަމަށް ބެލެވޭ ކަމަށެވެ.
މަންނާނު ވިދާޅުވީ، އަންހެން މީހާ ތަހުގީގަށް ކިޔައިދިން ގޮތުގައި މޫދަށް ފުންމާލީ އޭނާއި މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްފަހު ދެވަނަ ފަހަރަށް ވެސް އެ އަމަލު ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ. ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް އެތަނުގައި ހިނގާފައި އޮވެދާނެ ކަމަށާއި އަދި ފުލުހުންގެ ފޯކަސްއަކަށް ވާނީ އެކަމެއް ތަހުގީގު ކުރުން ކަމަށް މަންނާނު ވިދާޅުވިއެވެ.
މަންނާނު ވިދާޅުވެފައިވަނީ، މައްސަލަ ކުރިޔަށް ގެންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ސަފާރީ ކޭސްއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭރު ވެސް މަންނާނު ވިދާޅުވަމުން ގެންދިޔައީ އެއީ ޖިންސީ ގޯނާގެ އަމަލެއް ކަމަށާއި، އެ ކޭސް ކުރިޔަށް ގެންދަނީ އެގޮތަށް ބަލައިގެން ކަމަށެވެ.

