ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ މީހުންނަށް ފިޔަވަޅު ނާޅާތީ، ދީނީ ޖަމިއްޔާތައް: މިއީ ”ވައްކަން ކުރުމުން ވަގު އަތުގައި އޮތް ދަބަސް ނަގާ، އޭނާ ދޫކޮށްލުން“!

ޖަމިއްޔާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ހަޖޫޖަހާ ރިޕޯޓު އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކަށް އެޅި ފިޔަވަޅަކީ ”ވަގަކު ވައްކަން ކުރުމުން، ވަގު މީހާ އަތުގައި އޮތް ދަބަސް ސަރުކާރަށް ނަގާ އެ މީހާ ދޫކޮށްލުން ފަދަ ކަމެއް“ ކަމަށް 11 ޖަމިއްޔާއެއް އެކުވެ އާއްމު ކުރި ބަޔާނެއްގައި ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި، އުތެމަ އިން އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހިމަނާ ރިޕޯޓުތަކެއް އާއްމުކޮށްފައިވާތީ ތަފާތު 11 ޖަމިއްޔާއެއް އެކުވެ ވަނީ އިއްތިހާދެއް ހަދާ ބަޔާނެއް އާއްމުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެންޑީއެމް އިން ”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

11 ޖަމިއްޔާއެއް އެކުވެ މީޑިއާތަކާއި ބައްދަލު ކުރައްވާ، މައްސަލައިގައި އިސްކޮށް އުޅުއްވާ އިބްރާހީމް މުޙައްމަދު ވިދާޅުވީ އިސްލާމް ދީނަށް ގޮންޖަހާ، ދީނުގައި އަންގަވާފައިވާ އެންގުންތަކާއި ދެކޮޅަށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ފުރައްސާރަކޮށްފައިވާކަން ރާއްޖޭގެ އިލްމުވެރިންނާއި، ފުލުހުންގެ ތަހުގީގަށް ވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތައް އަދި ޖަމިއްޔާތަކުން ވެސް ބަޔާން ނެރުނު ކަމަށެވެ. އެމްޑީއެންއާއި ދެކޮޅަށް އަޑުއުފުލާ، ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލުމުން މިދިޔަ އަހަރުގެ ޑިސެމްބަރު 19 ގައި ޖަމިއްޔާ އުވާލި ނަމަވެސް، އެ ރިޕޯޓު ލިޔުމުގައި އިސްކޮށް އުޅުނު އެއްވެސް މީހަކަށް އެޅުނު ފިޔަވަޅެއް ނެތް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީއެންއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެ ރިޕޯޓު ލިޔުމުގައި އިސްކޮށް އުޅު މީހުންނަށް ވެސް އަދަބު ދޭން ޖެހޭނެ ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރެވެން ހުރި ދައުވާތައް އުފުލާ، ގާނޫނީ އިޖުރާތްތައް ފުރިހަމަ ކުރުމަށް ގޮވާލާ އިބްރާހިމް ބުނެފައިވަނީ ފެނިގެންމިދަނީ ”ވަގަކު ވައްކަން ކުރުމުން، ވަގު މީހާ އަތުގައި އޮތް ދަބަސް ސަރުކާރަށް ނަގާ އެ މީހާ ދޫކޮށްލުން ފަދަ ކަމެއް“ ކަމަށެވެ. އެހެން ކަމުން މިހާރު ފެންނަނީ، ގާނޫނަށް ޖޯކު ޖަހާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

މައްސަލައިގައި އެމްޑީއެންއަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިވަނިކޮށް އެންމެފަހުން މަދަނީ ޖަމިއްޔާ ”އުތެމަ“ އިން ހަމައެފަދަ ރިޕޯޓެއް ނެރެ އިސްލާމް ދީނާއި ހިލާފު ކަންކަމާއި، ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމާއި މެދު ސުވާލު އުފެއްދި ކަމަށެވެ. އަދި އެކަންކަން ބަލައިގަތުމަށް ގޮވާލާ އުތެމަގެ ރިޕޯޓުގައި ކަންކަން ހިމަނާފައިވުމަކީ ނުރައްކާތެރިކަމެއްގެ ފެށުންގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމްޑީއެން އަދި ފްރާންސްގެ އިންޓަނޭޝަން ފެޑަރޭޝަން ފޯރ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް) ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު 3 ގައި ތައްޔާރުކޮށްފައިވާ ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ވަނީ ދިވެހި ރާއްޖޭގައި ފައްޅި އެޅުމަށާއި، ޣައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި ކަމަށެވެ. އަދި ޒިނޭ ކުރުމުގެ ހައްދު ގާނޫނީ އުގޫބާތުން އުނިކުރުމަށާއި، ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ހައްދުތަކަށް ފާޅުގައި އިންކާރުކޮށްފައި ކަމަށެވެ. އަދި މީގެ އިތުރުން ދިވެހި ރާއްޖޭގައި ޖިންސީ ގުޅުންތައް އެއްވެސް ހުރަހެއް ނެތި ހިންގުމަށާއި އެފަދަ ކަންތައް ކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަށް ވެސް އޭގައި ގޮވާލާފައިވާ ކަމަށެވެ.

”މިއީ ދިވެހި ރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް ގޮންޖަހާ ދިވެހި ދައުލަތުގެ ހަމައެކަނި ދީންކަމަށް ވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްގެ ގޮތުގައި ދެކެން. އަދި މިފަދަ އަމަލުތައް މި ފަސްގަނޑުގައި ހިނގައިގެންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މިގޮތަށް ތަކުރާރުކޮށް ފާޑު ފާޑުގެ ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި، ދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ މުޖްތަމައުގައި ނަފްރަތު އުފެއްދުމުގެ އަމަލެއްކަމާއި މެދު އެއްވެސް ޝައްކެއް ނުކުރަން. އަދި މިއީ ދީވެހިންގެ ދީނަށް އިހުތިރާމް ކުޑަކުރުން.“ އިބްރާހިމް

މީގެ އިތުރުން ދިވެހި ރާއްޖޭގެ ހުރިހާ މުވައްސަސާއެއް އަދި ރައީސުލްޖުމްހޫރިއްޔާއާއި، މެމްބަރުން އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި އެކި އިދާރާތަކުގެ ވެސް އިސްކޮށް ތިއްބަވާ ފަރާތެއް މަގާމާއި ހަވާލުވާއިރު އެ ކުރައްވާ ހުވާގައި ވެސް ވަރަށް ސާފުކޮށް އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ އިސްފައިވާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ދީންތަކުގެ އާދަކާދައާއި ގުޅުންތައް މި ދިވެހި ގައުމަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެ ބައެއްގެ ހުވަޔަށް އިހުމާލުވުންކަމުގައި ބެލެވި، ދައުވާ ވެސް ކުރެވޭނެ ވަރުގެ ކަމެކެވެ. އެހެން ކަމުން ވީހާވެސް އަވަހަށް މިކަމާއި ދެކޮޅަށް ފިޔަވަޅު އަޅާ، ރާއްޖޭގެ ގާނޫނުތައް ނަގަހައްޓުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންތައްތަކެވެ.

ގުރުއާނުއާގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

އެމްޑީއެންއަށް އަމާޒުވި ފާޑުކިޔުންތަކާއި އެކު، އެ ޖަމިއްޔާ މިހާރު ވަނީ އުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: