ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭރުގެ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގިކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅޭ މައްސަލަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މައްސަލަ މިވަނީ ތަހުގީގު ކުރަން ފަށާފައެވެ.
އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ 19 ވަނަ ރައްޔހިތުންގެ މަޖިލީހަށް ހުށަހެޅީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. އަދި މިހާރު މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައި ކޮމެޓީން ވަނީ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައެވެ.
މެމްބަރު ފަލާހު މަޖިލީހަށް ހުށައެޅުއްވި މައްސަލާގައި ހިމެނޭ ކަންކަމަށް ބަލާއިރު، މައްސަލަ ހުށައަޅާފައިވަނީ ރައީސް ޔާމީން، އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނެވިއިރު ހިންގިކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރިގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށް އެކަން ބަލަމުން ދަނިކޮށް ރައީސް ޑރ މުހައްމަދު ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަސައްކަތް ހުއްޓުވާފައިވާ ކަމަށް ބުނެއެވެ. އަދި ރައީސް ޑރ. ވަހީދު ވެރިކަމާއި ހަވާލުވެވެޑައިގަތުމަށްފަހު ދައުލަތުގެ ފައިސާއިން ހޭދަ ކުރައްވައި އެރިޕޯޓު ބައްލަވައިގަނެ ފޮރުވާފައިވާކަމަށް ތުހުމަތުކޮށް އެރިޕޯޓު ހޯދައި މަޖިލީހަށް ހަވާލުކުރުމަށް މައްސަލާގައި ވަނީ ހުށައަޅާފައެވެ.
ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ 19 ވަނަ މަޖިލީހުން ބަލަން ފަށާފައިވާއިރު މި މައްސަލައަކީ މީގެކުރިން ވެސް މަޖިލީހަށް ހުށަހެޅި ކޮމެޓީ މަރުހަލާއަށް ދިޔަ މައްސަލައެކެވެ. އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހާއި އަދި 18 ވަނަ މަޖިލީހަށް ވެސް މި މައްސަލަ ހުށަހަޅައި މައްސަލަ ތަހުގީގު ކުރުމަށް ގައުމީ ސަލާމަތާއޮ ބެހޭ ކޮމެޓީއަށް ފޮނުވާފައިވެއެވެ. އަދި ޔާމީންގެ މަޖިލީހުގެ މެމްބަތެއްގެ ގޮތުގައި އިންނެވި ދުވަސްވަރު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް މި މައްސަލައިގައި ޔާމީންއާއި ސުވާލުކޮށް ހަދާފައިވެއެވެ. މަޖިލީހަށް ހުށަހެޅި ތެލުގެ ވަގުވިޔަފާރީގެ މައްސަލައަށް ވީގޮތެއް މިހާތަނަށް ސާވުވެފައި ނުވި ނަމަވެސް މައްސަލައަށް މީގެކުރިން ވީގޮތް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކް މިވަނީ ސާފްކޮށްދެއްވާފައެވެ.
މޫސަ ވިދާޅުވީ މީގެކުރިން ވެސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އެކަން ހިނގާދިޔަ ގޮތް ބެލުމަށް މަޖިލީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވުމުން މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން އޭރު އޮތް މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ނިންމައި މައްސަލައިގެ ފައިލް ބަންދުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މައްސަލަ ކުރިއަސް ނުގެންދަން ނިންމި ގޮތުގެ ލިޔުންތައް މިހާރު ވެސް މަޖިލީހުގައި ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ ނުބަލަން މަޖިލީހުން އޭރު ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޮޓަށް ހުށަހެޅި ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމުމާއި ގުޅިގެން ރައީސް ނަޝީދުއާއި ރައީސް ޔާމީންއަކީ ވެސް ދެ ރިޔާސީ ކެންޑިޑޭޓުުން ކަމަށް ވާތީ ކަމަށާއި އެމްޑީޕީގެ ފަރާތުން އެކަމުގައި އުޅުނީ އޭނާ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މޫސަ ވިދާޅުވީ ސިޔާސީ ގޮތުން ހިތްހަޖަ ނުޖެހުން އަންނަ ކޮންމެ ފަހަރަކު މިފަދަ މައްސަލަތައް ނަގައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެދެވޭ ގޮތެއްގެ މަތިން މައްސަލަ ތަހުގީގުކޮށް އެކީއެކަށް ނިންމަން ޖެހޭ ކަމަށެވެ. އަދި މަޖިލީޙުން މިފަދަ ބޭކާރު މަސައްކަތްތައް ކުރުމުގެ ބަދަކުގައި ބިނާކުރަނިވި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ދިރާސާ ކުރާ ޖުޑިޝަރީ ކޮމެޓީން ބޭއްވި ބާއްދަލުވުމުގައި ފާސްކޮށްފައި ވަނީ މައްސަލައާއި ގުޅޭ ފައިލްތައް އޭސީސީގައި ހުރިކަމަށް އެ ކޮމިޝަނުން ބުނެފައި ވާތީ އެ ފައިލްތަކުގެ ކޮޕީ ކޮމެޓީއަށް ހޯދުމަށެވެ. ،ީގެއިތުރުން ތަހުގީގާއި ގުޅޭ އޮޑިޓް ރިޕޯޓާއި ބޭރުގެ ކުންފުނިން މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގެ އިތުރުން ސަރުކާރުން ގެނަފއިވާ ކަމަށް ބުނާ ރިޕޯޓް ވެސް ހޯދުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ އެންޓިކޮރޮޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅިއެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށި ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ތަހުގީގަށް ވީނުވީއެއް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުން ހުއްޓުވަން މަޝްހޫރު އޮޑިޓް ފަރމް ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ އެއްބަސްވެވަޑައިގެންފައެވެ.
2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީޙުގެ މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އަށް 10 މިލިޔަން ޑޮލަރު ދެއްކީ ގްރާންޓް ތޯންޓަން އާއި އެކީގައި ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން އެ މީހުންނަށް ދޭންޖެހޭ ފައިސާއަށް ވާތީ ކަމަށެވެ. ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުން 800 މިލިޔަން ޑޮލަރު ވަގު ވިޔަފާރީގެ އެއްވެސް ފާއިސާއެއް ހޯދިފައިނުވާ ކަމަށެވެ.
ލުތުފީ ވިދާޅުވެފައިވާ ގޮތުގައި ގްރާންޓް ތޯންޓަން ކުރި މަސައްކަތުން އެއްވެސް އެއްޗެއް ރިކަވަރކުރެވިފައި ނެތެވެ. މއަދި 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި ސިންގަޕޯރ ދެ އޮފީހަށްވެސް އޭސީސީން ދިޔަ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ގްރާންޓް ތޯންޓަން އިން ގެންގުޅުނު ހުރިހާ ފައިލްތަށް އޭސީސީގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގްރާންޓް ތޯންޓަންއިން މަސައްކަތް ކުރި ގޮތުގެ އެއްވެސް ރިޕޯރޓެއް ނެތް ކަމަށާއި ނަމަވެސް ގްރާންޓް ތޯންޓަންއާއި އެކު ދިވެހި ސަރުކާރުން އެއްބަސް ވުމެއް ވެފައިވާކަން ލުތުފީ ފާހަގަ ކުރެއްވިއެވެ.
ލުތުފީ ވިދާޅުވެފައިވާ ގޮތުގައި ދިހަ މިލިއަން ޑޮލަރު ދެއްކި މައްސަލަ ނިންމި ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގައި، އެސްޓީއޯގެ ޗެއާމަނަކަށް ޔާމީން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް އޭރުގެ އޭސީސީގެ ރައީސް ލުތުފީ ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި، ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިއްސާދާރުންނަށް ހަދައި މޯކަމްގެ ނަމުގައި ސިންގަޕޫރުގައި އުފެއްދި ކުންފުނިން ތެޔޮ ވިއްކީ، އޭރު ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އަސްކަރީ ވެރިކަމެއް ހިންގަމުން ދިޔަ ބަރުމާއަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް އިންކުއަރީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލަ ބަލަމުންދިޔަ އެވެ. އެ މައްސަލައިގައި އޭރު މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރިކުރިކަން އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.

