އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތުއަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބިފައިވާ މީހެއް ކަމަށް ދީބާޖާ ކުންފުނިން ބުނެފިއެވެ.
ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑްއަށް 174 މިލިއަން ރުފިޔާގެ ބަދަލު ދިނުމަށް ކޯޓުން ބޭރުން އެއްބަސްވެފައި ވަނިކޮށް، އެ ބަދަލު ނުދޭން އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު އެންގެވުމުން ދީބާޖާއިން ވަނީ ޒިޔަތުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
ސަރުކާރާއި ދީބާޖާ ދެމެދު 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއް 2013 ވަނަ އަހަރު ބާތިލު ކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތައް އަންގައިފަ އެވެ. އެހެން ނަމަވެސް ފަހުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ނިންމާ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ދީބާޖާއެކު އެއްބަސްވެފަ އެވެ.
މައްސަލައިގައި ދީބާޖާއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު 2010 ވަނަ އަހަރުގެ ފެބްރުއަރީ 01 ގައި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން ސަރުކާރުން އަދާކުރަންޖެހޭ އިންތިޒާމުތައް އިންފިރާދީ (Altra Virus) ކޮށް ދިވެހި ސަރުކާރުން 2013 މޭއި މަހުގެ 30 ގައި ބާތިލު ކުރުމާއި ގުޅިގެން، ހަމަ އެ ދުވަހު އެއްބަސްވުން ބާތިލު ކުރީ ގާނޫނާއި ހިލާފަށް ކަމަށާއި، އެހެން ކަމުން ޝަރުއީ ކޯޓުތައް މެދުވެރިކޮށް 156 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ހޯދުމަށް ދައުވާ ކުރާނެކަން އަންގައި ދިވެހި ސަރުކާރަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
މައްސަލަ ކޯޓަށް ހުށަހަޅާ ކުރިޔަށް ދިއުމަށްފަހު، ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ދީބާޖާގެ ފަރާތުން މައްސަލަ ހުށަހެޅުމުން އަދި ސަރުކާރުގެ އިރުޝާދަކީ އަދި ދީބާޖާ ވެސް ބޭނުންވާ ގޮތަކީ ކޯޓުން ބޭރުން ސުލްހަވެރި ހައްލެއް ހޯދުންކަމަށް ވުމުން ސަރުކާރާއި އެކު މަޝްވަރާ ކުރެވުނު ގޮތުގެ މަތީން ކޯޓުގައި ހިނގަމުން ދިޔަ ތަންފީޒު މައްސަލަ މަޑުޖައްސާލަ ދިނުން އެދި 2019 ޖުލައި 15 ގައި ދީބާޖާއިން ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެގޮތުގެ މަތީން ދީބާޖާއާއި ސަރުކާރާއި އެކު މަޝްވަރާ ކުރެވި 174 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ސަރުކާރާއި އެކު އެއްބަސްވި ކަމަށެވެ.
އެއްބަސްވުމުގެ ދަށުން 15 ހެކްޓަރުގެ ބިމުގެ ބަދަލުގައި 30 ހެކްޓަރުގެ ބިން ނުވަތަ އެއަށް ވުރެ ބޮޑުބިމެއް ދީބާޖާއަށް ދީފައި ވަނީ ދައުލަތައް ގެއްލުން ނުވާ ގޮތައް އަދި ކަރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމަށް ބުނެފައިވާއިރު އެއީ ދޮގު ވާހަކަތަކެއް ކަމަށް ދީބާޖާއިން ބުނެއެވެ.
ދީބާޖާއިން ބުނެފައިވަނީ އެ އެއްބަސްވުމުގެ މައްޗަށް ކުރިޔަށް ދިއުމަށް ރައީސް ބަންޑާރަ ނައިބަށް އެންގެވުމުން ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އެކަން ގަބޫލުކޮށް ފޮނުވި ސެޓެލްމެންޓު އެގްރުމެންޓު ގަބޫލު ކުރި ކަމަށެވެ. ނަމަވެސް މިކަން މިހެން ހިނގާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ހުށަހެޅި އެ ކޮމިޓީން މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި ބަންޑާރަ ނައިބު ކޮމިޓީއަށް ޙާޒިރު ކުރުމުން ސަރުކާރުން ދީބާޖާއަށް ދިނުމަށް ކަނޑައަޅާފައިވާ ބަދަލު ދިފާއު ކުރައްވައި ވަހަކަ ދެއްކެވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރުމުގެ ގާނޫނީ ބިމާއެއް އަދި ހުއްޖަތެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ.
ދީބާޖާއިން ބުނެފައިވަނީ އޮޑީޓަރ ޖެނެރަލްގެ މަގާމުގައި ހުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުވާ މީހެއް ކަމަށެވެ. ހިޔާނާތުގެ ފައިސާ 18 ވަނަ މަޖިލީހުގެ ޕީޕީއެމް ކެނޑިޑޭޓުންނަށް ހަރަދު ކުރިކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރާއިރު، ޒިޔަތަކީ ވެސް އެ އިންތިހާބުގައި ވާދަ ކުރި ޕީޕީއެމްގެ ކެނޑިޑޭޓެއްކަމަށް ދީބާޖާއިން ވަނީ ބުނެފައެވެ. އަދި ހިޔަނާތުގެ އެންމެ ބޮޑު މޭސްތިރިއަކީ ޒިޔަތުގެ ބޭބެ އަބްދުﷲ ޒިޔަތު ކަމަށާއި އޮޑިޓާރ ޖެނެރަލްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގެނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލު ކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެ ގޯތި ކޮއްކޮއަކަށް ވިއްކާލައިގެން އެއިން ލިބުނު ފައިދާއިން ގޯތި ހަދަމުން ދާއިރު އެކަން މަޖިލީހާއި ދައުލަތަށް ނުބެލޭ ކަމަށެވެ. އެހެން ކަމުން ޒިޔަތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އެ ބަޔާނުގައި ދީބާޖާއިން ވަނީ ބުނެފައެވެ.

