ފަތުރުވެރިންނަށް ދިވެހިރާއްޖެ ވެގެންދާނީ މިހާލަތުގައިވެސް ރައްކާތެރި ތަނަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރިސެޕްޝަންގައި ވާހަަކަފުޅު ދައްކަވަމުން ރައީސުޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހާއި ރާއްޖެ ބައްދަލުކުރިއިރު ގައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާއި ޚާއްސަކޮސް ސޯޝިއޯ އިކޮނޮމިކް އަދި ސައިކޮލޮޖިކަލް ގޮންޖެހުންތައް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިހާރު އެކި ފަރާތްތަކުގެ އެހީ އާއި އެއްބާރުލުމާއެކު ނިއު ނޯމަލްއެއްގައި ރިކަވަރީއާ ދިމާލަށް ދަތުރުކުރަމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިކަމުގައި އިންޓަނޭޝަނަލް ކޮމިޔުނިޓީ ނުވަތަ ބައިނަލްއަގްވާމީ މުޖުތަމައުއިން ދެއްވާ އެއްބާރުލުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ
ގޮންޖެހުންތަކާއި ކުރިމަތިލައި އެކަަންކަމުން އަރައިގަނެވޭނީ މުޅި ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަދިވެސް ރާއްޖެއަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިގްތިސާދު ކުރިއެރުވުމުގައި ގައުމުތަކުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިހާލަތުގައިވެސް ފަތުރުވެރިންނަށް ރާއްޖެވެގެންދާނީ ވަރަށް ރައްކާތެރި ގައުމެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ރިޒޯޓްތައް މިހާރު ހުޅުވާލާފައިވާިއރު، ރިޒޯޓްތައް ތަރައްގީކޮށްފައިވަނީ ވަކި ވަކި ރަށްތަކެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެގެ އިގްތިސާދު ކޮޅަށް ޖެހުމަށް ރިޒޯޓްތަކަށް، ގެސްޓް ހައުސްތަކަށް އަދި ސަފާރީތަކަށްވެސް ފަތުރުވެރިން އައުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާލަތުގައިވެސް ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަކޮޅު ނިންމަވާލައްވަމުން ރައީސް ވަނީ، ކޮވިޑް-19ގެ އިތުރަށް، އިތުރު އެހެން މައްސަލަތައް ހައްލުކުރުމަށް ނުވަތަ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ގައުމުތަކުގެ ގުޅުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ކަމަކާއި ކުރިމަތިލާއިރުވެސް ހުރިހާ ގައުމުތައް ގުޅިގެން ކުރިމަތިލުން މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ.

