ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާތީ މީޑިއާ ކައުންސިލްގެ ކަންބޮޑުވުން

26 ވަނަދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެތެރެއިން. ނޫސްވރިންނަށް ފުކުހުނަވަނީ ހުރަސްއަޅާފައި. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުން ހުރަސްއަޅާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަހަކަށްއައިސް ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިފަަދަ ކަންކަމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެއްނޫން ކަމަށެވެ.

މީޑިއާ ކައުންސިލުން ހާމަކުރިގޮތުގައި މި މަހުގެ 26 ވަނަދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރުމުގައި ނޫސްވެރިންނަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. މި ގޮތުން އެ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާފައިވާކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުންދާކަމަށް ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ. މި ގޮތުން މުޒާހަރާގައި ހަރަކާތްތެރިވި ނޫސްވެރިން މަންޒަރު ނުފެންނަ ހިސާބަށް އެ ތަނުން ދުރަށްޖައްސައި ހަދާފައިވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ވެސް ބުނެފައިވެެއެވެ.

26 ވަނަ ދުވަހުގެރޭ ކުރިއަށް ދިޔަ މި މުޒާހަރާގައި ފުލުހުން ހުރަސްއަޅާފައިވާކަން ފާހަގަކުރައްވައި މީޑިއާ ކައުންސިލުގެ ބަޔާނުގައިވަނީ ޞުލްހަވެރިކަމާއެކު އެއްވެއުޅުުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ ބ ގައިވާ ’މީޑިއާގެ މަސައްކަތަށް ހުރަސްއެޅުން‘ އެއީ މުޒާހަރާތަކުގައި ވެސް ފުލުހުންނަށް ނުކުރެވޭނެ ކަންތައްތައްކަމަށް ބުނެފައެވެ.

މީގެ އިތުރުން ވެސް ފުލުހުން ނޫސްވެރިންނާމެދު ހަމަހަމަ އުސޫލު ގެންގުޅެފައިނުވާކަމަށް މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން ބ.ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ނިކުމެ ހިންގި ހަމަނުޖެހުންތައް ކަވަރުކުރުމަށްޓަކައި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތެއް ނުދޭކަމަށް ވެސް ބުނެފައިވެެއެވެ.

މީޑިއާ ކައުންސިލުން ހާމަކުރިގޮތުގައި ހަމަހަމަކަމާއި އިންސާފުވެެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާއަކާއި ހުރިހާ ނޫސްވެރިންނަށް ވެސް ލިބޭކަން ކަށަވަރުކުރުމަކީ އެ ކައުންސިލުގެ ޒިންމާއެކެވެ. މި ގޮތުން ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން ނޫސްވެރިންނަށް ހުރަސްއެޅޭފަދަ ޢަމަލުތައްކުރުމަކީ އެ ކައުންސިލުން ބަލައިގަންނާނެކަމެއް ނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުން ވަނީ ޤައުމުގައި ހިނގާ ބޮޑެތިކަންކަން ކަވަރުކުރުމުގައި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތުދިނުމަށާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންކަން ނުކުރުމަށް މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. އަދި ފާސްއަޅައިގެން އުޅުމަށާއި ޤާނޫނީއިމުގެތެރޭގައި މަސައްކަތްކުރުމަށް ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: