މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ވާހަކައަކީ ދޭތެރެދޭތެރެއިން އަޑު އިވޭ ވާހަކައެކެވެ. ޚާއްސަކޮށް ކޮވިޑް-19ގެ މިހާލަތުގައި މިވާހަކައަކީ ތަކުރާރުކޮށް އަޑުއިވެމުންދާ ވާހަކަތަކެވެ. މިވާހަކަތަށް ނުވަތަ މިޝަކުވާތަކާއި ގުޅިގެން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވަނީ ކޮވިޑްގެ ހާލަތުގައި މީޑިޔާތަކާއިވެސް ބައްދަލުކުރައްވާފައެވެ.
ދާދިފަހުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރ ހާޒިރުކުރެއްވުމުންވެސް، ކޮމިޓީގެ ބައެއް މެމްބަރުން ވަނީ މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން، މަސްވެރިން މަސް ކިރުމަށްފަހު ފައިސާ ނުލިބި ލަސްވުމުގައި ހުރީ ކޮން ސަބަބުތަކެއްތޯ މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.
ކޮމިޓީއަށް ހާޒިރުކުރެވުނު ދުވަހު މިނިސްޓަރ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށާއި އެހާތަނަށް ނުދެވި ހުރީ 12 މިލިޔަނެއްހާ ރުފިޔާ ކަމަށެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ، މިފްކޯއަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބޭރުން މަސް ގަންނަ އަގަށްވުރެ ބޮޑު އަގެއްގައި މިފްކޯއިން މަސް ގަންނަން ޖެހުން ކަމަށެވެ. އެހެންކަމުން ސަރުކާރުން އަބަދުވެސް ޖެހެނީ ސަބްސިޑައިޒްކުރަން ކަމަށާއި އެހެންނަމަވެސް، މިހާލަތުގައި އެކަން ނުވާނެކަން ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މިފްކޯއިން މަސް ގަންނަން ޖެހެނީ ބޭރުން ގަންނަ އަގަށްވުރެ ބޮޑު އަގަކަށް. މިހާލަތަކީ ދައުލަތުން ސަބްސިޑައިޒް ކުރެވޭނެ ހާލަތެއް ނޫން.“
މިނިސްޓަރ ޒަހާ ވިދާޅުވީ، އަބަދުވެސް މަސްވެރިންނަށް ހަމަ އަގު ނުލިބޭކަމުގެ ޝަކުވާތައް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، ބޭރުން ގަންނަ އަގަށްވުރެ ބޮޑު އަގެއްގައި މިފްކޯއިން މަސް ގަތުމުން، މިފްކޯއަށް ގެއްލުންވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ހަމަ އަގު ކަމުގައި ބެލެވޭނީ ދެފަރާތަށްވެސް ގެއްލުންނުވާ އަގެއް ކަމަށެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަސްވެރިންނަށް ފައިސާ ދިނުން ލަސްވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަަދަދު ގާތްގަނޑަކަށް 80 މިލިޔަން ރުފިޔާއަށްވެސް އަރިގެންދިޔައެވެ. އެހެންނަމަވެސް، އެފައިސާވެސް ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މަސްވެރިކަމުގެ ދާއިރާގައި ދިމާވާ އިތުރު ގޮންޖެހުންތަކަށް ބަލާއިރު، ރަޖިސްޓްރީ ކޮށްގެން ހިންގަނީ ހަމައެކަނި ދޮށީގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަންކަމަށް ޒަހާ މީގެކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ބޭރުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ކުރާ ފާނައިގެ މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަން އަދި ފަރުމަހުގެ މަސްވެރިކަމަކީ ރަޖިސްޓްރީނުކޮށް ކުރާ މަސްވެރިކަންކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މިފަދަ ދަތި ވަގުތުތައް ދިމާވާއިރު އެފަރާތްތަކުގެ ކަންކަން ހައްލުކުރުމަށް ދަތިތަކެއް ކުރިމަތިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެފަރާތްތަކުގެ ތަފާސްހިސާބެއް ބެލެހެއްޓިފައި ނުވާތީ، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުންނަކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައިވެސް ރަޖިސްޓްރީކޮށްގެން ހިންގައި މަސް ދޯނިތަކަށް ފުރުމުގެ ހުއްދަ ދޫކުރިނަމަވެސް، ރަޖިސްޓްރީ ނުކޮށް ނުވަތަ ފްރީލާންސްކޮށް މަސް ބާނަންދާ މީހުންނަށް އެހުއްދަ ނުލިބުމުގެ ސަބަބުން އޭރު ވަނީ ޝަކުވާތަކުގެ އަޑު ވަރަށް ބޮޑަށް ގަދަވެފައެވެ. އަދި އެޝަކުވާތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ފްރީލާންސްކޮށް މަހަށްދާ މީހުން ރަޖިސްޓަރ ކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔަރުވަމުންދާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން އޭރު ވަނީ ބުނެފައެވެ.

