ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކުރެއްވި، މައްސަލަ ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން އިންޓަރ ޕާލިމެންޓްރީ ޔޫނިއަން އިން ބަލަމުންދާކަމަށް ޚުދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް މަޖިލީހުގެ ބައެއް މެންބަރުން އަނިޔާކޮށްފައިވަނީ، މި ހުސްވި ޖޫން މަހުގެ 02 ވަނަ ދުވަހުގައި ޤާނޫނުއަސާސީ އިސްލާހުކުރުމަށް ބޭއްވި ޖަލްސާގައެވެ.
ޖޫންމަހުގެ 02 ވަނަ ދުވަހުގެ 01:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޝިޔާމަށް އަނިޔާކުރި މައްސަލަ މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. މި ގޮތުން އެ މައްސަލަ އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރެއްވުމަށް އިދިކޮޅުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. މި ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާއި ޚިލާފުވެ، އެ މަނިކުފާނުގެ އެންގެވުމަށް، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގައި، ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަކީ، ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަޙުޤީޤެއްކަން ކަށަވަރުކުރުމުގެ ގޮތުން، އެ ތަޙުޤީގު ކުރިއަށްދާގޮތް ވީހާވެސް ގާތުން ބައްލަވައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމަށް ވެސް ވަނީ ސިޓީ ފޮނުވާފައެވެ.
މީގެ އިތުރުން ޝިޔާމް ވަނީ މި މައްސަލަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންއަށް ވެސް ހުށަހަޅާފައެވެ. މި ގޮތުން ޝިޔާމް ”ސަންގަށް“ މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އައިޕީޔޫއިން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެ މައްސަލަ ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުންދާކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އެ މައްސަލަ ބަލަމުންދަނީ އައިޕީޔޫގެ ހިއުމަން ޝެކްޝަނުންކަމަށާއި، މައްސަލަ ބަލަމުންދަނީ އެ ޝެކްޝަނުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އެ މައްސަލައާއި ގުޅިގެން އިންކުއައިރީސްތައް އައިސްފައިވާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ބަލަމުން އަންނަކަމަށާއި، ނަމަވެސް އިންސާފުވެރިކަމާއެކީގައި، އަދި ހަލުވިކަމާއެކު ބެލޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް ވެސް ޝިޔާމްވިދާޅުވިއެވެ. އަދި އޭގެ ޒާތުގައި އެ މައްސަލަ ކުރިއަށް އެބަދާކަމަށާއި، އެ މައްސަލަ ބަލަމުން އަންނަނީ ބަރަވެލި ސްޕީޑްގައިކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެންނަށް ފޮނުވާފަ އޮތް ސިޓީއެއްގަ އޮންނަނީ، އެ މައްސަލަ ވަރަށް ހައި ޕްރަޔޯރިޓީގަ އެބަބަލަމޭ، ދެން މި އައިޕީޔޫގެ ހިއުމަން ޝެކްޝަނެއް އިންނާނެ. އެ ޝެކްޝަނުން އަސްލު އެ މައްސަލަ ބެލިގެން އެދަނީ. ދެން އަޅުގަނޑު ޤަބޫލުކުރާގޮތުގަ މި އެކަމާ ގުޅިގެން އަސްލު އިންކުއައިރީ ވަނީ އެ ފޮނުވަންޖެހޭ ފަރާތްތަކަށް. ފޮނުވާފަ އެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް، އަދި އެ މުއައްސަސާ ރައްޔިތުންގެ މަޖިލިސްކަމުގަވިޔަސް، ރައްޔިތުން މަޖިލީހުގެ ވަކިވަކި މެންބަރުންކަމުގަ ވިޔަސް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް މަޢުލޫމާތު ލިބުނުގޮތުގަ ބައެއް އިންކުއައިރީސްތައް އެ މެންބަރުން އެބަހުރި އައިސްފަ އިނގޭތޯ އެކަމާ ގުޅިގެން. ދެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް އެ މައްސަލަ ބަލަމުން އެބަގެންދޭ، ދެން މި މައްސަލަ އަޅުގަނޑުމެން ވެސް ޤަބޫލުކުރަން. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން މި މައްސަލަ އިންސާފުވެރިކަމާއެކީގަ އަދި އެ ބޭނުންވާ ސްޕީޑަކު ވެސް ބެލޭނެކަމަކަށް. އެހެންވީމަ އޭގެ ޒާތުގަ އެ މައްސަލަ ކުރިއަށް އެބަދޭ އެ ސްޕީޑްގަ ބަރަވެލި ސްޕީޑްގަ.“ ޝިޔާމް
ޝިޔާމަށް އަނިޔާކުރި މައްސަލައާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ވެސް ބޮއިކޮޓްކޮށްފައެވެ. މީގެ އިތުރުން ޖުޑިޝަރީއާއި ކޯޓުތައް މުށުތެރެއަށް ލައްވަވައި، ރައްޔިތުންގެ މަޖިލީހަކީ ވާދަވެރިންނަށް އަނިޔާކުރާތަނަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްދަވާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ވާދަވެރިންނަށް އަނިޔާކުރާ ތަނަކަށް ރައީސް ނަޝީދު ހައްދަވާފައިވާކަމަށް ވެސް، އެ ސިޓީގައި ބުނެފައިވެއެވެ.

