ރާއްޖޭގައި ކޮވިޑު ޖެހޭ މިހުންގެ އަދަދުތައް އިތުރުވެފައިވައިރު މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭން ކޮވިޑުގެ ކޭސްތަކެއް ފެނި، ލޮކްޑައުންގައި ބޭއްވުމަށްފަހު ލުއިތަކެއް ދިން ފަހުން ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި މިހާރު ބައްޔަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
ހެލެތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވަނީ ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކޭސްތައް އިތުރުވެ، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓްސްތައް އިތުރުވާން ފަށާފައިވާއިރު ޑރ. އަފްޒަލް ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. ކޭސްތައް މަތީ ލެވެލްއަކުން ފެންނަތާ ދުވަސްތަކެއް ވެފައިވާއިރު، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ނަމަވެސް އެ އަދަދުތައް ދަށްވެ، ދިވެހިންނަށް ބަލި ޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ފަހުން އައިސް ފެންނަ ކޭސްތަކުގެ ތެރޭގައި ގިނައީ ބަލީގެ އަލާމާތްތައް ހުރެ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންކަން ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތައް އިތުރުވަމުންދާ ގޮތަށް ބަލާއިރު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރަންޖެހޭ ކަމަށެވެ. ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި މިހާރު ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށާއި، އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ކޭސްތަކުގެ އަދަދު ވެސް އިތުރުވާން ފަށާފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި، ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު ބަދަލު ކުރުން އޮތީ އާއްމުންގެ އަތްމަތީގައިކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ބޭރުތެރޭގައި އުޅޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެ ކަމަށެވެ. އެގޮތުން މީހުން ގިނައިން ގޮސް އުޅޭ ތަންތަނަށް ނުދިއުމާއި، ބޮޑެތި އެއްވުންތަކަށް ނުދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
”ކުރިއަށް އޮތްތަނުގައި ހާލަތު މިއަށްވުރެވެސް ގޯސްވުމަކީވެސް އެކަށީގެންވާކަމެއް. އެހެންނަމަވެސް އަބަދުވެސް، ދަންނަވާ ވަހަކައެއް މިއީ، ކުރިއަށް އޮތްދުވަސްތަކުގެ ހާލަތު އޮތީ އާންމުންގެ އަތްމަތީއޭ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަސް ސަމާލުކަންދީގެން އެކަން ކުރާނަމަ، އަދި ބޭރު ތެރޭ އުޅުންވެސް، ކޮންމެހެން ބޭރަށް ދާންޖެހިގެން ބޭރަށް ނުނިކުތުން“ ޑރ. އަފްޒަލް
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ދިވެހިންގެ ތެރޭގައި ބަލި އިތުރުވާން ފެށިއިރު ބައެއް ސްޓަޑީސްތައް ދައްކާގޮތުން ރާއްޖޭގައި މިހާރު ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނަށް ކޮވިޑު ޖެހޭ މިންވަރު އިތުރު ކަމަށެވެ. އަދި އޭގެ ތެރޭގައި ކޭސްއަކުން ޓްރާންސްމިޓު ވެގެން އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހި ހޮސްޕޮޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ.
މިހާރަށް ވުރެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިދާނެ ކަމަށް، ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

