ބައެއްގެ ޕަޕެޓެއްގެ ގޮތުގައި އޮވެގެން ވެރިކަން ކުރާނަމަ ދިވެހިން އަޅުވެތިކަމަކަށް ދާންޖެހިދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބް ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ މިނިވަންކަންމަތީ ގައުމެއް އޮތުމަށް ރަނގަޅު އިގްތިސާދެއް އޮތުން މުހިންމުކަމަށްބުނެ ރައީސް ދެއްކެވި ވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ކަމަށެވެ. ރަނގަޅު އިޤްތިސާދަކާއިނުލާ ދެމެހެއްޓޭނޭ މިނިވަންކަމެއް ނޯންނާނެކަން ދުނިޔެވަނީ ތަޖުރިބާކޮށްފައިކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެފަދަނަސީބެއް ދިވެހީންނަށް ލިބުމުގެކުރީން ނުފޫޒުގަދަބާރުތަކުގެ ޕަޕެޓެއްގެ ގޮތުގައި އޮވެގެން ވެރިކަން ކުރައްވަމުން ގެންދަވާނަމަ، އެކަމުގެ ނަތީޖާއަކަށް ވާނީ ދިވެހިން އަޅުވެތިވުންކަމަށް ސައީދު ވިދާޅުވިއެވެ.
މިނިވަންދުވަހާއި ގުޅިގެން ރައީސ ދެއްވި ޚިތާބުގައި މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގުތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތްނަމަ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދު ވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ސައީދު ވަނީ ރާއްޖެއަށް ފާރަވެރިވާންޖެހޭ ސަރަހައްދުތަކުގައި ދިވެހިންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވާނަމަ ގައުމުގެ ކުރިމަގު ގެއްލިގެންދާނެ ކަމަށެވެ. ރާއްޖޭގެ މައި 3 ކަނޑުއޮޅީގެ މުއާސަލާތީ، އަސްކަރީ އަދި ވަޔާއި އެއްގަމާއި ކަނޑުގައި ފާރަވެރިވުމުގެ އިސްސަފުގައި ދިވެހިންނަށްވުރެ އެހެންބަޔަކު ކުރީގައި ތިބޭނަމަ އެގެއްލެނީ އިގްތިސާދީ މިނިވަންކަަންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ ރޭ މާލެގައި މުޒާހަރާކޮށްފައެވެ. މުޒާހަރާގައި ލީޑަރޝިޕްގެ ބައެއް މެމްބަރުން ބައިވެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

