ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މީޑިޔާތަކަށް މައުލުމާތުދެއްވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ޕޮޒިޓިވްވެފައިވަނީ ރާއްޖެ އައި އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިޔެއް ކަމަށެވެ. އެނާ މިވަގުތު ހުރީ ޗަވެލް ބްލެންކް ރަންދެލީގައި އައިސޮލޭޝަންގައި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެމީހާ ޓެސްޓްކުރީ އަލާމާތްތައް ހުރެގެން ނޫންކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާ ޓެސްޓުކުރިއިރު ޕޮޒިޓިވްވީ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ބޯޑަރު ހުޅުވާލި ފަހުން ބޭރުން އައި މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ދިވެހިންނާއި ފަތުރުވެރިން ހިމެނޭގޮތުން މިހާތަނަށް 3،057 މީހަކު ވަނީ އައިސްފައެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ލޮކްޑައުންއެއްގައި އޮތުމަށްފަހު، މިހާރު ވަރަށް ބޮޑަށް ލުއި ދީފައިވާއިރު، ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މަތިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި މިހާރު ނިސްބަތުން ބިދޭސީންނަށްވުރެ ދިވެހިން ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
އެންމެ ފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 3252އަށް އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭ 77 މީހަކު ވަނީ ޕޮޒިޓިވްވެފައެެވެ.

