ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ކޭސްތައް ރިކޯޑު އަދަދަކަށް މައްޗަށް، އިދިކޮޅުން ބުދަ ދުވަހުގެ ރޭ ވެސް އިހުތިޖާޖަށް!

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުކުރާހާ ހިނދަކު، އަދި މި ސަރުކާރު ބަދަލު ނުކުރެވެނީސް އެއްވުންތައް ހުއްޓާނުލާނެކަމަށް ބުނެ އިދިކޮޅުގެ މުޒާހަރާތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނެ ކަމަށް އިއުލާނުކޮށްފިއެވެ.

”އެންމެން އެއް އަޑަކުން“ ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ މި މުޒާހަރާއަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖެކެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނާ ގޮތުގައި މިއީ ސީދާ ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމު ކުރާ ހަރަކާތެއް ނޫނެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕާއި، ކައުންސިލް މެމްބަރުން އަދި އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ މީހުން މި އެއްވުމުގައި ވަނީ ބައިވެރިވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، ކުރިޔަށް ގެންދިޔަ އެ އެއްވުން އެންމެ ފުރަތަމަ ފެށިގެން އައީ ޗާނދަނީ މަގާއި، މަޖީދީ މަގު ހަތަރު އަނގޮޅިއަށް ވާ ހިސާބުންނެވެ. 08:30 ފެށި އިހުތިޖާޖުގައި އަޑު އުފުލަމުން ދިޔައީ މި ސަރުކާރަކީ އެއްވެސް ގާބިލުކަމެއް ނެތް ސަރުކާރެއްކަމަށް ބުނެއެވެ. އަދި ރައްޔިތުންނަށް ދެނީ އަނިޔާތައް ކަމަށާއި، ކޮވިޑުގެ ނުރައްކަލުގެ ތެރެއިން ވެސް ސިވިލް ސާވިސް މުވަައްޒަފުންގެ މުސާރަތައް ކަނޑާލުމާއި، މުވައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑި ހިމެނޭހެން އެލަވެސްންސްތައް ކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް ދިވެހި ފުލުހުންގެ ބިލަށް ވެސް ފާޑުކިޔުން އަމާޒުކޮށް ވަނީ މިއީ ނިޒާމުގެ ތެރެއަށް އަތް ބޭނުންކަމަށް ބުނެފައެވެ.

https://twitter.com/Meythss_/status/1288151467132559360

އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސާލުމަށް ކުރި މަސައްކަތުގެ ތެރެއިން، ޗާނދަނީ މަގުން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައިވެރިން ޗާނދަނީ މަގު ގޯޅިތެރެއަށް ޖައްސާ ބެރިކޭޑު ޖެހުމުން، ދެން ބައިވެރިން އެ ގޯޅީގެ ތެރެއިން ނިކުތީ މާވެޔޮ މަގަށެވެ. އަދި އެއްވެސް ގައިދުރުކަމެއް ނެތި ބިންމަތީ އިށީނދެ ސަރުކާރުގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ. އިދިކޮޅުން ވަނީ ރާއްޖޭގައި އިންސާފުވެރި ފަނޑިޔާރު ގެއެއް ނެތް ކަމަށް ބުނެފައެވެ. އަދި ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ޖިންސީ ގޯނާގެ މައްސަލަތަކަށް ސަރުކާރުން އިސްކަމެއް ނުދޭކަމަށް ބުނެ އަޑުއުފުލާފައިވެއެވެ.

މުޒާހަރާގެ ތެރެއިން ހަމަނުޖެހުންތައް ވެސް ހިނގައިދިޔައިރު، ބައިވެރިން ހިނގާލުން ކުރިޔަށް ގެންދިޔައީ އެކި ގޯޅިތަކުގެ ތެރެއިންނެވެ. އަދި ފުލުހުންގެ ސަފުތައް ފޫއަޅުވާލާ ސޯސަން މަގު ހަތަރު އަނގޮޅީގައި މަގު ބަންދުކުރުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އަދި އެ ތަނުގައި އަޑުއުފުލަށްމަށްފަހު ދެން މިސްރާބު ޖެހީ ޕާޓީ އޮފީހަށެވެ.

އިހުތިޖާޖު ނިންމާލުމުގެ ގޮތުން ވާހަަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ސިލްސިލާ އެއްވުންތަކެއް ކަމަށާއި މުޒާހަރާތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށް ބުނެ ވަނީ، ރައީސް ސޯލިހްގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ނުކުރާހާ ހިނަދަކު އެއްވުންތަކަށް އެއްވެސް ހުއްޓުމެއް ނެތި ކުރިޔަށް ދާނެ ކަމަށެވެ.

އެއްވެސް ގައިދުރުކަމެއް ނެތި އެއްވުމެއް އިދިކޮޅުން ކުރިޔަށް ގެންދިޔައިރު، މިރޭ ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރި މީހުންގެ އަދަދު 137 އަށް އަރައެވެ. ގިނަ އާއްމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އިދިކޮޅުގެ މި އެއްވުންތައް ހުއްޓުވުމަށް ވެސް ގޮވާލާފައެވެ. އަދި މިއީ ކަލަސްޓާތަކެއް އުފެދި ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި އާއްމުން ދަނީ ފާހަގަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: